އަދުގެ ސިޔާސީ ވެށި އިޞްލާޙު ކުރުން

އޭޕްރީލް 5، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު ތަޢާރުފުވި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރަސީ އެއް ގެނެވެފިވަނީ ޚުދު މުޚްތާރު (އިސްތިބުދާދީ) ދިގު ވެރިކަމެއްގެ ނިމުން ގެނެސް ވެރިކަމުގެ ނިޒާމް އިޞްލާޙް ކުރުމުގެ މަޤްޞަދުގައެވެ. ނަމަވެސް މިދެންނެވި ޑިމޮކްރަސީގެ ތެރެއިން މިއަދާއި ހަމައަށް ފެނި އަދި ހާމަވެގެންދަނީ މުނާފިޤުކަމާއި، ޚިނާޔަތްތެރިކަމާއި، ކޮރަޕްޝަނާއި ފަސާދައާއި، މުޙާބާތު (ނިޕޮޓިޒަމް) އާއި، ތަޢައްޞުބާއި، މީހުން މެރުމުގެ ތަފާތު މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ބާރުތައް އެއްކުރުމުގެ ޘަޤާފަތަކާއި ސުލޫކެވެ.

އަޅުގަނޑަކީ ސިޔާސީ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް ފާއިތުވި 22 ވަރަކަށް އަހަރު ދައުލަތަށް ޚިދުމަތް ކުރި މީހެއްގެ ހައިސިއްޔަތުންނާއި، އިންޓަނޭޝަނަލް އިސްލާމިކް ތޯޓް އެންޑް ސިވިލައިޒޭޝަން ދާއިރާގެ ޕީއެޗްޑީ ދަރިވަރެއްގެ ހައިސިއްޔަތުން އަދި ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުން އިސްލާމީ އުއްމަތުގައި އަދި ޚާއްޞަކޮށް ދިވެހި މުޖްތަމަޢުގައި ހިނގާ ކަންކަމަށް ބަަލައި ބަސް ބުނަންޖެހޭ ކަމަށް ޤަބޫލުކުރެވޭތީ މި މައުޟޫޢަށް ލިޔުނީއެވެ.

މިމައުޟޫޢަށް ވާހަކަ ދެއްކުމުގެ ކުރިން ސިޔާސަތާއި، ދީނަކީ ކޮބައިކަމާއި، މި ދެ އެއްޗަކީ ވަކި ކުރެވިދާނެ ދެ އެއްޗެއްތޯ ބަލައިލުން މުހިއްމެވެ. މިގޮތުން ދީނަކީ؛ މީސްތަކުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި މީހުން އުޅުމަށް ﷲ ޝަރުޢު ކުރައްވާފައިވާ އެންމެހައި ކަންތަކެވެ. މިސިފައަކީ އެހެން ދީން ތަކުގައި ނެތް ސިފައެއް ކަމުން ދީނެއްގައި ނިމުމުގެ ސިއްކަ ޖެހި އިސްލާމް ދީން ވަނީ، ޢާލަމް ތަކުގެ އެންމެ ފަހުގެ ދީން ކަމުގައި ކަނޑައެޅިފައެވެ. މިގޮތުން އިންސާނާ އޭނާ ހެއްދެވި ﷲ އާއި، ފަރުދުންނާއި، ޢާއިލާއާއި، މުޖްތަމަޢުއާއި، ދޭދޭ ޤައުމުތަކާއި ދޭތެރޭގައި އޮންނަން ޖެހޭ އެންމެހައި ގުޅުމެއްވެސް ވަނީ ކަނޑައެޅި އިިންތިޒާމް ކުރެވިފައެވެ. އެހެންކަމުން ދީނުގައި ވަނީ ސިޔާސަތާއި، އިޤްތިޞާދާއި، އިޖްތިމާޢުއާއި، އަޚްލާޤާއި، ޘަޤާފަތާއި އަދި މިނޫނަސް އިންސާނުންނަށް ބޭނުންވާ ހުރިހާކަމެއް ޝާމިލްވެފައެވެ. ޢިލްމުވެރިން "ސިޔާސަތު" މާނަ ކުރައްވާ ގޮތުގައި އެއީ؛ ރައްޔިތުންގެ ކަންކަން ބެލެހެއްޓުންތެރި ކަމާއި އިދާރީ ހިންގުމުގެ ފަންނުވެރި ކަމެވެ. މިކަން ކުރަނީ ވެރިފަރާތުން ތަފާތު އިދާރާތަކުގެ އެހީގައެވެ. އެހެންކަމުން އިސްލާމް ދީނާއި، ސިޔާސަތަކީ ވަކި ނުކުރެވޭނެ ދެ އެއްޗެކެވެ. އިންސާނާގެ ޙަޔާތުގައި ކުރެވޭ އެންމެހައި ކަންތައްތަކަކީވެސް ﷲ އެންގެވި މަގުން ކުރާނަމަ، އަޅުކަމަކަށްވާ ހިނދު، މިމޭރުމުން ކޮންމެ މުސްލިމަކީ ސިޔާސީ މީހެކެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. ) وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ( މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." (އައްޒާރިޔާތު: 56)

އަޅުގަނޑުމެންނަށް ނަމޫނާއެއްކަމުގައި ފޮނުއްވި ރަސޫލާ ﷺ ހުރިހާ މައިދާނެއްގައިވެސް އުޅުއްވިއެވެ. މިގޮތުން އިސްލާމީ ދައުލަތެއްގައި ބިންގާ މަދީނާގައި އެޅުއްވިއެވެ. އެދައުލަތުގައި ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ޘަޤާފީ ގޮތުންނާއި، ދިފާޢީ ގޮތުންނާއި، ދުސްތޫރީ ގޮތުން އުޞޫލުތައް ކަނޑައަޅުއްވާ ޤާއިމްކޮށް ތަންފީޒް ކުރެއްވިއެވެ. ސިޔާސަތަކީ މިނޫން ކޮން އެއްޗެއްތޯއެވެ؟ ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ) މާނައީ: " އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (އަލްޙަޝްރު:7)

ސުވާލަކީ؛ އިސްލާމީ ދައުލަތެއްގައި ވެރިކަން ކުރުމުގެ ނިޒާމް ފަސާދަވެ، މީސްތަކުންގެ ކަންތައްތައް ހައްދުން ނެއްޓި މިހާ ދަށު ދަރަޖައަށް ގޮސްފައިވަނީ ކީއްވެތޯއެވެ؟ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިކަމުގެ އެންމެ ބޮޑު އެއްސަބަބަކީ ޢަދުލު އިންސާފު ޤާއިމް ކުރުމާއި ކަންކަން ތަންފީޒުކުރުން، ފައިސާއާއި މަޤާމާއި ޖާހުގެ ސަބަބުން ހުއްޓިގެން ދިއުމެވެ. ރިވާޔަތެއްގައި އައިސްފައި ވެއެވެ. "ބޮޑު ދޮރުން ލާފައި ރިޝްވަތު ވަދެއްޖެނަމަ، އާނގައިން ލާފައި އަމާންކަން ނުކުމެގެން ހިނގައިދާނެއެވެ." މިކަމުގެ މިސާލެއްގެ ގޮތުން އިބްނު ތައިމިޔާ ވިދާޅުވިއެވެ. ''ފާސިދުވެފައިވާ އަޢުރާބީން ބައެއްމީހުންގެ މައްސަލާގައި ހިފެވިއްޖެނަމަ، އެމީހުން އަމުރުވެރިޔާގެ ގާތަށް އަންނަނީ ވެދުމަށް އަރުވާނެ އަހަކަށް އަރައިގެން ނުވަތަ އެނޫންވެސް އެއްޗެއް ހިފައިގެންނެވެ.'' މިކަން މިހެން ވުމުގެ ނަތީޖާއަކަށް ވާނީ، ވެރިކަމުގެ ޙުރުމަތް ކެނޑި، ރައްޔިތުން ފަސާދަވެ، ކުށްވެރިން ފައިސާ މެދުވެރިކޮށް ސަލާމަތް ވުމެވެ. އަދި ކުށްވެރިން ކުށްކުރުމަށް ހިތްވަރު ލިބުމެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ ޝަފާޢަތުގެ ސަބަބުން ﷲ ގެ ޙައްދު ތަކުގެ ތެރެއިން ޙައްދެއް ޤާއިމް ވުމަށް ހުރަސް އެޅިމީހާ ފަހެ، ހަމަކަށަވަރުން ﷲ ގެ އަމުރުފުޅު ހިންގެވުމުގައި އެކަލާނގެއާއި ދެކޮޅުވެރި ވެއްޖެއެވެ."

ޢިއްޒަތާއި ޖާހާއި މުދަލުގެ ސަބަބުން ކުށްވެރިން ޝަރުޢީ އިމުން ބޭރުވެ ނުބައި ޢަމަލުތައް ހިންގާ މީހުންނަށް ޙިމާޔަތް ލިބި މަޤާމުތަކަށް އިސްކުރެވިގެން ދިއުމަކީ، ބޮޑުވެގެންވާ ފަސާދައެކެވެ. ފަހެ، އެގޮތުން އެވެރިއަކު އެޙިމާޔަތް ދެނީ ﷲ އާއި، އެކަލާނގެ ރަސޫލާއާއި ދެކޮޅަށެވެ. ޢުމަރުގެ ފާނު ވިދާޅުވިއެވެ. "މުސްލިމުންގެ އަމުރުވެރިކަމެއް ޙަވާލުވެފައިވާ މީހަކު، މީހަކު އިސްކުރީ އެމީހަކާއި އޭނާއާއި ދެމެދުގައިވާ މަވައްދަތުގެ ނުވަތަ ގާތްތިމާގެ ކަމުގެ ސަބަބުން ކަމަށް ވެއްޖެނަމަ، ފަހެ ހަމަކަށަވަރުން އޭނާ، ﷲ އަށާއި، އެކަލާނގެ ރަސޫރާ އަށާއި، މުސްލިމުންނަށް ޚިޔާނަތްތެރި ވެއްޖެއެވެ."

މިދެންނެވި ފަސާދައާއި ޚިޔާނާތާއި، ނާއިންސާފު ފާޅުވެފައިވާއިރު، މިކަންތައްތައް ފެނި ދެކޮޅުހެދުމުގެ ބަދަލުގައި މީސްތަކުންވަނީ މާއްދީ ކުރިއެރުމާއި އަމިއްލަ މަންފާ އާއި މަޞްލަޙަތުގައި ޖެހި އެކަންކަން ޒީނަތަކަށް ހަދާފައެވެ. ފާޅުގައި ދައުލަތުން އިންތިޒާމުވެ ވެރިންނާއި ރައްޔިތުން ހިންގާ ބޮޑެތި ޖަރީމާތައް މިބައިމީހުންނަށް ބޮޑުކަމަކަށް ނުވެއެވެ. ބަޔަކު މިފަދަ ވާހަކަތައް ދައްކާ ނަމަވެސް ދައްކަނީ ކޮންމެވެސް ސިޔާސީ މަންފާއެއް ޙާޞިލް ކުރުމަށެވެ. ފިޔަވަޅުއަޅައި އިޞްލާޙް ކުރުމަށް ފުރުޞަތު ލިބުމުން އަދި ވަކިން ޚާއްޞަކޮށް އެކުށްތަކުގެ ބައިވެރިންނަކީ، ތިމާގެ ޕާޓީ އާއި ވެރިންގެ ބައިވެރިންނަށްވާ ހިސާބުން ކުށްވެރިން ހުދު ކާފޫރަށްވެ، އިނާމެއްގެ ގޮތުގައި މަތީ މަންޞިބު ތަކަށް އެބައިމީހުން ޢައްޔަން ކުރެވިދެއެވެ. މިގޮތުން ޝަރުޢީ ކޯޓު ތަކަށާއި، ރައްޔިތުންގެ މަޖްލިހަށާއި ތަންފީޒީ ބާރުތަކުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވެއެވެ.

2008 ގައި ތަޢާރަފުވި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރަސީގެ ތެރެއިން އިތުރު ސީރިއަސް މައްސަލަ ތަކެއްވެސް ފެންމަތިވިއެވެ. މިގޮތުން އެއް ޕާޓީ އިން އަނެއް ޕާޓީ އަށް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރަމުން ގެންދެއެވެ. މިފަދަ ތުހުމަތުތަކުގެ ތެރޭގައި މާސޫނީ-ޞިހުޔޫނީ ޙަރަކާތްތަކުން ފަންޑުކޮށް އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޘަޤާފަތާއި އާދަކާދަތަކާއި ބީރައްޓެހި ޙަރަކާތްތައް ފަތުރައި އެހެން ދީންތަކަށް މުޖްތަމަޢުގައި ޖާގަ ދިނުމުގެ މަސައްކަތުގެ ސިއްރު އެޖެންޑާއެއް އޮތް ކަމަށް ތުހުމަތު ކުރެއެވެ. އަނެއް ޕާޓީ އަށް ތުހުމަތު ކުރާ ގޮތުގައި، ދީނީ ގޮތުން ހައްދު ފަހަނައަޅާ ފައިވާ ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރެއެވެ. މި ދެ ޙައްދުފަހައެޅުމުގެ ޙަރަކާތުގެ އަރާރުމުގައި ތަޅާފޮޅުން ގަދަވެ، ދީނީ ޢިލްމުވެރިއަކާއި، ނޫންވެރިއަކާއި، ބްލޮގާއެއް ވަނީ، ވަރަށް އިހާނެތި ގޮތުގައި ޝަހީދު ކޮށްލާފަ ނުވަތަ ގެއްލުވާލާފައެވެ. ދައުލަތުގެ ތެރޭގައި ތަރުތީބުވެ ތަންޒީމް ވެގެން ކުށްކުރުމުގެ އާދަ އަށަގަނެ ބައިތުލްމާލުން 1.3 ބިލިއަން ރުފިޔާ ވަނީ ވަގަށްނަގައި ކާލާފައެވެ. ޢަދުލު އިންސާފުގެ މައި ތަނބުތައް ސިޔާސީ އާލަތެއްގެ ގޮތުގައި ހަރަކާތްތެރިވެއެވެ. ޢާއްމު މަޞްލަޙަތު ބަލަހައްޓާ މުއައްސަސާތައް ގޭންގު ތަކެއްގެ ގޮތުގައި ސިފަވެދެއެވެ. ރައްޔިތުންގެ މަންދޫބުން ކަނު ބީރު މަންމަނުން ތަކެއްފަދައިން ޙަރަކާތްތެރި ވެދެއެވެ.

މިދެންނެވި އެންމެހައި ކަންތައްތަކުން ޖުމްލަ ގޮތެއްގައި އެނގިގެން ދަނީ އިޞްލާހަށް އެޅި ފިޔަވަޅު އެޅިއިރު އަދި އެތައް އަހަރެއްގެ މަސައްކަތުން ގެނައި ފުރިހަމަ ޤާނޫނު އަސާސީއަށް ޢަމަލު ކުރިއިރު، ރިވެތި ގޮތުގައި ވެރިކަންކޮށް، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ވެރިކަން ކުރުމަށާއި، އަމާންތެރިކަމާއެކު ވަޢުދު ފުއްދާ، ޢަދުލު އިންސާފު ޤާއިމްކުރުމުގެ ވައްޓަފާޅިއާއި، އަޚްލާޤާއި ސުލޫކާއި، އީމާން ތެރިކަން ހުރި ފަރާތްތަކެއް ޤައުމާއި ޙަވާލު ނުވާ ކަމެވެ. އަދި ޖުމްލަކޮށް ރައްޔިތުން މިދެންނެވި ނިޒާމަށް ތައްޔާރު ނޫންކަން ހާމަވެއެވެ. މިއީ ފަހަރެއްގައި އިސްތިބުދާދީ ދިގު ވެރިކަމެއް ނިމިގެން ދިޔައިރު ވެރިކަން ކުރި ގޮތުގެ ސަބަބުންނާއި ދެމުންދިޔަ ތަޢުލީމާއި ތަރުބިއްޔަތާއި ގެންގުޅުއްވި ދުރު ވިސްނުން ރަނގަޅު ނޫންކަމަށް ބެލެވިދާނެ ސަބަބެކެވެ.

ސުވާލަކީ މިދެންނެވި ޚަރާބުވެފައިވާ ސިޔާސީ ވެށި އިޞްލާޙްކޮށް ބަދަލުކުރާނީ ކިހިނެއްތޯއެވެ؟ މިދެންނެވި ސިޔާސީ ޘަޤާފަތާއި އަޚްލާޤާއި ސުލޫކާއި ނުބައި އާދަތައް ބަދަލު ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއްކަމުން ދައުލަތުގެ އެންމެ މަތީ މަޤްޞަދަކީ ދީން ޙިމާޔަތް ކުރުމާއި ޢަދުލު އިންސާފު ޤާއިމް ކުރުން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ! ރަނގަޅު ސިޔާސީ ނިޒާމެއް ޤާއިމް ކުރުމާއި، ހެޔޮ ވެރިކަމެއް ކުރުމާއި، ހެޔޮ ކަންތައް ތަކަށް ޢަމުރު ކުރުމާއި، ނުބައި ކަންތައްތައް މަނާ ކުރުމެވެ. އެހެންކަމުން ދައުލަތް ހިންގުމުގައި ޤާއިމްވެ ތިބޭ ފަރާތްތަކަކީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރާ، އިލާހީ ޝަރީޢަތަށް ތަބަޢަވާ ތެދުވެރި، އީމާންތެރި، ތަޤުވާވެރި، އިޙްސާންތެރިން ކަމުގައިވުން ލާޒިމެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ މުޅި ޙަޔާތުގައި އިސްލާމީ ޝަރީޢަތަށް ފުރިހަމައަށް ރައްކާތެރިވާ، އޭގެ އަގު މަތިވެރި ކުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ހުޅަނގުގެ ޑިމޮކްރަސީގައި ދަޢުވާކުރާ އެންމެހައި ކަންތައްތަކަކީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވާ ގޮތަށް އިޢުތިމާދު ވެވޭނެ ކަންތައްތަކެއް ނޫނެވެ.

ޕްރޮފެސަރ މުޙައްމަދު ކަމާލު ބިން ޙަސަން ވިދާޅުވާ ގޮތުގައި، އިސްލާމީ އުއްމަތުގައި މިއަދު އަށަގަތްފައިވާ މައްސަލަތައް ޙައްލު ކުރެވޭނީ ނަޒާހަތްތެރި، ﷲ އަށް ކިޔަމަންތެރިވާ، އެއްބައިވަންތަ ވެރިންތަކަށެވެ. މި ލީޑަރޝިޕްގެ ފަލްސަފާ އަށް ތިއޮކްރަޓިކް ލީޑަރޝިޕް އޭ ކިޔައެވެ. މިފަދަ ވެރިންގެ މައިގަނޑު ސިފައަކީ، އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަޚްލާޤެވެ. މި ލީޑަރޝިޕް ފަލްސަފާ ނޫން އެހެން ހުރިހާ ފަލްސަފާތައް ވަނީ ތަޖްރިބާ ކުރެވި ފެއިލް ވެފައެވެ. މިހެންކަމުން ރިވެތި އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވެގެންވާ ލީޑަރުން އުފެއްދުމަށްވަނީ އިސްލާމީ އުއްމަތަށް އިންތިހާއަށް ބޭނުން ވެފައެވެ. ނަބަވީ ތަރުބިއްޔަތުގެ މައްޗަށް ބިނާވާ މި ލީޑަރޝިޕްގެ ފަލްސަފާ ބިނާވަނީ މައިގަނޑު 3 ސިފައެއްގެ މައްޗަށެވެ. ފުރަތަމަ ސިފައަކީ؛ ﷲ ގެ ރުހިވޮޑިގަތުމާއި ކާމިޔާބަށް އެދޭ ފަރާތަކަށް އެފަރާތް ވުމެވެ. ﷲ ވަޙީކުރެއްވިއެވެ. (وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ) މާނައީ: "އަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ:207). ދެވަނަ ސިފައަކީ؛ ކަންކަން ނިންމުމުގައި ބޮޑާކަމާއި ނުފޫޒާއި ބާރުން ކަންކަން ކުރުމުގެ ބަދަލުގައި މަޝްވަރާ ކުރުމުގެ ސިފަ ކުރިޔަށް ނެރުމެވެ. އަބޫހުރައިރާ ވިދާޅުވެފައި ވެއެވެ. "ރަސޫލާ ﷺ އަށް ވުރެ ގިނައިން އެއްވެސް މީހެއް އެމީހާއާއި އެކުގައިއުޅޭ މީހުންނާއި މަޝްވަރާ ކުރައްވާފައި ނުވެއެވެ." މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ) މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ." (އައްޝޫރާ: 38). ތިންވަނަ ސިފައަކީ؛ އިދާރީ ހިންގުމުގެ ފަންނީ އަޚްލާޤު ހިފެހެއްޓުމެވެ. މިދެންނެވި ސަފަތައް ހުރި ވެރިންނަކީ، ބިމުގައި ލެއްވިގެންވާ ޚަލީފާއިންނެވެ. އަދި މިފަލްސަފާގައި 4 ރުކުނެއް ވެއެވެ. އެއީ އީމާންކަމާއި، ތަޤުވާވެރިކަމާއި، އިޙްސާންތެރިކަމާއި، ލޯތްބާއި އެއްބައިވަންތަ ކަމެވެ.

ދައުލަތް ހިންގުމުގައި ވިސްނުން ހުންނަން ޖެހޭނީ 21 ވަނަ ޤަރުނުގައި ފައިތިލަ ސާބިތުކޮށް، މެދު މިނުގެ އުޞޫލު ތަކުގެ މަތީގައި ޤާއިމް ކުރުމަށެވެ. ރަސޫލާ ﷺ ރަސޫލު ކަމައިގެން ވަޑައިގެންނެވި މަޤްޞަދު ކަމަށްވާ "ޢާލަމް ތަކަށް، ރަޙްމަތެއް ކަމުގައި" މިމަޤްޞަދު ޙާޞިލް ކުރުމަށް މަސައްކަތްކުރާ ދައުލަތެއްގެ ގޮތުގައެވެ. އަޚްލާޤީ މަތިވެރި ސިފަތަކުން ޒީނަތްތެރި ވެގެން ނެވެ. މިގޮތުން ލަދުވެތިކަމާއި، ނަފުސުގައި ހުރި ދަހިވެތިކަން ޠާހިރުކުރުމާއި، ނަފުސު ތަޢުލީމާއި ތަރުބިއްޔަތުން ތަރައްޤީ ކުރުމުގެ ސިފައިން ސިފަ ލިބިގެންނެވެ. ﷲ ގެ ބަރަކާތާއި، ނަޞްރާއި، ކާމިޔާބަށް އެދޭ ފަރާތަކަށް ވެގެންނެވެ. މިފަދަ ވެރިން އެއްވެސް ޙާލެއްގައި ފައިސާއަށް ވޯޓް ގަތުމުގެ ވިސްނުން ނުހުންނާނެއެވެ. އަދި ބޮޑެތި ޤައުމު ތަކުންނާއި ވިޔަފާރި ތަކުން ހުށަހަޅާ ފައިސާގައި ހިފައި، އެބައި މީހުންގެ މަޞްލަޙަތަށް މަސައްކަތް ނުކުރާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ) މާނައީ:"ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (އައްނަޙްލު: 90)

ގުޅޭ ޓެގު
comment ކޮމެންޓް