ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހު 30 އަށް ހަމަވަނީ

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަދާފައިވާ ތަނެއް ---- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވެސް އޮންނާނެ އެވެ.

އެގޮތުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް ރިއާޔަތް ކޮށް ހުށައަޅާ އެ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ބީއެމްއެލް އިން ހޮވާނެއެވެ.

އޭގެ ތެރެއިން ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރާތްކަތްތައް ހިންގުމަށްޓަކައި 50،000 ރުފިޔާވެސް ބީއެމްއެލް އިން ދޭނެއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަދާފައިވާ ލައިބަރިރީއެއްގައި ކުދިން ފޮތް ކިޔަނީ ---- ފޮޓޯ: ބީއެމްއެލް

ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މި އަހަރުގެ ފަހު ކުއާޓާރގެ ފަންޑަށް ޕްރޮޕޯސަލް ހުށައެޅޭނީ މި މަހުގެ 30 ވަނަ ދުވަގެ ރޭ 12:00އާ ހަމައަށެވެ. ޕްރޮޕޯސަލްއާ އެކު އެޕްލިކޭޝަން ފޯމް ހުށައަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ މެއިލް [email protected] އަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

އެ ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. މިގޮތުން އެވެރެޖްކޮށް 60 ވަރަކަށް ޕްރޮޕޯސަލް ލިބެއެވެ. އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގައި 55 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ފަންޑުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލުން އަންނަނީ 1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް