ކޮންޓޭނަރ ބަނދަރެއް ހެދުމަށް ސްރީލަންކާ، ޗައިނާއާއެކު 500 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް

ސްރީލަންކާގެ ބަނދަރެއް

ސްރީލަންކާގެ ކޮލަންބޯ ސަރަހައްދުގައި ކޮންޓޭނަރ ބަނދަރެއް ހެދުމަށް މިދިޔަ ހަފްތާގައި ޗައިނާއާއެކު ސޮއިކުރި އެއްބަސްވުމުގެ އަގު 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްރީލަންކާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އިގްތިސާދީ ރިޕޯޓްތައް ބުނާގޮތުން މިއީ ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރުގެ އަގުހުރި އެއްބަސްވުމެކެވެ. މިފައިސާ ސްރީލަންކާއަށް ލިބޭނީ ޗައިނާއިން އެގައުމުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ދޭ ލޯންތަކުގެ ތެރެއިންނެވެ. މީގެކުރިންވެސް ޗައިނާވަނީ ސްރީލަންކާގައި ޒަމާނީ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށާ އަދި ބިނާކޮށްފައިވާ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކޮށްދިނުމަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރުގެ ލޯންތައް އެގައުމަށް ދީފައެވެ.

މިގޮތުން ސްރީލަންކާގައި ވަޔާއި ކަނޑުގެ ބަނދަރުތައް ހެދުމަށާއި މަގުތަކާއި ހައިވޭތަކާއަދި ސިނާއީ ސަރަހައްދުތައް ގާއިމްކުރުންފަދަ ޒަމާނީ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ޗައިނާއިން އެކިފަހަރުމަތިން ދީފައިވާ ލޯންތަކުގެ އަދަދު އެތަށް ބިލިޔަން ޑޮލަރުން ގުނާލެވެއެވެ.

ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކާދެމެދުގައިވާ ތަރައްގީގެ ފަރަގު ކުޑަކުރެވޭނެ ހަމައެކަނި ގޮތަކީ ބޮޑެތި ލޯންތަކުގެ އެހީގައި ޒަމާނާ އެއްގޮތަށް އިންފްރާސްޓްރަކްޗަރ ބިނާކޮށްގެން ކަމަށްވިޔަސް ވޯލްޑްބޭންކް ފަދަ އެމެރިކާގެ ނުފޫޒު ހިނގާ ބައިނަލްއަގްވާމީ މާލީ އިދާރާތަކަކީ ކުރިއަރަމުން އަންނަ ކުދި އަދި މެދުފަން ތީގެ ގައުމުތަކުގައި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް މިފަދަ ބޮޑެތި ލޯންތައް ދޭ އިދާރާތަކެއް ނޫނެވެ. ނަމަވެސް ކުދިކުދި ލޯންތައް ދެމުން ގެންގޮސްފައިވެއެވެ.

ވޯލްޑް ބޭންކް އުފެދުނުތާ 70 ވަރަކަށް އަަހަރުވެފައިވާއިރު ތިންވަނަ ދުނިޔޭގެ ގައުމުތަކަށް އިންފްރާސްޓްރަކްޗަރ ބިނާނުކުރެވުނީ އަދި ހުޅަނގުގެ ގައުމުތަކާއި ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ (ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ) ތަރައްގީގެ ތަފާތު އާދަޔާ ޚިލާފަށް ބޮޑުވެގެން ދިޔައީ މިފަދަ ބޮޑެތި ލޯންތައް ލުއިގޮތެއްގައި ފޯރުކޮށްދިނުމުގައި (ހުޅަނގުގެ ގައުމުތަކުގެ ނުފޫޒުގެ ސަބަބުން) ވޯލްޑް ބޭންކް ނާކާމިޔާބު ވެފައިވާތީ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެފައިވެއެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ޗައިނާ އިގްތިސާދީ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވެ ޗައިނާގެ ބޭންކްތަކުން ގައުމުތަކަށް ބޮޑެތި ލޯންތައް ދޭން ފެށުމުގެކުރިން އިންފްރާސްޓްރަކްޗާ ގެ ލޯންތައްދިނުމުގައި ހަރަކާތްތެރިވި މައިގަނޑު މާލީ އިދާރާއަކީވެސް ވޯލްޑް ބޭންކްއެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަފާތު ކުޑަކުރުމުގައި އެބޭންކްވަނީ ނާކާމިޔާބުވެފައެވެ.

ޗައިނާގެ މާލީ ބޮޑެތި އެހީތަކުގައި ތަރައްގީވަމުން އަންނަ ގައުމުތަށް އެގައުމުތަކުގެ ތަރައްގީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް ތަރައްގީގެ ދުވެލި ހަލުއިކުރަމުން ގެންދާއިރު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒާއި ވޯލްޑް ބޭންކްގެ ދައުރުވެސް ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ދަނީ ކުޑަވަމުންނެވެ. އަދި އޭގެ ބަދަލުގައި ޗައިނާގެ ނުފޫޒުދަނީ އިތުރުވަމުންނެވެ.

ސްރީލަންކާގައި މުދާ ރައްކާކޮށްފައި ބަހައްޓާ ބަނދަރު ހެދުމަށް ހަވާލުކުރީ ޗައިނާ ހާބަ އިންޖިނޭރިން ކޮމްޕެނީއާ އެވެ. މީގެކުރިން ސްރީލަންކާ އިން ވަނީ ކޮލަމްބޯ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް (ސީއައިސީޓީ) އާ ޖެހިގެން ކޮންޓެއިނާ ޓާމިނަލް ބިނާކުރުމުގެ މަޝްރޫއެއް ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރަށް އިންޑިއާގެ ކުންފުންޏަކާވެސް ހަވާލުކޮށްފައެވެ. އިންޑިއާއަކީވެސް ސްރީލަންކާއަށް ތަރައްގީގެ ލޯންތައް ދީފައިވާ ގައުމެކެވެ.

ދުނިޔޭގެ ވިޔަފާރި މައި ސޯބުތަކުގެ ގޮތުގައި ސިފަކުރެވޭ ސިންގަޕޫރުގެ ބަދަރާއި ގަލްފުގެ ގައުމުތަކުގެ ބަނދަރުތަކާ ދެމެދު ބަނދަރުތަކާއި ކޮންޓޭނަރ ޓާމިނަލްތައް ބިނާކުރުމަކީ ވިޔަފާރީގެ ބޮޑެތި ފައިދާތަކެއް ނެގޭނެ ކަމެއްކަމަށް ސްރީލަންކާ ސަރުކާރުން ދެކޭތީ އެގައުމު ގެންދަނީ ކޮލަންބޯ ސަރަހައްދުގައި އެކިބާވަތުގެ ތިން ބަނދަރު ބިނާކުރަމުންނެވެ. މީގެތެރެއިން ބައެއް ބަނދަރުތަކުގެ މަސައްކަތްނިމި އެތަންތަނުގެ ބޭނުންވެސްވަނީ ހިފަން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް