ބާސެލޯނާގެ ކުރީގެ ކޯޗު، ވަލްވާޑޭ ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރަނީ

ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ-- ފޮޓޯ: އޭޕީ

ސްޕެއިނުގެ ބާސެލޯނާއަށް ކުރިން ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު، އާނެސްޓޯ ވަލްވާޑޭ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޔުނައިޓެޑުގެ ނަތީޖާތައް ގޯސްވުމާ ގުޅިގެން އެ ޓީމުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޮލްޝެޔާ ވަނީ މި ހަފުތާގެ ތެރޭގައި މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އެ ޓީމުގެ ވަގުތީ ކޯޗަކަށް މިހާރު ހުރީ އެ ޓީމަށް ކުރިން ކުޅުނު މައިކަލް ކެރިކްއެވެ. ކެރިކްގެ އިރުޝާދުގެ ދަށުން ރޭ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން މޮޅެއް ހޯދައި ޔުނައިޓެޑް ވަނީ އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުުރު ކޮށްފައެވެ.

ސޮލްޝެޔާ ނެތްތަން ފޫބެއްދުމަށްޓަކައި ޔުނައިޓެޑުން ގިނަ ކޯޗުންނާއި ވާހަކަ ދައްކަމުން އަންނަ އިރު، އެ ޓީމުގެ އަސްލު އަމާޒަކީ މިހާރު ޕީއެސްޖީގެ ކޯޗަކަށް ހުރި މޯރީސިއޯ ޕޮޗެޓީނޯއެވެ. އެކަމަކު ޕޮޗެޓީނީ މިފަހުން ވަނީ އޭނާ ޕެރިހުގައި ހުރީ އުފަލުން ކަމަށާއި، ޓީމު ބަދަލުކުރަން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައެވެ.

އެއާއެކު ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަނީ ވަޒީފާއެއް ނެތިފައި ހުރި ބާސެލޯނާގެ ކުރީގެ ކޯޗު ވަލްވާޑޭ ހޯދުމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅު މަގާމުން ވަކިކުރި ވަލްވާޑޭ މިވަގުތު ހުސްކޮށް ހުރި އިރު، ރިޕޯޓްތަކުން ބުނަނީ ވަލްވާޑޭ ޔުނައިޓެޑަށް ގެންނަން މަސައްކަތް ކުރަނީ އިންޓަރިމް ކޯޗެއްގެ ގޮތުގައެވެ. އަދި އަންނަ ސީޒަން ފެށުމުގެ ކުރިން ދާއިމީ އެހެން ކޯޗެއް ހޯދާނެ ކަމަށެވެ.

ވަލްވާޑޭ ވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގަކާއި، ކޮޕަ ޑެލްރޭ ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ. ބާސެލޯނާގެ ކުރިން އޭނާ ވަނީ ގްރީސްގެ އޮލިމްޕިއާކޯސްއަށާއި، ސްޕެއިނުގެ އެސްޕަންޔޯލްއާއި، ވެލެންސިއާ އަދި އެތުލެޓިކޯ ބިލްބާއޯއަށް ކޯޗުކަން ކޮށްދީފައެވެ.

ވަލްވާޑޭ މީގެ ކުރިން އެއްވެސް އިނގިރޭސި ކުލަބަކާއެކު މަސައްކަތް ކޮށްފައެއް ނުވެއެވެ. އެކަމަކު އޭނާއަކީ އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ކޯޗެކެވެ.

comment ކޮމެންޓް