އޭޝިއަން ޔޫތް ޕެރަ ގޭމްސްގައި ބައިވެރިވުމަށް އީޝަލް ބަހްރޭނަށް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލް ކުރާ އީޝަލް --- ފޮޓޯ//ބެޑްމިންޓަން އެސޯސިއޭޝަން

އަންނަ މަހު ބަހްރޭނުގައި ފަށައި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ބައިވެރިވުމަށް ރާއްޖޭގެ ހައްވާ އީޝަލް ރިޔާޒް އެގައުމަށް ފުރައިފިއެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ހަތަރުވަނަ ގޭމްސް އަންނަ މަހުގެ ދެވަނަ ދުވަހު ފަށައި އިރު، އެ ގޭމްސް ނިމޭނީ އެ މަހުގެ ހަވަނަ ދުވަހުއެވެ. މި ގޭމްސްގައި 23 އަހަރުން ދަށުގެ 800 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވެއެވެ.

މި ފަހަރުގެ ގޭމްސްގައި ނުވަ ކުޅިވަރު އިވެންޓެއް ވަނީ ތާވަލުކޮށްފައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބޮޝިއާ، ގޯލްބޯލް، ޓައެކްވޮންޑޯ، ޕަވާ ލިފްޓިންގް، ސްވިމިންގް އަދި ޓޭބަލް ޓެނިހުގެ އިތުރުން ވީލްޗެއާ ބާސްކެޓްބޯލްއެވެ.

އޭގެ ތެރެއިން ރާއްޖޭގެ އީޝަލް ބައިވެރިވާނީ ބެޑްމިންޓަން އިވެންޓުގައެވެ. މިއީ ބައިނަލް އަގުވާމީ ޕެރަ މުބާރާތެއްގައި ރާއްޖޭގެ އަންހެން އެތުލީޓަކު ބެޑްމިންޓަން އިވެންޓެއްގައި ވާދަ ކުރާނެ ފުރަތަމަ ފަހަރެވެ. މި ފުރުސަތަކީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ހޯދި ފުރުސަތެކެވެ.

އީޝަލް ބަހްރޭނަށް ފުރުމުގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ އޭނާއާ ބައްދަލުކޮށް ހިތްވަރު ދެއްވައިފައެވެ.

ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އީޝަލްއަކީ ބެޑްމިންޓަންގެ ކުރިން ހޭންޑްބޯލްވެސް ކުޅުނު ކުއްޖެކެވެ. 2 އަހަރު ދުވަސްވަންދެން ހޭންޑް ބޯލް ކުޅުމަށްފަހު، ބެޑްމިންޓަންގެ ތެރެއަށް ވަނީ 2019ވަނަ އަހަރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޝަޓަރ ޓައިމްގައި ބައިވެރިވެގެންނެވެ.

މި ގޭމްސް އެންމެ ފަހުން 2017 ވަނަ އަހަރު ބާއްވާފައި ވަނީ ދުބާއީގައެވެ. އެފަހަރުގެ ގޭމްސްގައި 30 ގައުމަކުން 800 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވި އިރު، 43 ރަން މެޑައްޔާއެކު އެއްވަނަ ހޯދީ ޖަޕާނުންނެވެ. ޖަޕާނުން އެފަހަރުގެ ގޭމްސްގައި ޖުމުލަ 98 މެޑަލް ވަނީ ހޯދައިފައެވެ. ދެވަނަ ހޯދި ޗައިނާއިން ޖުމުލަ 39 މެޑަލް ހޯދި އިރު، އެ ގައުމުން ވަނީ 27 ރަން މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް