ޕާކިސްތާނުގެ ބޮޑެތި އެހީތަކެއް އަފްޣާނިސްތާނަށް

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން

އިސްލާމްއާބާދު (24 ނޮވެމްބަރު) : އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޕާކިސްތާނުން 28 މިލިޔަން ޑޮލަރުގެ އެހީއެއް އަފްޣާން ސަރުކާރަށް ދިނުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 28 މިލިޔަން ޑޮލަރުގެ އެހީ ވަރަށް އަވަހަށް އަފްޣާން ސަރުކާރާ ހަވާލުކުރާނެކަމަށާ މީގެއިތުރުން އަފްޣާނިސްތާނުގެ ހޮސްޕިޓަލުތަކުގައި ފަރުވާނުދެވޭވަރުގެ ބަލިތައް ތަހައްމަލްކުރާ އަފްޣާން ރައްޔިތުންނަށް ޕާކިސްތާނުގެ ހޮސްޕިޓަލްތަކުން ހިލޭ ބޭސްކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައި ދީފައިވާނެ ކަމުގައެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންވަނީ އިންޑިޔާއިން އަފްޣާނިސްތާނަށް ފޮނުވަން ބޭނުންވާ ކާބޯތަކެތިގެ އެހީގެ ޝިޕްމަންޓްތައް ޕާކިސްތާން ހުރަސްކޮށް ގެންދިޔުމުގެ ހުއްދަވެސް ދެއްވާފައެވެ. މި ހުއްދަ އިމްރާންޚާން ދެއްވީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާއާއި ބައެއް ވަޒީރުންނާ އަދި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ހިމެނޭގޮތަށް ބޭއްވި މަތީފަންތީގެ ބައްދަލުވުމެއްގައި މިހުއްދަ އިންޑިއާއަށް ދިނުމާބެހޭގޮތުން އެބޭފުޅުންގެ ޚިޔާލު ހޯއްދެވުމަށްފަހުގައެވެ.

އިންޑިއާއިންވަނީ އެތަށް ސަތޭކަ ޓަނެއްގެ ކާބޯތަކެތީގެ އެހީ އަފްޣާން ރައްޔިތުންނަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް ޕާކިސްތާނުގެ އެހީތެރިކަން ނުލިބި އެތަކެތި އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް އިންޑިއާއަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އަފްޣާނިސްތާނުގައި ހައިހޫނުކަން ތަހައްމަލްކުރާ ހާލަތުގައި 7 މިލިޔަނާއި 8 މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުން ތިބިކަމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެއެވެ.

ޕާކިސްތާނުން މިދިޔަ މަހުވެސްވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދީފައެވެ. އަފްޣާން ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން ފޯރަމުންދާ ސަބަބުތަކުގެ ތެރޭގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ސިޔާސީ ބޭނުމުގައި ތާލިބާން ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އަފްޣާން މަރުކަޒީ ބޭންކުގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ އެތަށް ބިލިޔަން ޑޮލަރެއް ތަލިބާން ސަރުކާރަށް ބޭނުންނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ.

އަފްޣާން ރައްޔިތުން ހާލުގައި ޖެހިފައިވާއިރުވެސް ސިޔާސީ ބޭނުމެއްގައި މި ފައިސާ ތާލިބާން ސަރުކާރަށް ނުދީ ހިފެހެއްޓުމަށްފަހު އެމެރިކާއާއި ޔޫރަޕުން ގެންދަނީ އަފްޣާން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. ތާލިބާން ސަރުކާރުންވަނީ އެމެރިކާއާއި ޔޫރަޕްގެ މިހަރަކާތްތަކަކީ އަފްޣާން ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސާފައި އަފްޣާން ރައްޔިތުންނަށް އެހީވުމުގެ ނަމުގައި ހިންގާ ކަންދެއްކުމުގެ ހަރަކާތްތަކެއްގެ ގޮތުގައެވެ.

އެމެރިކާއާއި ޔޫރަޕުން ހިފަހައްޓާފައިވާ އަފްޣާން މަރުކަޒީ ބޭންކުގެ ފައިސާ އެއްކޮށް ލިބިއްޖެނަމަ އަފްޣާން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހަތަރު ވަރަކަށް އަހަރުވަންދެން ގަނެވޭނޭކަމަށް ތާލިބާން ސަރުކާރުން ބުނެއެވެ. ތާލިބާން ސަރުކާރާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ސިޔާސީ ބޭނުންތަކުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ އަފްޣާން ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ އަވަށްޓެރި ޕާކިސްތާނާއި ޗައިނާއިންނެވެ.

comment ކޮމެންޓް