މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދުމަށް ޓެލެތޯނެއް ހިންގަނީ

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --

މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވިޔަސް، އެތަންތަން މަރާމާތު ކުރަން ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސާފައިނުވާތީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓެލެތޯނެއް ހިންގަން ނިންމާފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެއަކީ ޗާލު ސިޓީއަކަށް ހެދުމަށްޓަކައި ކައުންސިލުން ފަށާފައިވާ މަސައްކަތުގެ އެންމެ މުހިއްމު ކަމަކީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ރީތިކުރުން ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ބަޖެޓެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލޭގެ މިސްކިތްތަކަކީ ކައުންސިލާ ހަވާލުކޮށްފައިހުރި ތަނެއް ނަމަވެސް ބަޖެޓެއް ނޯވޭ. އަޅުގަނޑުމެން ކައުންސިލުން މިހާރު ފާސްކޮށްފަ އޮންނާނެ ވިޔަފާރިވެރިންނަށް ދައުވަތުދީގެން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އިންވެސްޓް ފޯރަމް ސްޓައިލަށް މިސްކިތްތައް މަރާމާތުކުރުމުގެ ފޯރަމެއް ބޭއްވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކްގައި ފަށަން ހަމަޖެހިފައިވާ އެ ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހަދާނެ ކަމަށެވެ. އަދި ކޮންމެ ސްޓޯލަކުން ވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސްޓޯލްތަކަށް އައީމަ އެމިސްކިތެއްގައި އެކުރަން ހުރި ކަމަކަށް އެމީހަކު ބޭނުން ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ. ފައިސާއިން ވިއްޔާ ފައިސާއިން. އޮންލައިންކޮށް ޕޭކުރަން ބޭނުންކަމުގައިވާނަމަ އޮންލައިންކޮށް ޕޭކުރެވޭނެ. ތަކެތި ބޭނުންނަމަ ތަކެތި ވެސް ދެވޭނެ. އަދި މަސައްކަތާ ހަވާލު ވާން ބޭނުންނަމަ ހަވާލުވެވޭނެ. މިއިން ކޮންމެ ގޮތަކަށް ވެސް އެކި މިސްކިތްތަކުގައި ހުރި އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވިއެވެ.

ޓީވީތަކުގެ އެހީގައި ޓެލެތޯނެއްގެ ގޮތުގައި އެ ފޯރަމް ކުރިއަށްގެންދާނެ ކަމަށާއި މާލޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވާނީ މިކަމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި މިކަމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓެއް ވަގުތީ ގޮތުން ނަމަވެސް ހުޅުވައިދެއްވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަސް އަންނަން ވާއިރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މާލޭ ސިޓީގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމަކީ ސިޓީ ކައުންސިލުން ކުރަމުން އަންނަ އެންމެ ބޮޑު އުންމީދު ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލޭންޑް ޔޫސް ޕްލޭންގެ ދަށުން މަލްޓި ޔޫސް ޕާކިން ބިލްޑިންތައް ގާއިމްކުރާނެ ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއެކު މާލޭ ސިޓީއަށް ތަރައްގީ ގެނައުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް