އިންޑިއާއާއި ރާއްޖޭގެ ދިފާއީ ކަންކަން ގާއިމްވެފައި އޮތީ ހަމަހަމަކަމާއެކު ދެ ގައުމަށް ފައިދާވާނެހެން: މާރިޔާ

އައިއެންއޭގެ ޕާސިން ޕެރޭޑު މިނިސްޓަރު މާރިޔާ ޝަރަފުކޮށްދެއްވަނީ--

އިންޑިއާއެކު ރާއްޖޭގެ ދިފާއީ ކަންކަން ގާއިމްވެފައި އޮތީ ހަމަހަމަކަމާއެކު ދެ ގައުމަށް ވެސް ފައިދާވާނެހެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާރިޔާ ވަނީ ދަސްވެނިވި 231 މިޑްޝިޕްމަނުންނާއި ކެޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ދިފާޢީ ކަންކަމުގައި ދެ ޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެ ފަރާތުގެ ފައިދާ އާއި، ދެ ޤައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން އައިއެންއޭގެ ދަސްވެރިންނާ މުހާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ އައިއެންއޭފަދަ މުއައްސަސާއަކުން ލިބުނު ޢިލްމާއި ފަންނީ މަޢުލޫމާތާއި ލީޑަރޝިޕްގެ ހުނަރު ބޭނުންކުރަންވާނީ، މި ސަރަޙައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢަޒުމާއި ވިސްނުމުގައި ކަމަށެވެ.

ހަމައެހެންމެ މިޒަމާނަކީ ދޭދޭ ގައުމުތަމުގެ ސަލާމަތާއި ރައްކާތެރިކަމާ އެގައުމުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ޒަމާންކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިތްވަރާއި ކެރުމާއެކު، ނޭވީ އޮފިސަރުން ކޮންމެ އޮޕަރޭޝަނަކާ ކުރިމަތިލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައިއެންއޭ އިން ތަމްރީނުކޮށްދީފައިވާ އެމްއެންޑީއެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އައިއެންއޭ އަށާއި އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މިއީ، އިންޑިއާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑެއް، ބޭރު ގައުމެއްގެ ވަޒީރަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް