ފައިސާ ޗާޕުކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި: ސަލީމް

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ދުނިޔެ މިހާރު އޮތް ހާލަތުން، އިތުރަށް ފައިސާ ޗާޕުކުރަން ޖެހެނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އިދިކޮޅުން މެންބަރުންނާ ދެބަސްވީނަމަވެސް، ގައުމެއްގެ ގޮތުގައި ދެބަސް ނުވެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ހާލަތާއި އާންމު ބަލިމަޑުކަމުގެ ހާލަތާއި ކާރިސާގެ ވަގުތުތަކުގައި ދެބަސް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިފަދަ ވަގުތުތަކުގައި އަމިއްލަ މަންފާއަށް ވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށެވެ.

"މިއީ ގައުމު އިސްކުރާން ޖެހޭ ވަގުތުތައް، ރައްޔިތެއް ނެތި ގައުމެއް ނޯންނާނެ އިއްޒަތްތެރި ރަައީސް، ގައުމެއް ނެތި ޑިމޮކްރެސީއެއް ވެސް ނޯންނާނެ، އަދި ޑިމޮކްރެސީއެއް ނެތި މަލްޓިޕާޓީ ސިސްޓަމެއް ވެސް ނޯންނާނެ، މިހާރު އަޅުގަނޑުމެން މިއުޅެނީ ގައުމު ސަލާމަތްކުރަން،" ސަލީމް ވިދާޅުވިއެވެ.

ގައުމު އޮތީ ބަލިމަޑުކަމެއްގައި ކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މިފަދަ ވަގުތުތަކުގައި ސިޔާސީ ވިސްނުން އެއްފަރާތްކޮށްގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފައިސާ ޗާޕުކުރަން ޖެހުނަސް، އިތުރަށް ދަރަނި ނަގަން ޖެހުނަސް، އެކަން ވެސް މި ސަރުކާރުން އެ ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަ ނުދޭންކަން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިކަން ހުއްޓުވުމަށް އިދިކޮޅުން ތަފާތު އެކިއެކި ބަހަނާތައް ދައްކަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެއީ މި ހާލަތުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ބަނގުރޫޓުވެދާނެ ކަމަށް ބުނެ، އިންފްލޭޝަން މައްޗަށް ހިނގައި ދާނޭ ކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ މި ދަނޑިވަޅުގަ، މި ހާލަތުގައި، މިހާރު ދުނިޔެ އޮތް ގޮތަށް ބަލާއިރުގައި، ގައުމަށް، ރައްޔިތުންނަށް، ހެޔޮ އެދިގެން ދައްކާ ވާހަކަތަކެއް ކަމަށް ގަބޫލުކުރަން ދަތި،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން ގިނަ ބަޔަކަށް އަސަރު ކޮށްފައިވާ ކަމަށާއި މިއީ އާންމު ހާލަތެއް ނޫން ކަމަށެވެ.

އިއްޔެ މަޖިލީހުން ވަނީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދިގު ދަންމާލަން ފާސްކޮށްފައެވެ.

comment ކޮމެންޓް