ފުރައްސާރައާއި ގޯނާގެ މައްސަލަތައް އިތުރުވަނީ، ފިޔަވަޅު އަޅަން ޖެހޭ: ހުތުބާ

ހުރިހާ ބާވަތެއްގެ އަނިޔާއަކުން ރައްކާތެރިވެ ތިބުމަށް މިއދުގެ ހިތުބުގައި ގޮވާލައިފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައުގައި އަނިޔާއާއި ޖިންސީ ފުރައްސާރައާއި ގޯނާތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރު ވަމުންދާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ގޯނާގެ މައްސަލަތައް އިތުރުވަމުންދާކަން ބަޔާންކޮށް، ގެވެށި އަނިޔާގެ ވާހަކަ ވަނީ ވަކިން ފާހަގަކޮށްފައެވެ. އެގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ގިނައިން ވަނީ އަންހެނުން ކަމަށްވީ ނަމަވެސް ފިރިހެނުންނާއި ކުޑަކުދިންނަށް ގެވެށި އަނިޔާ ލިބެމުންދާކަން ހުތުބާގައި ފާހަގަކުރިއެވެ.

ނަމަވެސް ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށް ވީ ނަމަވެސް އެއްވެސް މީހަކަށް ގޯނާއެއް ކުރުމަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި އަނިޔާ ލިބޭ މީހާގެ ދުއާއަކީ ވަރަށް އަވަހަށް އިޖާބަ ކުރައްވާ ދުއާއެެއް ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުުރުން ގެވެށި އަނިޔާއަކީ މުޅި ދުނިޔެ އެކަމެއް ހުއްޓުވުމަށް ގޮވާލާ މައްސަލައެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ ގިނަ ބައްދަލަވުންތަކުގައި ހަރު އަޑުން ވާހަކަ ދެކެވޭ މައްސަލައެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި ހުސް ވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުން ހިމެނޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ އަނިޔާތަކުގެ ސަބަބުން މުޖުތަމައުގެ ސުލްހަމަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން ކަމާ ބެހޭ މުވައްސަސާތަކުން ތިބިގެން ނުވާނެ ކަމަށާއި އެފަދަ އަނިޔާ ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް