ހަތިމަށް ކުޅުޖެހި މީހާގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފި

އިސްލާމީ މަރުކަޒު— ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ ހަތް ވަނަ ދުވަހު އިބްރާހިމް މިސްކިތަށް ވަދެ، ހަތިމަކަށް ކުޅުޖެހި މ. ޝޭޑީ ހޯމް، ހަސަން ޒިޔާދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިއްޔެ ދީފައިވާ ކަމަށެވެ.

އަސުރު ނަމާދުގެ ޖަމާއަތް ނިމުނު ވަގުތު އިބްރާހީމް މިސްކިތަށް ވަދެ، ޒިޔާދު ކުޅު ޖެހީ ފޮތްގޮނޑިމަތީގައި ބާއްވާފައި އޮތް ޚަތިމަކަށް ކަމަށް މަންޒަރު ދުށް މީހަކު ވަނީ "ސަން"އަށް ކިޔައިދީފައެވެ.

އެ އަމަލަށްފަހު ޒިޔާދު މަސައްކަތްކުރީ މިސްކިތުން ނުކުމެގެން ދާން ނަމަވެސް އެ ވަގުތު މިސްކިތުގައި ތިބި މީހުން އެމީހާ ހިފެހެއްޓުމަށްފަހު ފުލުންނާ ހަވާލުކުރިއެވެ.

އެ މައްސަލައިގައި ޒިޔާދުގެ ބަންދަށް 10 ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން އިތުރު ފަސް ދުވަސް ޖެހިއެވެ. އަދި އެ މުއްދަތުވެސް ހަމަވުމުން މިހާރު 15 ދުވަހަށް ބަންދު އިތުރުކުރީއެވެ.

އޭގެ ކުރިން، މިދިޔަ މަހުގެ ކުރީކޮޅު ޒިޔާދު ވަނީ ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމު ދިއުމާ ގުޅިގެން ހައްޔަރު ކޮށްފައެވެ. އަދި އޭނާ ވަނީ ރައީސް އޮފީހުގެ ކުރިމައްޗަށް ވެސް ކުޑަކަމު ގޮސްފައެވެ.

އެކަމާ ގުޅިގެން ޒިޔާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ މަހުގެ 24ގައި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް އަންގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލައިފައެވެ.

ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސް، ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް