ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް ހެޔޮ ބަދަލެއް

ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް ހެޔޮ ބަދަލެއް ގެނައުން -- ފޮޓޯ/ ބީއެމްއެލް

ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން އަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ.

މީގެ ކުރިން ބީއެމްއެލްއިން އިސްލާމިކް ފައިނޭންސިންގެ ދަށުން ލިބެނީ އެމީހެއްގެ އާމްދަނީއާ އެއްވަރުގެ އަދަދެއްގެ ތަކެއްޗެވެ. ނަމަވެސް މި ބަދަލާއެކު ކަސްޓަމަރުން ބޭނުން ނަމަ ބީއެމްއެލްއިން ނަގުދު ފައިސާ ދޫކުރާނެއެވެ.

އެގޮތުން މި އުސޫލުގެ ދަށުން މުސާރަ ލިބޭ މީހުނާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ މީހުނަށް 300،000 ރުފިޔާއާ ހަމަޔަށް %15 ޕްރޮފިޓް ރޭޓެއްގައި ފައިސާ ދޫކުރާނެއެވެ.

މަހުން މަހަށް މުސާރަ ނުލިބޭ މީހުނަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް %12 ޕްރިފިޓް ރޭޓެއްގައި ފައިސާ ދޫކުރާނެއެވެ.

އެހެންކަމުން މި ބަދަލަކީ، ކަސްޓަމަރުންނަށް ދިން 'އޮޕްޝަން' އެއްކަމަށް ބީއެމްއެލް އިން ބުނެއެވެ. އެއީ އެ އަދަދަށް ވާ ފައިސާއަށް އެއްޗެހި ގަތުން ނުވަތަ ނަގުދު ފައިސާ ނެގުމެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުންނެވެ.

މިއީ ގަނެފައިވާ މުދަލެއް ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއް ގޮތަށް ޕާސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ.

"މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް. އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ." ސޯޔާ ވިދާޅުވިއެވެ.

comment ކޮމެންޓް