އާ ވޭރިއަންޓުން މާ ބޮޑު ބުރޫއެއް ނާރާނެ، ގެއްލޭނީ 1،500 އެއްހާ ޓޫރިސްޓުން: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އާ ވޭރިއަންޓާއެކު ވެސް ފަތުރުވެރިކަމަށް މާބޮޑު ބުރޫއެއް ނާރާ ކުރިއަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެެވެ.

ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ.

އެ ހަތް ގައުމަކީ, ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީންއެވެ.

މިނިސްޓަރު މައުސޫމް "ސަން"އަށް ވިދާޅުވީ ފަތުުރުވެރިކަމުގެ ދާއިރާގެ ހުރިހާ ޕާޓްނަރުން ވެސް މިކަހަލަ ކަމަކާއެކު ދާއިރާ ހިންގަން ވަރަށް ބޮޑަށް ފަރިތަވެފައި ތިބި ކަމަށެވެ. އެހެންކަމުން މާ ބޮޑު ބަދަލުތަކެއް ނައިސް ކުރިއަށް ދެވޭނެކަމަށް އުއްމީދު ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެ ފުރުސަތު ލިބުން އޮންނާނީ ދުނިޔޭގެ އެހެން ގައުމުތަކަށް އާ ވޭރިއަންޓް ފެތުރޭ ވަރަކާއި އެއަށް ސައިންސްވެރިން ބުނާ އެއްޗަކާއި އަދި މި ދެންނެވި ގައުމުތަކުން ބޯޑަރުތަކަށް ހަދާ ގޮތަކުން،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެ ގައުމުތަކުން އެވަރެޖްކޮށް ގިނަވެގެން މަހަކު 1،500 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ. އަދި އެއީ ވެސް ވަރަށް ބޮޑު އަދަދެއް ކަމަށާއި ފްލައިޓުތައް އޮޕަރޭޓްކުރަމުން އައިސް، ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމުކަމަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަން ކަމަށާއި މި ވަގުތު މުޅި އިންޑަސްޓްރީގެ ދުވެލި ރަނގަޅަށް ބެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ވެކްސިންއިން އާ ވޭރިއަންޓުން ސަލާމަތްވެވޭތޯ ނުވެވޭތޯ ސައިންސްވެރިންނަށް އަދި ޔަގީނެއް ނޫން. ރާއްޖޭގައި އިރާދަކުރެއްވިއްޔާ މިއޮތީ ވެކްސިން ޖަހާ ނިމިފަ އިރާދަކުރެއްވިއްޔާ،" މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން، މައުސޫމް ވިދާޅުވީ ވެކްސިން ނެތިސް ވެސް ރާއްޖެއިން އެކަށީގެންވާ ކާމިޔާބުތަކެއް ހޯދިކަމަށެވެ. އަދި ކޮވިޑް ވެކްސިން އައުމުގެ ކުރިން ވެސް ޓޫރިޒަމް ދާއިރާ ހިންދެމިލައިފި ކަމަށާއި ހިންދެމިލުމަށްފަހު ބާރަށް ދުއްވައިގަތީ ވެކްސިނަށްފަހުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވިދާޅުވީ ކުރިއާ ބަލާފައި ރާއްޖެ އޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް އަލަށް މި އަންނަ ވޭރިއަންޓުތަކުގެ ސަބަބުން އިންޑަސްޓްރީއަށް ލޮޅުން އެރުމުގެ ފުރުސަތު އޮންނާނެ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ އައު ވޭރިއަންޓާ ބެހޭގޮތުން ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) ބުނެފައިވަނީ އެއީ ކޮވިޑްގެ މިހާތަނަށް އަދި ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމު އެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން އަދި ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ކަނޑައަޅާފައިވާ އިރު، "އޮމިކްރޯން" ގެ ނަން ދެވިފައިވާ އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ބައެއް މީހުންނަށް މަރުގެ ބިރުވެރިކަން ވެސް އޮތް ވޭރިއަންޓެއްކަން މިހާތަނަށް ކޮށްފައިވާ ރީސާޗް ތަކުން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް