ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާއެއް ނުކުރޭ، އެއީ އިންފެކްޝަނެއް: މަންމަ

މާލޭ މަގުމަތީ ކުދަކުދިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގެ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ ކުއްޖާގެ މަންމަ ދޮގުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ އެ މައްސަލައިގައި، ނަން ނުޖެހުމަށް ޝަރުތުކޮށް ކުއްޖާގެ މަންމަ "ސަން" އަށް ބުނީ، އެއީ އިންފެކްޝަންއެއް ކަމަށާއި، ކުއްޖާއަށް ކުރިންވެސް ވާ ގޮތެއް ކަމަށެވެ.

"ޑޮކްޓަރަށް ދައްކާފަ، ޑޮކްޓަރުގެ ރިޕޯޓުގަވެސް އޭނީ ހަމަ ކުއްޖަޔާ ނުބެހޭކަމަށް އެއްވެސް މީހަކު،" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ކުއްޖާގެ މަންމަ ބުނީ، ކުއްޖާއަށް ޖިންސީގޯނާ ކޮށްފައި ނުވާކަމަށް ކުއްޖާ ދައްކާފަ ހުރި ވާހަކަތަކުންނާ، ކުއްޖާގެ ރިޕޯޓުންވެސް އެނގޭނެ ކަމަށެވެ.

"ޕޮލިހުންވެސް އަޅުގަނޑުމެންނާ ވާހަކަދައްކާފަ އެގޮތަށް ނިންމީ،"

ކުއްޖާގެ މަންމަ ބުނީ އެއީ ޔޫރިން އިންފެކްޝަންއެއް ކަމަށާއި، އެރޭ ޑޮކްޓަރަށް ދެއްކީ ކުއްޖާގެ ކުރިމަތިފަރާތަށް ތަދުވާތީ ކަމަށެވެ.

" ޑޮކްޓަރަށް ދެއްކީމަވެސް ބުނީ ފަންގަލް އިންފެކްޝަންއެއް ކަމަށް،" އެކުއްޖާގެ އެ މައްސަލަ ހުންނާތީ މީގެ ކުރިންވެސް ޑޮކްޓަރަށް ދައްކާ ކަމަށް މަންމަ ބުނިއެވެ.

އެހެން ނަމަވެސް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ޝައްކުކޮށް ހެލްތް ސެންޓަރުން ފުލުހުންނަށާއި ޖެންޑާއަށް މައްސަލަ ހުށަހެޅީ ކަމަށްވެސް މަންމަ ބުންޏެވެ.

އެފަދަ ވާހަކައެއް ފަތުރާއިރު ކަމުގެ ހަގީގަތް ބަލަން ޖެހޭނެކަމަށް ބުނެ، ރަށުތެރޭގައި ވެސް ވަރަށް ގޯސްކޮށް އެވާހަކަ ދެއްކި ކަމަށް ކުއްޖާގެ މަންމަ ތުހުމަތު ކުރެއެވެ.

ކުއްޖާގެ ޑީއެންއޭ ރިޕޯޓް ފިޔަވައި އެހެން ހުރިހާ ރިޕޯޓެއް ލިބިފައި ވާއިރު، ލިބުނު ރިޕޯޓްތަކުން ވެސް ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ނުވާކަން އެނގޭކަމަށް މަންމަ ބުނެއެވެ.

"މިކަހަލަ ކަންކަމަކީ ވަރަށް ބޮޑެތި މައްސަލަތައް ދޯ، ކުޑަކުދިންގެ މައްސަލަތަކަކީ. ސިއްހީ މަރުކަޒުންވެސް ނުވާނެ ދޯ ހީވާ ހީވުމަކަށް އެކަން [ރިޕޯޓް] ކޮށްގެންވެސް،" ކުއްޖާގެ މަންމަ ބުންޏެވެ.

އެއީ އާއްމުކޮށް އެ ކުއްޖާއަށް ޖެހޭ މައްސަލައެއް ކަމަށާއި ކުއްޖާގެ ނެޕީއާ ދުރުކުރުވަން މަސައްކަތް ކުރި ނަމަވެސް އަދި އެކަން ނުވާ ކަމަށް މަންމަ ބުންޏެވެ. އަދި ކުއްޖާގެ އިންފެކްޝަން އުޅޭތީ އެރަށު ސިއްހީ މަރުކަޒަށް މީގެ ކުރިން ދައްކާފައި ވާތީ، އެކަން މަރުކަޒަށް ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން މީގެ ކުރިން އެ އަތޮޅު ހޮސްޕިޓަލަށް ވެސް ދައްކާފައި ވާނެ ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިފަދަ ޑޮކްޓަރުންގެ ރިޕޯޓް ތައްޔާރު ކުރާނީ ފުލުހުން ކަމަށާއި ޖެންޑާ މިނިސްޓްރީން މިކަމުގައި ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ.

އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު "ސަން" އަށް ވިދާޅުވީ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ނުބުނާ ކަމަށާއި، ނަމަވެސް އެވަގުތު ކުއްޖާ ބެލި ޑޮކްޓަރަށް 'ސަސްޕެކްޓް' ކުރެވޭ ބައެއް ކަންކަން ހުރުމުން އެކަން ޖެންޑާއާއި ފުލުހުންގެ ސަމާލުކަމަށް ގެނައީ ކަމަށެވެ.

މި މައްސަލައިގަ އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުއްޖާގެ މަންމަ ބުނީ 'ނުކުރާ ކަމެއްގަ މީހަކު ހައްޔަރު ނުކުރާނެ' ކަމަށެވެ.

comment ކޮމެންޓް