ޕީއެސްޖީ އަތުން ސިޓީ މޮޅުވިއިރު، ލިވަޕޫލުން ރެކޯޑް ދަމަހައްޓައިފި

ޕީއެސްޖީ ކޮޅަށް ގޯލު ޖެހުމަށްފަހު ސިޓީގެ ޖީސުސް (ކ) އާއި ކަންސެލޯ އަދި ސިލްވާ އުފާފާޅު ކުރަނީ --- ފޮޓޯ:ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ގުރޫޕް ތާވަލުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރި އިރު، ޕޯޓޯ ބަލިކޮށް ލިވަޕޫލުން ފަސް މެޗުން ފަސްވަނަ މޮޅު ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި 2-0 އިން ޕީއެސްޖީ މޮޅު ހޯދި އިރު، އެ ޓީމުން ވަނީ އިތުރު ދެ މެޗަކުން އެއްވަރުވެ، ސިޓީއަށް ވުރެން ގިނަ ޕޮއިންޓް ގެއްލިފައެވެ.

އެއާއެކު ރޭގެ މެޗަކީ ގުރޫޕުގެ އެއްވަނަ ހޯދުމަށް ޕީއެސްޖީއަށް ވެސް މުހިއްމު މެޗަކަށްވީއިރު، މެޗުން ބަލިވުމާއެކު އެ ފުރުސަތު ޕީއެސްޖީއަށް ވަނީ ގެއްލިފައެވެ.

ރޭގެ މޮޅާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް އަށް ޕޮއިންޓް ލިބިފައިވާ އިރު، ރޭ ކުލަބް ބްރޫޖްގެ އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ގޯލު ޖެހި އާރުބީ ލިޕްޒިގް ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ބުްރޫޖްއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެ ހާފުގައި ޕީއެސްޖީއަށް ވެސް ކައުންޓާ އެޓޭކްތަކުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅު ކިލިއަން އެމްބާއްޕޭގެ ގޯލަކުން އެ ޓީމު ލީޑު ނެގިއެވެ.

އެކަމަކު އޭގެ އިރަކޮޅެއް ފަހުން ރަހީމް ސްޓާލިންގް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު ނިމެންދަނިކޮށް ސިޓީއަށް މެޗުގެ ލީޑު ނަގައިދިނީ ގެބްރިއަލް ޖީސުސްއެވެ.

މި ނަތީޖާއާއެކު ސިޓީއާއި ޕީއެސްޖީ ދެވަނަ ބުރަށް ދަތުރު ކުރި އިރު، ޕޯޓޯ އަތުން 0-2ގެ ނަތީޖާއަކުން މޮޅުވެ ލިވަޕޫލް ވެސް ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ތިއާގޯ އަލަކަންޓްރާއާއި، މުހައްމަދު ސަލާހުގެ ގޯލުތަކުން މޮޅުވެ، ލިވަޕޫލުން ރޭގެ މެޗުން ކުރި ހޯދި އިރު، އެ ޓީމުން ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން ފަސް މޮޅު ހޯދައިފައެވެ.

އެ ގުރޫޕުގެ ދެވަނައިގައި އޮތް ޕޯޓޯއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ. އަދި ހަތަރުވަނައިގައި އޮތް އޭސީ މިލާން ވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް