ކުށް މަދުކުރުމަށް ޓަކައި "ސްޓްރެޓެޖިކް ޕޮލިސިން ރިކުއަމަންޓް" ތަންފީޒުކުރަން ފަށައިފި

ޖުލައި 26، 2021: ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގަނޫނުގެ ދަށުން ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް "ސްޓެރެޓެޖިކް ޕޮލިސިން ރިކުއަމަންޓް"ގެ ނަމުގައި ހިދުމަތް ބައްޓަން ކުރާނެ ގޮތުގެ ހާއްސަ ގައިޑްލަަނަކަށް ފުލުހުން އަމަލުކުރަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ "ސްޓެރެޓެޖިކް ޕޮލިސިން ރިކުއަމަންޓް" ކަނޑައަޅައިފައިވާނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށާއި، ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހުކަމަށެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށާއި، ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަގޮތުގެ މައްޗަށް ބެލުމަށްފަހުކަމަށެވެ.

އެއާއެކު ފުލުހުންގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ފުލުހުންގެ ހިދުމަތުގެ ކަންކަން ރޭވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް މަސައްކަތް ކުރާނީ މިއަދު ކަނޑައެޅި 'ސްޓްރެޓީޖިކް ޕޮލިސިން ރިކުއަމަންޓް'ގައިވާ ކަންކަން ހާސިލުކުރުމުގެ ބޭނުމަށް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ ޕްލޭނަށް އަމަލުކޮށް އޭގައިވާ ކަންކަން ހާސިލްކުރެވެން ފެށުމުން ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށެވެ. އެގޮތުން ފުުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ ކުރިއަރާނެކަމަށް ބުންޏެވެ. އަދި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ، މުޖުތަމައުގައި ރައްކާތެރިކަން އިތުރުވާނެކަމަށް ވެސް ބުންޏެވެ. އަދި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަަވަރުވާނެކަމަށް ވެސް މިނިސްްޓްރީން ބުންޏެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފައިވަނީ މާޗް މަހުގެ 26ވަނަ ދުވަހެވެ.

comment ކޮމެންޓް