ދުވާލަކު ދައުވާއެއް އުފުލިޔަސް ސަރުކާރު ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާނެ: އަދުރޭ

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޑިއާ ގުޅިގެން ދުވާލަކު ދައުވާއެއް އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުޑަކަކޫ، ނުޖައްސަވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލުމުން، އެކަމަށް އިޝާރާތް ކުރައްވައެވެ.

ރައީސް ޔާމީންގެ މައްޗަށް މި އުފުލި ދައުވާތަކާބެހޭގޮތުން އަދުރޭ "ސަން"އަށް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުދީ، އެ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އަނެއްކާ ވެސް އުފުލީ ކަނޑައެޅިގެން ސިޔާސީ ދައުވާއެއް ކަމަށާއި އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން އުފުލާ ދައުވާތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލު ނުކުރާ ކަމަށެވެ.

"ރައީސް ޔާމީނަށް އަނިޔާ ކުރަމުން އެ ގެންދަނީ އިންޑިއާގެ ނުފޫޒުގެ ދަށުން. ރައީސް ޔާމީނަށް ނުހައްގު އަނިޔާތަކެއް ދެމުން އެ އަންނަނީ މިހާރު އިންޑިއާގަ އެ އޮތް ބީޖޭޕީ ސަރުކާރުން ރާވައިގެން. އެހެންވީމަ ރައީސް ޔާމީން ފަދަ ވަރުގަދަ ސިޔާސީ ލީޑަރަކު މިނިވަން ވާން ފުރުސަތު ލިބިއްޖެނަމަ މި ސަރުކާރު ނިމުމަކަށް އަންނާނެ. ނޫނީ ދެން އަންނަ އިންތިހާބެއްގައި މި ސަރުކާރަށް ވެރިކަމަކަށް ނާދެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ އިންޑިއާ ބޭނުންވަނީ ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ މީހަކީ ވެސް އެ މީހުންގެ މުށުތެރޭގައި ފިތިގެން ހުންނާނެ މީހަކަށް ހަދަން ކަމަށާއި ނަމަވެސް ރައީސް ޔާމީނަކީ ބީޖޭޕީ ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ވަކި ގައުމަކަށް ބަރޯސާ ވާނެ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ މަނިކުފާނަކީ ރާއްޖެ ތަރައްގީ ކުރުމުގައި އެހީތެރިވާ ކޮންމެ ގައުމަކާ އެކުގައި ވެސް ގުޅިގެން ކުރިއަށް ވަޑައިގަތުގެ ވިސްނުންފުޅު ގެންގުޅުއްވާ ވަރަށް ވަތަނީ ބޭފުޅެއް ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރައްވައިގެން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިނގި ހިނގުމުގެ ސަބަބުން އިންޑިއާ އިން ރައީސް ޔާމީނާ ހަސަދަވެރިވީ،" އަދުރޭ ވިދާޅުވިއެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، އޭގެތެރެއިން އެއް މައްސަލާގައި ވަނީ ހުކުމް އިއްވާފައެވެ.

އެ ހުކުމް އިއްވާފައި ވަނީ އެންމެ ފުރަތަމަ އެ މަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގައެވެ. އެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު