ސައިކަލް ފުހެނީތަ؟

އޮގަސްޓް 5، 2021: ކާނިވާ ސަރަހައްދުގައި ސައިކަލް ފޮހެދޭ ބިދޭސީއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުވެރިއަކާއެކު ސަޔެއް ބޮއިލާން ކާނިވަލަށް ދިޔަ ދުވަހެކެވެ. ކާނިވަލަށް ވަންނާން ހުންނަ ދޮރުން އެތެރެއަށް ވަންނާން ހިފާލިއިރު، ދޮރުމަތީގައި ތިން ހަތަރު ބިދޭސީން މަޑުކޮށްލައިގެން ތިއްބެވެ. ކޮންމެ މީހަކު ވެސް ހުރީ، ދާވެފައިވާ، ބާ ހެދުމެއްގައެވެ. އެ އިން ކޮންމެ މީހެއްގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އަޅުގަނޑާ ދިމާއަށެވެ. މާ ކުރީއްސުރެ އަޅުގަނޑުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބި ބައެއް ކަހަލައެވެ.

ކާނިވާތެރެއަށް ވަންނަން ދިމާކޮށްލުމާއެކު، އިންތިޒާރުގައި ތިބި މީހުންތައް ގަޔާދިމާއަށް އަންނާން ފަށައިފިއެވެ. އެއްޗެހިތަކެއް ކިޔަމުންނެވެ. އެމީހުނަށް ދަސްވެފައިވާ ދިވެހިބަހުންނެވެ. އަދަބެއް، ސަދަބެއް އިހުތިރާމެއް ނެތް ގޮތަކަށެވެ.

"ސައިކަލް ފުހެނީތަ؟ ވަރަށް ރީތިކޮށް ފުހެދެނީ. ބަރާބަރު ރީތިކުރަނީ." އެ މީހުން ބޭނުންވީ، އަޅުގަނޑުގެ ސައިކަލް ފުހެދޭށެވެ.

މިއީ ކާނިވަލަށް ވަންނަ މީހުންނަށް އާ ކަމެއް ނޫނެވެ. ހެނދުނެއް ހަވީރެއް ތަފާތެއް ނޫނެވެ. އަޅުގަނޑަކަށް ވެސް މިކަން އާ ކަމަކަށް ނުވެއެވެ. ސައިކަލުގައި ވިޔަސް، ކާރުގައި ވިޔަސް، ކާނިވަލަށް ވަންނަ ކޮންމެ މީހަކާ ވެސް، އެ މީހުންގެ މި ކަންތައްގަނޑާ ލައިގަންނާނެއެވެ. އެހެންކަމުން އެއިން އެއް ވެސް މީހަކަށް ޖަވާބެއް ދިނުމެއްނެތި ކާނިވާތެރެއަށް ވަދެއްޖައީމެވެ. އެ މީހުންލައްވާ ސައިކަލް ފޮހެން ބޭނުންނުވާތީއެވެ. އޭގެ ކުރީ ދުވަހު ގަރާޖަކަށް ގެންގޮސްގެން ސައިކަލް ހުރީ ދޮވެ، ކިޓްކޮށްފައެވެ.

ކާނިވަލަށް ވަދެ ކުރިއަށް ދުއްވާލުމާއެކު، އެއްކަލަ ގުރޫޕު ފަހަތުން ވެސް އަންނާން ފަށައިފިއެވެ. ތަންކޮޅަކަށް ގޮސްފައި އެނބުރި ބަލައިލިއިރު، އޭގެތެރެއިން ބަޔެއް މީހުން، ވަކި ހިސާބަކަށް އައިސްފައި އަނބުރާލާފައި ދަނީއެވެ. އެހެންނަމަވެސް ދެ މީހަކު، އޭރުވެސް ދުވެފައި ކަހަލަ ގޮތަކަށް، އަޅުގަނޑުގެ ފަހަތުން އާދެއެވެ. ސައިކަލް ޕާކުކޮށްލަން މަޑުކޮށްލުމާއެކު، އެ ތަނުން އެކަކު އަރައި ހަމަކޮށްފިއެވެ.

"ވަރަށް ހަޑި ހުންނަނީނު! ސާފުކުރަން ބޭނުން." ސައިކަލަށް ބަލައިލަމުން އެ މީހާ ބުންޏެވެ.

ސައިކަލް ހަޑިނުވާ ވާހަކައާއި އިއްޔެ ދޮވެފައި ހުރި ވާހަކަ ބުނެފައި ސައިކަލުން ފައިބައިފީމެވެ.

"މިހާރު ހަޑިވަނީނު. ވަރަށް ރިތިކޮށް ސާފުކުރަނީ. މައްސަލަ ނެތީ."

