ތިލަމާލެ ބުރިޖު އަޅަން އިންޑިއާއިން 15 މިލިއަން ޑޮލަރު ދީފި

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖު އަޅަން އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު ދީފިއެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީ އާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ބޭނުންކޮށްގެންނެވެ.

އޭގެ ތެރެއިން 60 މިލިއަން ޑޮލަރު މީގެ ކުރިން އިންޑިއާގެ އެކްޒިމް ބޭންކުން ވަނީ ދޫކޮށްފައެވެ. އިތުރަށް ދިން 15 މިލިއަން ޑޮލަރާއެކު އެ ގައުމުން މިހާރު ފޯރުކޮށްދިން ހިލޭ އެހީއާއެކު ބުރިޖު އެޅުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަވަސްވެ، އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަގުފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

https://sun.mv/156002

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް