ހުކުމް ކުރިޔަސް ބެންޒެމާއަށް ފްރާންސްގެ ސްކޮޑުން ޖާގަ ނުގެއްލޭނެ

ރެއާލްއާއި ބަޔާން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގައި ދެ ގޯލް ޖެހި ބެންޒެމާ --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއަށް އިއްޔެ އިއްވި ޖަލު ހުކުމާއެކު ވެސް ފްރާންސްގެ ސްކޮޑުން ޖާގަ ނުގެއްލޭނެ ކަމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާ (އެފްއެފްއެފް) ގެ ރައީސް ނޮއެލް ލެ ގްރެޓް ބުނެފިއެވެ.

އިއްޔެ ބެންޒެމާއަށް ފްރާންސްގެ ކޯޓަކުން އިއްވި ހުކުމަކީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކަން މަސައްކަތްކުރި މައްސަލައިގެ ކުށް ސާބިތުވުމާއެކު އޭނާގެ މައްޗަށް ކުރި ހުކުމެކެވެ.

އުމުރުން 33 އަހަރުގެ ބެންޒެމާ އާއި އަންހެނަކު ގުޅިގެން ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވަނީ 2015 ވަނަ އަހަރު ފްރާންސުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންނެވެ. މި މައްސަލައިގައި 2015 ވަނަ އަހަރު ބެންޒެމާ ހައްޔަރުކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލާފައެއް ނުވެއެވެ. އެކަމަކު އެ ފަހަރު މި މައްސަލައިގައި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ބެންޒެމާ ބޭރުކުރިއެވެ.

އެކަމަކު މިއަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ބެންޒެމާ އަލުން ގައުމީ ޓީމަށް ނެގި އިރު، އޭނާ ވަނީ މިއަހަރު ފްރާންސް ކުޅުނު މެޗުތަކުގެ މޮޅު ކުޅުމެއް ދައްކާ، ގިނަ ގޯލުތަކެއް ވެސް ޖަހައިފައެވެ. އެއާއެކު އިއްޔެގެ ހުކުމަށް ރިއާޔަތްކޮށް ގިނަބަޔަކު ވަނީ ބެންޒެމާ ޓީމުގައި މަޑުކުރުވާނެތޯ ސުވާލު އުފައްދައިފައެވެ.

އިއްޔެގެ ކުރި ހުކުމުގައި ބުނާގޮތުން ބެންޒެމާއަށް އެއް އަހަރުގެ ޖަލު ހުކުމަކާއި، 75،000 ޔޫރޯއިން ޖޫރިމަނާ ކޮށްފައިވާ އިރު، ބެންޒެމާގެ ވަކީލް ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ފްރާންސްގެ ސްކޮޑުން ބެންޒެމާ ބޭރު ކުރުމަކީ ބޭނުން ތެރި ކަމެއް ނޫން ކަމަށާއި، ވޭތުވެ ދިޔަ ފަސް އަހަރު ޓީމަށް ނުނެގުމަކީ އޭގެ އަދަބެއް ކަމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާ (އެފްއެފްއެފް) ގެ ރައީސް ނޮއެލް ލެ ގްރެޓް ވަނީ ބުނެފައެވެ.

"ބެންޒެމާ ޓީމަށް ނުނެގޭނެ ސަބަބެއް ނެތް. އޭނާ އިސްތިއުނާފް ކުރިޔަސް ނުކުރިޔަސް ޓީމަށް ނެގޭނެ." ނޮއެލް ލެ ގްރެޓް ބުންޏެވެ.

ގަތަރުގައި އަންނަ އަހަރު އޮންނަ ވޯލްޑްކަޕްގެ ޖާގައެއް ފްރާންސުން ކަށަވަރުކޮށްފައިވާ އިރު، އެ ވޯލްޑްކަޕަކީ ބެންޒެމާގެ ފަހު ވޯލްޑްކަޕަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް