ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފި

އޮގަސްޓް 11، 2021: ގަތަރު ފްލައިޓް ވެލާނާ އެއާރ ޕޯޓް އަށް ޖައްސަނީ: ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެފްރިކާގެ ސަރަހައްދުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި ބުނީ, ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން ހަތް ގައުމަކުން ފަތުރުވެރިން އައުން މަނާކޮށްފައިވާ ކަމަށެވެ.

އެ ހަތް ގައުމަކީ, ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

އެ ހަތް ގައުމުން ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. އަދި 12 ގަޑިއިރަށްވުރެން ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އެ ހަތް ގައުމުތަކުން ރާއްޖެ އައިސްފައިވާ މީހުން ޕީސީއާރު ޓެސްޓެއް ހެދުން ވަނީ ލާޒިމްކޮށްފައެވެ. އޭގެތެރެއިން މީހަކު 14 ދުވަހަށްވުރެން އަވަހަށް ރާއްޖެ އިން ފުރާ ނަމަ ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ.

ކޮވިޑް-19 ގެ އައު ވޭރިއަންޓާ ބެހޭގޮތުން ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) ބުނެފައިވަނީ އެއީ ކޮވިޑްގެ މިހާތަނަށް އަދި ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމު އެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން އަދި ފާހަގަކުރެވިފައިނުވާ ކަމުގައެވެ.

އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ކަނޑައަޅާފައިވާ އިރު، "އޮމިކްރޯން" ގެ ނަން ދެވިފައިވާ އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ބައެއް މީހުންނަށް މަރުގެ ބިރުވެރިކަން ވެސް އޮތް ވޭރިއަންޓެއްކަން މިހާތަނަށް ކޮށްފައިވާ ރީސާޗް ތަކުން ވަނީ ހާމަވެފައެވެ.

މި ވޭރިއަންޓުގެ ބިރު ދުނިޔޭގައި ބޮޑުވެފައިވާއިރު، ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތައް ގައުމުތަކުން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އަދި އެހެންމެ މި ވޭރިއަންޓަށް ހާއްސަ ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

comment ކޮމެންޓް