މަޖިލީސް ހުޅުވައިގެން މަޝްވަރާ ކުރުމުގެ ބުއްދިއަކީ ހައްލެއް ނޫން: ނަޝީދު

އަވަސް އިންތިހާބަކަށް ދިއުމާއިގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި ކުރެވޭ މަޝްވަރާތައް މަޖިލީސް ހުޅުވުމަށްފަހު ކުރަން ބައެއް ފަރާތްތަކުން ގެންގުޅޭ ވިސްނުމަކީ ހައްލެއް ގެނެވޭނެ ވިސްނުމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ފަހުގެ އާދައިގެ މަތިން ކޮންމެ ދުވަހަކު ހެނދުނު ލޮނުޒިޔާރަތްކޮޅަށް ވަޑައިގެން ދެއްވާ ތަގުރީރުގެ، މިއަދުގެ ވާހަކައިގައި ވިދާޅުވީ މަޖިލީސް ހުޅުވެން ޖެހޭނީ ޕާޓީ ތަކާއިއެކު ކުރެވޭ މަޝްވަރާތަކަށްފަހު ގޮތެއް ނިންމިގެން ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.

"ރައްޔިތުން މަޖިލީސް ހުޅުވުމަށްފަހުގައި ކަންކަން ހިންގުމަށް ނުވަތަ މަޝްވަރާ ކުރުމަށް ގެންގުޅެވޭ ބުއްދިއަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މިކަމުގައި ހައްލެއް ފެންނާނެ ބުއްދި އެއްނޫން. މަޖިލީސް ހުޅުވެން އަންނަނީ ޕާޓީތަކުގެ މެދުގައި އެއްބަސް ވުންތަކެއް ވެވިގެން،" ޕާޓީތަކުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ރޭ ޓީވީއެމްގައި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ދެއްކެވި ވާހަކަފުޅުތަކަށް ރައްދެއް ދެއްވީ ކަމަށް ހީވާ ކަހަލަ ގޮތަކަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމާއި ގުޅޭ ގޮތުން ޕާޓީތަކުން ކުރެވުނު މަޝްވަރާތަކުގައި އެކި ޕާޓީތަކުން އިންތިހާބު ބާއްވާނެ ތާރީހެއް ހުށަހަޅަމުން ދިޔަ ކަމަށެވެ. އެގޮތުން އެމްޑިޕީން ހުށަހެޅީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

"އެމްޑީޕީ ތާރީހެއްގެ ގޮތުގައި އޯގަސްޓް މަސް، ޑީއާރްޕީ ތާރީހެއްގެ ގޮތުގައި ޖަނަވަރީ މަސް، އަދި އަޅުގަނޑު އަޑު އެހިން ޖުމްހޫރީ ޕާޓީގެ ތާރީހެއްގެ ގޮތުގައި މާޗް މަސް. އަދި މިހާރު ސަރުކާރާއި ހަވާލުވެ އެ ހުންނެވި [ރައީސް ވަހީދަށް ނިސްބަތް ކުރައްވާ ބޭނުން ކުރެއްވި ނަން] ޕާޓީގެ ފަރާތުން 18 މަސް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަވަސް އިންތިހާބެއްގެ ތާރީހު ކަށަވަރުނުވަނީސް އެމްޑީޕީން ކުރަމުންގެންދާ އިހްތިޖާޖު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

މިދޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާ އެމްޑީޕީ މެންބަރުން އެޅުއްވި ހުރަސްތަކާއިއެކު މަޖިލީހުގެ ޖަލްސާ ކެންސަލް ކުރައްވާފައިވާ އިރު އަވަސް އިންތިހާބަކަށް ދިއުމާ ގުޅޭ ގޮތުން ޕާޓީތަކާ އެކު ކުރެވެމުންދިޔަ މަޝްވަރާތަކުން ޑީއާރްޕީ އާއި ޕީޕީއެމާއި އަދި އަދާލަތު ޕާޓީ އާއި ޕީއޭ ވަކިވެ ވާހަކަތަކަށް ވަނީ ހިޔަނި އެޅިފަ އެވެ.

ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވި އިރު ރޭ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ތަސްމީން ވިދާޅުވީ ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނީ މަޖިލީސް ކުރިއަށް ގެންދަން ފުރުސަތު ދީގެން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީސް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދެނީސް ޕާޓީތަކުގެ މަޝްވަރާތަކުގައި ޑީއާރްޕީން ބައިވެރި ނުވާނެ ކަމަށެވެ.

ރައްޔިތުން މަޖިލީސް ހުޅުވަމް އޮތް ޖަލްސާ ދޫ ދިނުމަށްފަހު މިދިއަ ބުރާސްފަތި ދުވަހު ނުބާއްވަން ނިންމެވުން އެއީ މަގުބޫލު ނިންމުމެއް ނޫންކަމަށާއި ނަމަވެސް ވެރިކަމުގެ ބާރުތައް ހިފައިގެން ތިބޭބަޔަކު ދޫ ދޭންޖެހޭނެ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ޖަލްސާ، ސިފައިން ވައްދައިގެން އެމްޑީޕީގެ މެންބަރުން މަޖިލީހުން ނެރެގެން ވެސް ބޭއްވުނީސް ކަމަށާއި ނަމަވެސް ދޫދިނުމަކީ މަގުބޫލުކަން ކުޑަކަމަކަށް ވިޔަސް ގައުމީ ނަޒަރަކުން ވިސްނާއިރު އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ނުވާނެޔޭ އެންމެ ފުރަތަމަ ބަޔަކު ގަދަބަސް ބުނެފައި އޮތީތީ ދެން ދިމާވެދާނެ ކަމަކަށް ނުބަލާ، އެތަށް ބަޔަކަށް އަނިޔާ ވެގެން ސިފައިން ވައްދައިގެން ގަދަކަމުން ޖަލްސާއެއް ބާއްވަން. ކުޑަތަންކޮޅަކަށް ދޫދިނުމަކީ މަގުބޫލުކަން ކުޑަކަމަކަށް ވިޔަސް ގައުމީ ނަޒަރަކުން ވިސްނަންޏާ ކުރަންޖެހޭނެ ކަމެއް،" ތަސްމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު