އީގަލްސްއިން ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފި

އައު ސީޒަނާ ދިމާކޮށް އީގަލްސްއިން ސޮއި ހޯދި ކުޅުންތެރިން --- ފޮޓޯ//އީގަލްސް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބް އީގަލްސްއިން ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފިއެވެ.

ޒުވާން ކުޅުންތެރިންނަށް ހާއްސަ އިސްކަމެއް ދީގެން ކުލަބު ބައްޓަން ކުރާ އީގަލްސްއިން މިދިޔަ ފަސްވަރަކަށް އަހަރު ފުރަތަމަ ޑިވިޝަނުގައި ވަނީ ތަފާތު ދައްކައިފައެވެ. ލީގުގައި ރަނގަޅު ވާދައެއް ކުރަމުން އައިސް މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުވެސް އެ ޓީމުން ވަނީ ފަހަތުން އަރައި މާޒިޔާ ބަލިކޮށްގެން ހޯދައިފައެވެ.

މިދިޔަ ސީޒަނުގައި ދިމާވި އެކި މައްސަލަތަކާއެކު ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވި ނަމަވެސް އީގަލްސްއިން ވަނީ ޒުވާން ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނަށް ތައާރަފު ކޮށްދީފައެވެ. އެއާއެކު މި އަންނަ ސީޒަން ވެސް އެ ޓީމުން ފަށަން ތައްޔާރުވަނީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ.

އީގަލްސްއިން މިފަހުން ޒުވާން ފަސް ކުޅުންތެރިއެއްގެ ސޮއި ހޯދައި، އެކަން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުން މީގެ ކުރިން ފެނުނު އިބްރާހިމް މައިސާން (މައި) އާއި އަހުމަދު ވިޖުދާން (ވިޖޫ) އަދި އަބްދުﷲ ޒިޔާން (ޖަންކީ)ގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވިދާލާނެ ކަމަށް ބެލެވޭ ސ. ހިތަދޫ ހުސެއިން ޒައިން ހަނީފް އާއި އދ. މާމިގިލީގެ އިސްމާއިލް ސައިފް (ސައިއްޓެ) ހިމެނެއެވެ.

މީގެ ތެރެއިން މައިސާން އާއި ވިދުޖާންގެ އިތުރުން ޒިޔާން އަކީ މީގެ ކުރިން ވެސް ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

މައިސަން ވަނީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީއާއި ޓީސީގެ އިތުރުން ބުރު ސްޕޯޓްސްއަށް ކުޅެފައެވެ. އަނެއްކޮޅުން ވިޖުދާން އަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއަށް ގިނަ މެޗުތަކެއް ކުޅެދީ އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިއެކެވެ.

އީގަލްސް އިން ދެން ސޮއިކުރި، ތ. ތިމަރަފުށްޓައް އުފަން ޒިޔާން އަކީ މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އޭރު އޭނާ ބީޖީ އަށް ކުޅުނުއިރު، އެ ޓީމުގެ ހެޑް ކޯޗަކަށް ހުރީ މިހާރު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އެެވެ.

އީގަލްސްއިން ޒުވާން ސްކޮޑަކާއެކު އައު ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، އެ ޓީމަށް ކުޅެން ލިބޭނެ ފުރަތަމަ މުބާރާތަކީ އަންނަ މަހު 19 ވަނަ ދުވަހު ފަށަން ނިންމާފައިވާ ޕްރެޒިޑެންޓްސް ލީގެވެ.

comment ކޮމެންޓް