ގެއްލިގެން ހޯދަމުންދިޔަ ގައްދޫ ދެ މީހުން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުން ވާރުލާ ނަމަކަށް ކިޔާ ފަޅު ރަށުގެ ފަޅުތެރޭގައި --- ސަން ފޮޓޯ

ފަޅު ރަށަކަށް ބޮއްކުރައެއްގައި ދިޔަ ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

ގދ. މާވަރުލުއާއި އެއަތޮޅު ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ރިޔާ ނެގި ބޮއްކުރައެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ގުޅިގެން ފެށީ މިރޭ 22:03 ގައެވެ.

އެ މީހުން ހޯދުމުގައި ގައްދޫ ކައުންސިލަރުންނާއި އެރަށު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

ގެއްލިގެން ހޯދި ދެ މީހުންނަކީ ގދ. ގައްދޫ، ޗިޗަންޑާގޭ އުމުރުން 77 އަހަރުގެ އަބްދުއްރަހީމާއި އެރަށު ޗަނބޭލީގޭ އުމުރުން 74 އަހަރުގެ ހަސަން މަޖުދީއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުން ވާރުލާ ނަމަކަށް ކިޔާ ފަޅު ރަށުގެ ފަޅުތެރޭގައި --- ސަން ފޮޓޯ

ގައްދޫ ކައުންސިލް މެމްބަރު އަލީ އަބްދުﷲ "ސަން"އަށް ވިދާޅުވީ ގައްދޫ ކައިރީގައި ހުރި ފަޅުރަށްތަށް ބަލަމުން ދަނިކޮށް އެ ދެ މީހުން ފެނުނީ މިރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ މީހުން ފެނުނީ ވާރުލާ ނަމަކަށް ކިޔާ ފަޅު ރަށުގެ ފަޅު ތެރޭގައި ބޮއްކުރައެއްގައި ތިއްބައި ކަމަށެވެ.

"ދިޔަވަރު ހިކިފަ އޮތީމަ ބޮއްކުރާ ނުދުއްވިގެން އެ މީހުން ތިބީ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅު. އާންމުކޮށް އެ ދެ މީހުން ފަޅު ރަށްރަށަށް ދަނީ ދަރު ހޮވުމަށާއި ކާށި ހޮވުމަށް،" އަލީ އަބްދުﷲ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް