މަހްލޫފްގެ މައްޗަށް ދައުވާ އުފުލިޔަސް އަދިވެސް ފިޔަވަޅެއް ނާޅާ!

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް (ކ) އާއި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް (ވ) -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާއާއިމެދު ދައުލަތުން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތަކުރާކޮށް ވިދާޅުވަމުން ގެންދަނީ ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި ގޯނާގެ މައްސަލަތަކުގައި އެމަނިކުފާނު ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެއް ކަމަށެވެ.

މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ދައުލަތުން އުފުލައިފައިވާއިރު، އޭނާއާއިމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެން ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

އެހެންކަމުން މަހްލޫފް ގެންދަވަނީ އޮފީހަށް ނުކުންނަވާ، ރަސްމީ މަސައްކަތްތަކުގައި އުޅުއްވަމުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީ އެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ކުރިން "ސަން"އަށް ވިދާޅުވީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ރައީސް ސޯލިހް ވަނީ އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ވަގުތުން ފިޔަވަޅު އަޅުއްވާފައެެވެ.

އެ މައްސަލައިގައި ރައީސް އެންގެވީ ވަޒީރުކަމުން ވަގުތުން އިސްތިއުފާ ދެއްވުމަށެވެ. އަދި އިސްތިއުފާ ދެއްވުމަށް އިންކާރު ކުރެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

އަލީ ވަހީދު ވަޒީރުކަމުން ވަކިކުރެއްވީ އެ މައްސަލައިގެ ތަހުގީގު ވެސް ނުފަށާ ވަނިކޮށެވެ.

މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާއާއިމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

comment ކޮމެންޓް