ދަރިފުޅު މާ ގިނައިން ރޯނަމަ މިހެން ކަންތައް ކުރޭ

ދަރިފުޅު މާ ގިނައިން ރުއިމަކީ ހާސްވެ ކަންބޮޑުވެދާނެ ކަމެކެވެ. އަދި ބައެއްފަހަރު ބޮލަށް އުނދަގޫ ވެދާނެ ކަމެކެވެ. ތުއްތު ކުދިން އަނިޔާއެއް ނުވަނީސް ރޮއެފާނެ އެންމެ އާންމު ކަމަކީ ކުއްޖާ ބޭނުންވާގޮތަށް އިނުމުގެ ނުވަތަ ހުރުމުގެ ނޫންނަމަ އޮށޯވެ އޮތުމުގެ ފުރުސަތު ނުލިބުމެވެ. ކުއްޖާ މާ ގިނައިން ރޯނަމަ ފުރަތަމަ ކަމަކަށް ވެސް ކުއްޖާގެ އެފަދަ ކަމެއް ފާހަގަ ވޭތޯ ބެލުން މުހިންމެވެ. އަތާއި ފައި ކުއްޖާއަށް އުނދަގޫ ގޮތަކަށް ވޭތޯ ބަލާށެވެ.

ކުއްޖާ މާގިނައިން ރޯނަމަ ބައެއް ފަހަރު ކުއްޖާ މޫނުވަތަށް ބާއްވާ، ދެއަތަށް ކުއްޖާ މާ ބޮޑަށް ތެޅުވޭ ތަން އާދެއެވެ. ނަމަވެސް އޭގެ ބަދަލުގައި އަތްދަނޑިމަތީގައި ކުއްޖާ ބަންޑުން ބޭއްވުމަށްފަހު ކުއްޖާގެ ބަނޑުގައި އަނެއް އަތް ބާއްވާށެވެ. މިގޮތަށް ބޭއްވުމުން ކުއްޖާގެ ބަނޑަށް ވާންވެ، ބަނޑުގައިހުރި ގޭހުގެ ސަބަބުން ކުއްޖާއަށް އުނދަގޫވާނަމަ އެ އުނދަގޫ ފިލައިދާނެއެވެ.

މަޑު ލުއި އަޑުތަކަކީ ކުޑަކުދިން ވަރަށް ބޮޑަށް ސަމާލުކަންދޭނެ އަޑުތަކެކެވެ. މިފަދަ އަޑުތައް ކުއްޖާއަށް އިއްވުމަށްޓަކައި ފެން އިސްކުރު ދޫކޮށް، ވެކިއުމްގެ އަޑުޖެއްސިދާނެއެވެ. އަދި ރޭޑިއޯގެ އަޑުވެސް އިއްވިދާނެއެވެ. ނަމަވެސް އަޑުތައް ބަހައްޓަންވާނީ މެދުމިނަކަށެވެ. އަޑު މާ ބޮޑަށް ބާރުވާނަަމަ ކުއްޖާ ބިރުގަނެ، ސިހޭފަދަ ކަމެއްވެ ރުއިން އިތުރުވުން ގާތެވެ.

ގިނަ ސަގާފަތްތަކުގައި ތުއްތުކުދިން ގިނައިން ގެންގުޅެނީ ކުއްޖާގެ މަންމަ ނުވަތަ އެހެންމީހެއްގެ އުރުގައެވެ. އެމީހުން ގަބޫލުކުރަގޮތުގައި ކުއްޖާ އުރުގައި ބެއިންދުމުން ނުރޯނެއެވެ. ނުވަތަ ރުއިން މަދުވާނެއެވެ. އެމީހުންގެ ގަބޫލުކުރުންތަކުގެ ތެދު ހަގީގަތް ދެނެގަތުމަށްޓަކައި ކޮށްފައިވާ ދިރާސާއިން ދެއްކި ގޮތުގައި ކުއްޖާ މީހެއްގެ އުރުގައި ބެއިންދުމުން ހަމަޖެހުން ލިބި، ބިރުގަތުން ފަދަ ކަންކަމުން ކުއްޖާ ދުރުހެލިކޮށްދެއެވެ. ހާއްސަކޮށް ކުއްޖާގެ މަންމަގެ އުރުގައި ނަމަ ކަންވަނީ މިގޮތަށެވެ. އެހެންކަމުން ކުއްޖާ މާގިނައިން ރޯނަމަ އުރުގައި ކުއްޖާ ބައިންދާށެވެ. ނުވަތަ މޭގައި ޖައްސާ ކުއްޖާ ގަޔާލާ ކައިރިކޮށްލާށެވެ.

ކުއްޖާގެ އަތާއި ފައިގެ އިތުރުން ބުރަކަށީގައި މަސާޖްކޮށްލުމަކީ ކުއްޖާ މާގިނައިން ރޯނަމަ ކުރެވިދާނެ ކަމެކެވެ. މަސާޖް ކުރުމުން ކުއްޖާއަށް ހަމަޖެހުން ގެނެސްދީ އަރާމު ނިންޖަކުން ނިދުމަށް އެހީތެރިވެދޭނެއެވެ. މަސާޖްކުރުމުގައި ކުޑަކުދިންނަށް ހާއްސަ ކުޑަ ތެޔޮފޮދަކާއި ލޯޝަން ބޭނުންކުރެވިދާނެއެވެ.

މަސްދަރު: ހެލްތްލައިން.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު