އެލްޖީއޭ ބޯޑުގެ ނައިބު ރައީސަކަށް ނިއުމާ އައްޔަންކޮށްފި

އެލްޖީއޭ ބޯޑުގެ ނައިބު ރައީސަކަށް އައްޔަންކުރި ފާތިމަތު ނިއުމާ--

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސަކަށް ބޭފުޅު އައްޔަންކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ 31 ވަނަ ޖަލްސާގައި އަ މަގާމަށް އިންތިހާބުވެފައިފައިވަނީ ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.

އެލްޖީއޭގެ ރައީސަކީ ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ ފާތުމަތު އަފްޝަން ލަތީފެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ވެސް ހިމެނެން ޖެހޭނެއެވެ.

އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯ އެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް