އާ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ޔަގީން ކުރެވޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން

ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރ ޑރ ނަޒްލާ ރަފީގު-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ޔަގީން ކުރެވޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ދުނިޔޭގެ ބައެއް ގައުމުތަކުން ފެނުމާ ގުޅިގެން، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޒްލާ ވިދާޅުވީ، މި ވޭރިއަންޓް އެހެން ވޭރިއަންޓް ތަކަށްވުރެ ހަލުވިކޮށް ބާރަށް ފެތުރޭކަން މިހާތަނަށް ޔަގީން ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ވެދާނެކަމަށް ބެލެވޭ ކަމަށެވެ.

"އެހެން ވެދާނެކަމަށް ބެލެވެނީ އެއީ މިއުޓޭޝަންސް ގިނަވީމަ އަދި މިއުޓޭޝަންސް ހުރި ތަންތަނުގެ ގޮތުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑްޖެހޭ މީހުންގެ ގައިން ފެންނަ ވޭރިއެންޓްތައް ދެނެގަނެވެނީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކަމުން، އޭގެ ނަތީޖާ ލިބެން ދެތިން ހަފްތާ ނަގާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެންމެ ފަހުން ލިބިފަ މިވަނީ 26 އޮކްޓޯބަރުގަ ފޮނުވި ސާމްޕަލްތަކުގެ ރިޒަލްޓް. 9 ނޮވެމްބަރުގަ ފޮނުވި 100 ސާމްޕަލްގެ ރިޒަލްޓުން ފެށިގެން މިހާތަނަށް ޕެންޑިން،" ނަޒްލާ ވިދާޅުވިއެވެ.

ސާމްޕަލްގެ ނަތީޖާ ލިބެން ދުވަސް ނަގާނެކަން ފާހަގަ ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އެއްފަހަރު ނަގާ ސާމްޕަލްއިން ވަކި ވޭރިއަންޓެއް ނެތުމުގެ މާނައަކީ އެ ވޭރިއަންޓެއް ރާއްޖޭގައި ނޫޅެނީއެއް ނޫން ކަމަށާއި، އެކަން ޔަގީންކުރަން އަބަދުވެސް ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއަންޓް އުޅޭ ގައުމަކުން އައި މީހެއްގެ ސާމްޕަލް ފޮނުވައިގެން ޓެސްޓު ކުރުން ފިޔަވައި، އާ ވޭރިއަންޓެއް އުޅޭކަން ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ސާމްޕަލްތައް ޓެސްޓުކުރުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ބޭރަށް ސާމްޕަލް ފޮނުވައިގެން ހަދާ ޓެސްޓުތައް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސަން ތަކެތި ގެނެސްފައި ވާ ކަމަށާއި، ނަމަވެސް ރާއްޖެއިން ޓެސްޓް ހަދަން ފަށަން ވަގުތު ނަގާނެކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

"ދެން ބޭނުންވާ ޓްރެއިނިންއާ އެ [މެޝެނަރީ] އިންސްޓޯލް ކުރުމާ، ބައެއް ކަންކަން ހުންނާނެ އިތުރަށް ފުރިހަމަ ކުރަންޖެހޭ. ސީކުއެންސް ހަމައެކަނި ކުރުމަކުންނެއް ނުނިމޭ، ގްލޯބަލް ޑޭޓާ ބޭސް އަކަށް މި އެއްޗެހި އަޕްލޯޑް ކުރަން ވެސް ޖެހޭ،" ނަޒްލާ ވިދާޅުވިއެވެ.

comment ކޮމެންޓް