އިންޑިއާގެ ގާނޫނު އަސާސީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ގާނޫނު އަސާސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން--

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން އެ ގައުމުގެ ގާނޫނު އަސާސީ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކޮށްފިއެވެ.

މާދަމާއަކީ އިންޑިއާގައި ފާހަގަކުރާ، އެގައުމުގެ ގާނޫނު އަސާސީ ދުވަހެވެ. މި ދުވަހަކީ 1949 ވަނަ އަހަރު އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުން، އެ ގާނޫނު އަސާސީގެ މަސައްކަތްތައް ރަސްމީކޮށް ނިންމައި، އެއީ އިންޑިއާގެ ޤާނޫނު އަސާސީ ކަމުގައި ބަލައިގަތް ދުވަހެވެ. އެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށީ 1950 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ސޯޝަލް ސެންޓަރުގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، މުނޫ މަހާވަރާއި ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައީދު ތަންވީރާއި ޑެޕިއުޓީ ކޮމިޝަނާ ރޯހިތު ރާތީޝްގެ އިތުރުން ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ގާނޫނު އަސާސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން--

އެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. އަޝްރަފްގެ ވާހަކަފުޅުގައި، ރާއްޖެ އާއި އިންޑިއާގެ ގާނޫނު އަސާސީގެ މިސާލު ނަންގަވައި، ގާނޫނުއަސާސީގައި ހުރި މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައިވެއެވެ. އެގޮތުން ގާނޫނު އަސާސީއަކީ ގައުމެއްގެ އިހުސާސްތައް ކުރިއަށް ގެންދިއުމުގެ އަލިމަގެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މިއަދު ބޭއްވި ހަރަކާތްތަކުގައި އިންޑިއާގެ ގާނޫނު އަސާސީ އުފެދުނު ގޮތާ ގުޅޭ ޑޮކިއުމެންޓަރީއެއް ވަނީ ދައްކައިލައިފައެވެ.

މީގެ އިތުރުން އިންޑިއާ އާއި ރާއްޖޭގެ ފަންނާނުންގެ ގްރޫޕަކުން ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ވެސް ހުށަހަޅައިދީފައެވެ.

comment ކޮމެންޓް