ވެހިކަލް އިންޝުއަރެންސް: އެންމެ ފައިދާ ބޮޑު ޕްލޭނަކީ ކޮބާ؟

ޕާކިން ޒޯނެއްގައި ޕާކްކޮށްފައިވާ ސައިކަލުތައް- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމު އުޅަނދުފަހަރު އިންޝުއަރެންސް ކުރުމަކީ ނުހަނު ބޭނުންތެރި ކަމަކަށްވީ ހިނދު، އެލައިންޑުން އަންނަނީ ދެ މޮޓޯ އިންޝުއަރެންސް ޕްލޭނެއް ފޯރުކޮށްދެމުންނެވެ.

"ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް" އަދި "ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް" އެވެ.

މަގުމަތީގައި އުޅަނދު ދުއްވާ އިރު އެހެން މީހުންނަށް ބަލައިގެން، ސަމާލުވެގެން ދުއްވުމަށް ބާރުއެޅުމަށްޓަކައި ރާއްޖޭގައި އޮންނަނީ ދުއްވާ ކޮންމެ އުޅަނދެއްވެސް ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް ކަވަރޭޖެއް ނެގުމަށް ލާޒިމުކޮށްފައެވެ.

މި އިންޝުއަރަންސްއިން ކަވާ ކުރަނީ ތިމާ ދުއްވާ އުޅަނދުގެ ސަބަބުން ތިންވަނަ ފަރާތުގެ މުދަލަށާއި ހައްޓަށް ލިބޭ ގެއްލުންތަކެވެ.

މަގުމަތީގައި ހިނގާ ހާދިސާތަކުގެ ސަބަބުން އަމިއްލަ ހަށިގަނޑަށް އަދި ވެހިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާނެ ގޮތަކީ އެލައިޑުގެ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް އެވެ.

ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސްގައި ތާޑް ޕާޓީ ނުވަތަ ތިން ވަނަ ފަރާތަށް ލިބޭ ގެއްލުމުގެ އިތުރުން، ތިމާގެ ވެހިކަލަށް އެކި ގޮތްގޮތުން ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމަށް މަގުފަހިކޮށްދޭ ކަވަރޭޖުތައް ހިމެނެއެވެ.

މީގެ އިތުރުން ތިމާގެ ސައިކަލު އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި ނަމަ، ކޮމްޕްރެހެންސިވް ޕޮލިސީގެ ދަށުން ތިންވަނަ ފަރާތަށާއި ތިމާއަށްވެސް ލިބޭ ގެއްލުމުގެ ބަދަލު ހޯދޭނެއެވެ.

އެއާއެކު އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން އަމިއްލަ ހަށިގަނޑަށް ލިބޭ ގެއްލުން ނުވަތަ ޒަހަމުތަކާއި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ކަންކަމަށް މި ޕޮލިސީން ބަދަލު ލިބޭނެއެވެ.

މިއީ މަގުމަތީގައި ދެ އުޅަނދު ޖެހިގެން ހިނގާ އެކްސިޑެންޓްތަކުގެ ބޭރުންވެސް އެކި ކަންކަމުން ލިބޭ ގެއްލުމުގެ ބަދަލު ފޯރުކޮށްދޭ ޕޮލިސީއެކެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން ނުވަތަ އިމާރާތެއްގެ މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކުގެ ބަދަލު، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސްގެ ދަށުން ލިބޭނެއެވެ.

މީގެ އިތުރުން ގުދުރަތީ ހާދިސާތަކުގެ ސަބަބުން ވެހިކަލަށް ލިބޭ ގެއްލުމުގެ ބަދަލުވެސް އެ އިންޝުއަރެންސްއިން ލިބޭނެއެވެ.

މާލޭގައި ސައިކަލު ވަގަށް ނެގުމަކީ އާންމު ކަމަކަށްވީ އިރު، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސް ޕޮލިސީއަށް އެޑް-އޮންއެއްގެ ގޮތުގައި "ތެފްޓް ކަވާ" ނެގޭނެއެވެ. އަދި ވަގަށް ނަގާފައިވާ ސައިކަލެއް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ހޯދައި ނުފެނިއްޖެ ނަމަ ވެރިފަރާތަށް އެ ސައިކަލުގެ އަގު ދޭނެއެވެ.

އިންޝުއަރަންސާއެކު އަމިއްލަ ޒިންމާތަކެއް އަބަދުވެސް ހުންނަކަން އެލައިޑުން ފާހަގަ ކުރިއެވެ. އަދި އުޅަނދަށް ނުވަތަ މީހަކަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގެ އިތުރުން، އުޅަނދު ހިމެނޭ ގޮތުން ހާދިސާއެއް ހިނގައިފިނަމަ ވީ އެންމެ އަވަހަށް ޕޮލިސް ރިޕޯޓެއް ހޯދަން ޖެހޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ހަމައެހެންމެ، އިންޝުއަރަންސް ޕްރޮވައިޑާގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސްގެ ހުއްދަ ނެތި އެއްވެސް މަރަމާތެއް ނުކުރަން ސަމާލުވުމަށް އެ ކުންފުނިން އެދެއެވެ.

comment ކޮމެންޓް