މި ޖެހުނީ ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އަޅުގަނޑުގެ ސައިކަލެކެވެ. އަޅުގަނޑަކަށް މި ސައިކަލް އަދި ހަޑިއެއް ނުވެއެވެ. ސާފުކުރާވަރެއް ނުވެއެވެ. އެހެންނަމަވެސް މީނާއަށް މި ސައިކަލް ވަރަށް ހަޑިވެއްޖެއެވެ. އެހެންވެ މިހިރީ ސައިކަލް ފުހެން ބަލާ އައިހެވެ.

މިއަދު ސައިކަލް ފުހެން ބޭނުންނުވާ ވާހަކަ، ވަރަށް ސާފުކޮށް ބުނުމުން، އޭނާ އަޅުގަނޑާ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަޅުގަނޑު ކުރިއަށް ހިނގައިގެންފީމެވެ. ތަންކޮޅަކަށް ދިޔަ ތަނާ ފަހަތުން އަޑެއް އިވިގެން އެނބުރި ބަލައިލިއިރު، އެއްކަލަ މީހާ އަޅުގަނޑުގެ ސައިކަލްގެ ހަރު ނައްޓާލައިގެން ކޮންމެވެސް ދިމާއަކަށް ގެންދާން މަސައްކަތްކުރަނީއެވެ. އަޅުގަނޑު އަވަސް އަވަހަށް އޭނާއާ ދިމާއަށް އަތުވެއްޖައީމެވެ. އަދި ތީ ކޮންކަމެތޯ އަހައިފީމެވެ.

"ސާފުކުރަނީނު!"

"ސާފުކުރާނެކަމެއް ނެތޭ ބުނީމާވެސް، ސާފުކުރަންޖެހޭތަ؟ ސައިކަލް ހުރިތާ ބަހައްޓާ! ހުއްދަ ނެތި މީސްމީހުންގެ އެއްޗިއްސަށް އަތްލުމަކީ މަނާކަމެއް!"

އަޅުގަނޑު ހިތްހަމަނުޖެހުމުން، ސައިކަލް އެ ތަނުގައި ބަހައްޓާފައި އޭނާ އައި ކޮޅަށް އެނބުރި ހިނގައްޖެއެވެ.

މިހިރީ މިއަދު މި ގައުމުގައި ބިދޭސީންގެ ކަންކަން ގޮސްފައި ހުރި މިންވަރެވެ. ކާނިވަލާއި، ދުއްވާ ތަކެތި ޕާކުކުރާ ބޮޑެތި ޕާކިންޒޯނުތަކުގައި ބިދޭސީން ބައިހަދާފައި، ސައިކަލް ފުހެގެން އެތައް ފައިސާއެއް ދިވެހިން އަތުން އެބަ ނަގައެވެ. މައްސަލައަކީ ފައިސާ ނެގުމެއް ނޫނެވެ. މި މީހުންގެ ކިބައިން ފެންނަ ނާތަހުޒީބު ސިފަތަކެވެ. ސައިކަލެއްގައި ނުވަތަ ކާރެއްގައި މީހަކު ވަންނައިރަށް، އެ މީހަކު ފަހާދުވެ، އަޑުގެކޮޅަށް އެކަކަށްވުރެ ބާރަށް އަނެއްކަކު ގޮވައިނަގާއިރު މި ކަންކަން މަނާކުރެވޭނެ ގޮތެއް، ހުއްޓުވޭނެ ގޮތެއް ނެތީމައެވެ.

ސައިކަލު ފުހުމާއި ދޮވުމާއި މަރާމާތުކުރުމަށް ޓަކައި ގަރާޖުތައް ރަޖިސްޓްރީކޮށްގެން ހިންގާ މީހުން މާލޭގައި އެބަ އުޅެއެވެ. މި ގޮތަށް ބިދޭސީންގެ ޢަމަލުތައް ހުރުމުގެ ސަބަބުން، ގަރާޖުތަކަށް ވެސް ލިބެމުން މި އަންނަނީ، ކިހައި ބޮޑު ގެއްލުމެއް ހެއްޔެވެ؟ ޤަވާއިދުގެ ބޭރުން ކަންކުރާ މީހުންގެ ޖީބުތައް ފުރެމުން، ޤާވާޢިދާ އެއްގޮތަށް މަސައްކަތްކުރާ މީހުންގެ ޖީބު ހުހަށް ހުރުމަކީ، ރަނގަޅު ހަމައެއް ނޫނެވެ.

މިއީ ހައްލުކުރާން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ގަވާޢިދާ ޚިލާފަށް މާލޭގައި އުޅޭ ބިދޭސީންގެ މި ފަދަ ޢަމަލުތައް ނުހުއްޓުވޭ ނަމަ، މި ފަދަ ކަންކަން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ގޮސް އަތުނުޖެހޭ ހިސާބަށް ހިނގައިދާނެއެވެ. އެހެން އެކަން ވެއްޖެ ނަމަ، އެ ވާނީ ވަރަށް ހިތާމަ ހުރި ކަމަކަށެވެ. ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް އޮތް ބޮޑު ބިރަކަށް ވެސް ވެދާނެއެވެ.

comment ކޮމެންޓް