ފެމިލީ ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކުރަން ނިންމައިފި

ފެމެލީ ކޯޓު- ސަން ފައިލް ފޮޓޯ

ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ނިންމައިފިއެވެ.

ފެމިލީ ކޯޓަށް ގާޒީމް ހޯދުމަށް އޮގަސްޓު މަހުގެ ތެރޭގައި އިއުލާނު ކުރުމާއެކު 34 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައިފައިވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ އެ ފެމިލީ ކޯޓުގެ ގާޒީކަމަށް އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރާއި މ.ވިލުފުށީގެ، އަލްއުސްތާޒާ މައީޝާ ޔޫސުފް ސަމީރު ހަމަޖައްސަވައި، އައްޔަނުކުރުމަށް ނިންމައި، 2021 ނޮވެމްބަރު 28 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދެ ބޭފުޅުންނަކީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޓަކައި، އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ހޮވުނު އެންމެ ގާބިލު ދެ ބޭފުޅުން ކަމަށް ޖޭއެސްސީން ބުންނެވެ.

ދެ ބޭފުޅުންގެ ތެރެއިން ޒައީމާއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ހާސިލްކުރައްވައި، ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. ހަމައެހެންމެ އެ ބޭފުޅާ ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަގާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.

މީގެ އިތުރުން މައީޝާ ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން ބެޗެލާރސް އޮފް ލޯސް ހާސިލްކުރައްވާފައެވެ. އެ ބޭފުޅާވަނީ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް