ޝައްފާން މަރާލި ހަތަރު މީހުން އުމުރަށް ޖަލަށް

ޝައްފާންގެ މަރުގެ ޝަރީއަތުގެ ތެރެއިން--

ތޫނު އެއްޗަކުން ހަމަލާދީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި ހަތަރު މީހުން އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝައްފާނަށް ހަމަލާދީ މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން އަންނަ ސަބްދޭރިޔާ މަގު، ގ. ރޯޒީގެ ކައިރީގައި ހުއްޓައެވެ. އޭނާ އަށް ހަމަލާދީފައި ވަނީ އެރޭ މެންދަމު 2:00 ހާއިރުއެވެ.

އޭނާއަށް ހަމަލާ ދިންތާ ފަސް ވަރަަކަށް މިނިޓުތެރޭ ހޮސްޕިޓަލަށް ގެންދެވުނުނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު، ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ.

މި ހަތަރު މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަން އަދި ފޭރުމާއި މާރަމާރީގެ ކުށުގެ ރެކޯޑު އޮންނަ ހަތަރު މީހުންނެވެ. މި މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައިވަނީ 2018 ޑިސެމްބަރު 12 ގައެވެ.

https://sun.mv/110382

މީގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ދައުލަތުން އުފުލިއިރު، އައިމަންއާއި ނަބާހުގެ މައްޗަށް އުފުލައިފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވި ކަމުގެ ދައުވާއެވެ.

އެ ހަތަރު މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިޔަސް އެ މީހުން ތަންފީޒު ކުރަންޖެހެނީ 21 އަހަރާއި 10 މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ މިހާތަނަށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބީމައެވެ.

ރާއްޖޭގެ ގާނޫނު ބުނާގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ.

އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައިނުވަނީ މައްސަލައިގެ ސިއްރު ހެކިވެރިއަކު ކޯޓަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ކަމަށް އެ ހުކުމްގައިވެއެވެ. އޭނާ ހެކިބަސް ދިނީ ޒާތީ ހަސަދަވެރިކަމެއްގައި ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އެހެންވެ، އޭނާގެ ހެކިބަސް ބަލައި ނުގަންނަން މައްސަލަ ބެއްލެވި ގާޒީ ނިންމެވީއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް