ޔޫތު ޗެމްޕިއަންޝިޕް ޖަނަވަރީ މަހު، އަތޮޅުތެރޭގެ ދެ ޓީމަކަށް ފުރުސަތު ދެނީ

2017ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމް އީގަލްސް -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތް ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މި މުބާރާތުގައި ފުރުސަތު ދޭން ނިންމައިފައިވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށެވެ. 19 އަހަރުން ދަށަށް މި މުބާރާތް ބާއްވަން ނިންމައިފައި ވިޔަސް މުބާރާތުގައި ކުޅެވޭނީ 2003،2004 އަދި 2005ގައި އުފަންވެފައިވާ ކުދިންނަށެވެ.

މި މުބާރާތާ ގުޅޭގޮތުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) ވިދާޅުވީ މި މުބާރާތަކީ 19 އަަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުުރުންތައް ފެށުމުގެ ކުރިން ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

އަންނަ އަހަރު 19 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕް އޮންނާނެއެވެ. ޑުންގާ ވިދާޅުވީ އެ މުބާރާތަށް އަދި ރީޖަނަލް އެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމަށް ޔޫތު ޗެމްޕިއަންޝިޕަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

މީގެ އިތުރުން ޑުންގާ ވިދާޅުވީ މި މުބާރާތަށް އަތޮޅުތެރެެއިން ވެސް ދެ ޓީމަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއިން ވެސް ޝައުގުވެރިކަން ފާޅުކޮށްގެން ދެ ޓީމަކުން އަންނާނެކަމަށް އުއްމީދު ކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ޔޫތު ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ކްލަބް އީގަލްސްއިންނެވެ. އީގަލްސްއަކީ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ހަތަރު ފަަހަރު މި މުބާރާތް ކާމިޔުާބު ކޮށްފައިވެއެވެ.

comment ކޮމެންޓް