ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ތިބި ފަތުރުވެރިންނަށް ނިއުޒިލޭންޑް ހުޅުވާލަނީ

ނިއު ޒީލެންޑް ފަތުރުވެރިންނަށް ހުޅުވައިލުން --

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައި ތިބި ފަތުރުވެރިންނަށް އަންނަ އަހަރުގެ ތެރޭ ނިއު ޒިލޭންޑް ހުޅުވައިލުމަށް އެ ގައުމުން ނިންމައިފިއެވެ.

އެ ގައުމުން ބުނީ ވެކްސިން ފުރިހަަމަކޮށްފައި ތިބި ފަތުރުވެރިންްނަށް އެ ގައުމު ހުޅުވާލާނީ އަންނަ އަހަރުގެ އެޕްރީލް 30ހުން ފެށިގެން ކަމަަށެވެ. ނަމަވެސް ހަތް ދުވަހުގެ މުއްދަތަކަށް އައިސޮލޭޓް ވާންޖެހޭނެކަމަށް އެ ގައުމުގެ ކޮވިޑް-19 ރެސްޕޮންސް މިނިސްޓަރު ކްރިސް ހިޕްކިންސް ވިދާޅުވިއެވެ.

އެ ގައުމުން އެޅުމަށް ތައްޔާރުވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަންނަ އަހަރު ދަތުރުފަތުރުކުރުމުގެ ގައިޑްލައިންތަކަށް އަމަލުކުރަން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި އެހެން ގައުމުތަކުގައި ތިބި ނިއު ޒިލޭންޑްގެ ރައްޔިތުންނަށް ފެބްރުއަރީ 13އިން ފެށިގެން އެ ގައުމަށް ދަތުރުކުރެވޭނެއެވެ. އެއާއެކު އޮން އެރައިވަލް ކޮވިޑް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ހަތް ދުވަހުގެ މުއްދަތަކަަށް ސެލްފް އައިސޮލޭޝަނަށް ދާންޖެހެއެވެ.

އެއާއެކު މި ފިޔަވަޅުތަކަކީ އެ ގައުމުގެ ސިއްހީ ނިޒާމަށް ކޮށްފާނެ ނޭދެވޭ އަސަރުތަަކަކުން ދުރުކުރުމާއެކު ކޮވިޑް މެނޭޖުކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްކަމަށް ހިޕްކިންސް ބުންޏެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ބޯޑަރު ބަންދުކުރި ގައުމުތަކުގެ ތެރޭގައި ނިއު ޒިލޭންޑް ހިމެނެއެވެ. އަދި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު އެންމެ މަދު ގައުމުތަކުގެ ތެރޭގައި ވެސް އެ ގައުމު ހިމެނެއެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓާއެކު އެ ގައުމަށް ވެސް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

comment ކޮމެންޓް