އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް --- ފޮޓޯ: އެމްޑަބްލިއުއެސްސީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހުރި ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.

ވަގަށް ނަގައިފައިވަނީ އައިޖީއެމްއެޗްގެ ރިސެޕްޝަން ކައިރީގައި ބަހައްޓައިފައިހުރި، ފަންޑުފޮއްޓެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފައިވާ ކަމަށެވެ. ނަމަވެސް އެ ފަންޑު ފޮށީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން ލަފާކޮށްލަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލަ މިއަދު 10:45ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާއިރު، ފަންޑު ފޮށި ވެސް އަދި ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް