ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މޫމެން މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އެ ގައުމުގެ ފޮރިން ސެކެޓްރީ މޫމެން މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި އޭނާ ވިދާޅުވީ ޝައިހް ހަސީނާ މި އަހަރުގެ ތެރޭ ދަތުރުފުޅެއް ކުރައްވާނެކަމަށެވެ.

އެއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ސަރަހައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި އިގްތިސާދީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މޫމެން މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު މި ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ ވަނީ އެ ގައުމުގެ ފޮރިން ސާވިސްގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ފޮނުވުމަށް ރާއްޖެއަށް ދައުވަތު އަރުވައިފައެވެ.

މިއަދު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން ސެކެޓްރީ މޫމިންވަނީ ރާއްޖެއިން ކޮވިޑް19 އިން ދިފާއުވުމަށް އެޅި ފިޔަވަޅުތަކަށް ވެސް ތައުރީފްކުރައްވައިފައެވެ.

މި ބައްދަލުކުރެެއްވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަމަށް ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް