ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ރާއްޖެއިން ޖަވާބު ދީފި

ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން ވަނީ އދ.ގެ އާއްމު މަޖިލީހުގައި ވޯޓު ދީފަ -- ފޮޓޯ: ގެޓީ

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި އުފެދިފައިވާ ދެބަސްވުމާ ގުޅިގެން ކަނޑުތަކާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ޖަވާބެއް ދީފިއެވެ.

މޮރިޝަސްއާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު (އީއީޒީ) ފުށުއަރާތީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން މައްސަލައެއް ހުށަހެޅީ 2019 ވަނަ އަހަރުގައެވެ. އަދި އެ މައްސަލަ ބަލައި، ދެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ އިހުތިސާސް އިޓްލޮސްއަށް ލިބިގެންވާކަން އެ ޓްރައިބިއުނަލް އިން ކަނޑައެޅީ މިއަހަރުގެ ޖެނުއަރީ މަހުގެ 28ގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު މޮރިޝަސްއިން ވަނީ އިޓްލޮސްއަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެހެންކަމުން މިހާރު ރާއްޖެއިން ވަނީ އެ ހުށަހެޅުމަށް ޖަވާބެއް ދީފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގެ ޖަވާބު ހުށަހެޅީ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު އެއްކުރުމަށްފަހު ވަޒީރުންގެ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އިސްކަން ދީފައި ކަމަށެވެ.

ހަމައެއާއެކު، ޓްރައިބިއުނަލްގައި ރާއްޖެ ތަމްސީލު ކުރުމަށް ޓަަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވެސް އައްޔަން ކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ލަފާ ކުރާ ގޮތުގައި އެ މައްސަލައާ ބެހޭ އަޑުއެހުމެއް ބާއްވާނީ އަންނަ އަހަރު ތެރޭގައެވެ.

އެ ޓްރިބިއުނަލްއިން ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ބައުންޑަރީ ކަނޑައަޅާނެއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލަ ޖެހެނީ، މޮރިޝަސްގެ ސިޔާދަތުގައި ދަށުގައިވާ ކަމަށް އެގައުމުން ބުނާ ޗާގޯސް ރަށްތަކާއި އައްޑޫ ސިޓީއާ ދެމެދު، ދެގައުމުގެ އީއީޒީ ފުށު އަރާތީއެވެ.

މޮރިޝަސް އިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް 1965ގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އެގައުމު އޮތް އިރު، އިނގިރޭސީން ވަނީ މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައި ކަމަށެވެ. ޗާގޯސް އިނގިރޭސިވިލާތަށް ނެގީ މޮރިޝަސްއަށް ބަދަލުގައި ތިން މިލިއަން ޕައުންޑް ދީފައެވެ. އޭގެ ފަހުން އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި ބާއްވާ ގޮތަށެވެ.

އެއަށް ފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ، އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވިއެވެ. އެއީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ އެއްބަސްވުން 2016 ވަނަ އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރު ވެސް ކޮށްފަ އެވެ.

ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ ގަރާރަކާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައި މިދިޔަ ޖެނުއަރީ މަހު ނެގި ވޯޓެއްގައި 116 ގައުމަކުން ވަނީ އެ ގަރާރު ފާސް ކުރަން ތާއިދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ހަ ގައުމަކުން ކަމަށްވާ އިރު އޭގެ ތެރޭގައި ރާއްޖެވެސް ހިމެނުނެވެ.

އެ ވޯޓާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ސަރަހައްދަށް ވެފައި، ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށްފި ނަމަ، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

comment ކޮމެންޓް