ސައިކަލުގައި ރޯކޮށްލި ހާދިސާއާއެކު ޕްރިންސިޕަލް އެހެން ރަށަކަށް

ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލް ރޯކޮށްލައިފައި---

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އަމްޖަދު ހުސައިންގެ ސައިކަލުގައި ރޯކޮށްލި ހާދިސާއާއެކު އޭނާ އެ ރަށުން ފައިބައިފިއެވެ.

ޕްރިންސިޕަލް އުޅުއްވާ ގޭގައި ސައިކަލު ޕާކުކޮށްފައި ހުއްޓާ، ސައިކަލުގައި ރޯކޮށްލީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށް ބާރަށު ކައުންސިލްގެ ރައީސް ސޮފާތު މުހައްމަދު މީގެ ކުރިން ވަނީ "ސަން" އަށް ވިދާޅުވެފައެވެ.

ނ. ވެލިދޫއަށް ނިސްބަތްވާ އަމްޖަދު، އެ ހާދިސާއާ ގުޅިގެން އިއްޔެ ހަވީރު ރަށުން ފުރާފައިވާ ކަމަށް ބާރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން އަދިވެސް އެރަށުގައި ހަރަކާތްތެރި ވަމުންދާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަގޮތް ބުނަން އަދިވެސް ނޭނގޭކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން ވެސް ޕްރިންސިޕަލްގެ އާއިލާއަށް އަސަރު ކޮށްފައި ވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އާއިލާއާއެކު އުޅުއްވި ގެ -- ފޮޓޯ/ ކައުންސިލް

ތިން ކުދިންނާ އަންހެނުންނާއެކު އަމްޖަދު ބާރަށުން ފުރީ، ރަށު ސްކޫލުން ވަކިވެ، އެހެން ސްކޫލަކަށް ބަދަލުވާން ކަމަށް ކައުންސިލްގެ ރައީސް ސޮފާތު ވިދާޅުވިއެވެ.

"މިކޮޅުން ހަމަ ވަކިވެވަޑައިގެން އެ ދުރުވީ. މައުލޫމާތު ލިބުނީ ށ. އަތޮޅުގެ ސްކޫލަކަށް ބަދަލުވީ ކަމަށް،" ސޮފާތު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަމްޖަދުއަށް ގުޅާލި ނަމަވެސް ފޯނެއް ނުނަންގަވައެވެ. އަދި ސްކޫލުން ބުނީ މިކަމުގައި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް