ބޯޓަކުން ސަފާރީއަށް ފަސް ގޯނި 'ޑްރަގްސް' އެރުވި، ދެ މީހުންގެ ބަންދަށް 14 ދުވަސް

ރާއްޖެއިން ބޭރުން ގެނައި މަސްތުވާތަކެއްޗާއި ހަވާލުވުމަށް ސަފާރީގައި ދިގު ދަތުރެއް ކުރިކަމަށް ތުހުމަތުކުރާ ދެ މީހުން ----

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ތުހުމަތުކުރެވޭ ޑްރަގްސް އަޅާފައިވާ ފަސް ގޯނި, ބޯޓަކުން ސަފާރީއަކަށް އެރިވިކަން ހާމަވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކުރި ނަމަވެސް މިހާރު ބަންދުގައި ތިބީ ދެ މީހެކެވެ. އެއީ, ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ،19، އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު،34، އެވެ.

އެ ދެ މީހުންގެ ބަންދަށް 14 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާއިރު, މަސްތުވާތަކެތި ބަލައި ދިޔަ ސަފާރީގައި މި ދެ މީހުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ސަފާރީ, ބޯޓަކާ ކައިރިކޮށް ފަސް ގޯނި އެރުވި މަންޒަރު ފެނުނު ދެ މީހަކު ވަނީ ހެކިބަސްދީފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ, ރާއްޖެއިން ބޭރުން ބޯޓެއްގައި މަސްތުވާތަކެތި ހިފައިގެން އައުމުން އެތަކެއްޗާ ހަވާލުވުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ސަފާރީއެއްގައި ދިގު ދަތުރެއް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން އައި ބޯޓުން ގޯނިތަކެއް ސަފާރީއަށް އެރުވި ކަމަށާއި ނަމަވެސް ފަހުން އެ ގޯނިތައް ސަފާރީގައި ނެތް ކަމަށް ވެސް ބައެއް މީހުން ވަނީ ތަހުގީގުގައި ބުނެފައެވެ.

ގޯނިތައް ބަނުމަށް ބޭނުންކުރި ނޫކުލައިގެ ވާގަނޑާއި ވައްތަރުގެ ވާގަނޑެއް ސަފާރީން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ހިމެނޭ އެހެން މީހުން ދޫކޮށްލާފައި ވުމުން, ޖުމާން އާއި މުހައްމަދު އަހްމަދު ވެސް ބަންދުން ދޫކޮށްދިނުމަށް ދިފާއީ ވަކީލް ކޯޓުގައި އެދުނެވެ.

ނަމަވެސް ދޫކޮށްލި މީހުންނާ މި ދެ މީހުން ތަފާތު ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ. އެގޮތުން މި ދެ މީހުންނަކީ މަސްތުވާތަކެތި ބަލައި ސަފާރީގައި ދިގު ދަތުރެއް ކުރި ދެ މީހުން ކަމަށް ފުލުހުން ކޯޓުގައި ފާހަގަކުރިއެވެ. އަދި ސަފާރީން ދަތުރުކުރި އެހެން އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ 10 ތަނަކާއި ސަފާރީއެއް ބަލައި ފާސްކޮށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި އެންމެ ފުރަތަމަ ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ދެ މީހަކު ދޫކޮށްލިއެވެ. ފުލުހުން ބުނެފައިވަނީ އެ ދެމީހުންނަކީ މި މައްސަލައިގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށެވެ.

comment ކޮމެންޓް