އިމާމް އަލީ ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ."އަނގައިން ބުނާ ކޮންމެ ލަފުޒެއް ރިކޯޑް ކުރެވެމުން ދެއެވެ. އަދި ކުރާ ކޮންމެ އަމަލެއް ހެކިކުރެވެއެވެ. ވީއިރު ރަގަޅު ބަހެއް ނޫނީ ނުބުނާށެވެ. އަދިި ރަގަޅު އަމަލުކުރާށެވެ. "

***

"އާވާ..." ލިއާނާ ލޯ ބޮޑުކޮށްލަމުން އަޑެއް ލެއްވިއެވެ. އަދި އާވާގެ އަޑު މަޑުކުރަން އިންޒާރު ދިނެވެ. އާވާ ދާން އުޅެގަތުމުން ލިއާނާ ހިފަހައްޓަން މަސައްކަތްކުރިއެވެ. އާވާ އޭނަގެ މަންމަގެ އަތް ފޮޅުވައިލަން މަސައްކަތްކުރަނިކޮށް މަންމަގެ އަތުގައި ނޫފައިގެންފައިވި ތަންގަނޑެއް ލޮލުގައި އަޅައިގަތެވެ. ހެދުމުގެ އަތުކުރި ހާމަވި ވަގުތު ފެނުނީއެވެ. އާވާ އޭނަގެ މަންމަގެ އަތުގައި ހިފަހައްޓައިލިއެވެ.

"އޭނަ އަނެއްކާވެސް މަންމައަށް އަނިޔާކުރީތަ؟" އާވާގެ ލޮލުން އަލިފާނުގެ ހުޅު ރޯވިފަދައެވެ. ލިއާނާ އަތް ދަމައިގަތެވެ.

"ކީކޭ ތިކިޔަނީ؟" ހައިރާންވީކަމަށް ހެދެމުން ލޯ ބޮޑުކޮށްލަމުން ލިއާނާ ބުނެލިއެވެ."އާވާ މާ ބޮޑަށް ބޭއަދަބީވެގެން ތިއުޅެނީ. ތޭވީސް އަހަރު ފުރިއްޖެ.. ލާން ޓު ބިހޭވް. ބައްޕަ ބޭނުން އާވާ މިރޭ ކެއުމުގައި ބައިވެރިވާން މިހިސާބުން އެވާހަކަ ނިމުނީ. އާވާ އެތާ ހުންނަން ޖެހޭނެ..."

ލިއާނާ ހަރުކަށިކަމާއެކު ވާހަކަދެއްކުމުން ޖަވާބު ދިނުމަކާއި ނުލައި އިރުގަނޑެއްވާންދެން ހުރުމަށްފަހު ތޫފާނެއްފަދައިން ސިޑިއާއި ދިމާލަށް ދިޔައެވެ.

***

ކައިލް އޭނަގެ ކާރުން ފޭބިއެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރިއިރު ހުދު ގަމީހަކާއި ކަޅު ވެއިސްޓްކޯޓު އަދި ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ފޯރާ ކޯޓެއް ލައިގެން ހުރިއިރު ނިކަން ސްމާޓެވެ. އެއް އިރެއްގައި އެގެއެއް ފެނުމުން ހައިރާންކަމާއި އަޖައިބުން ފުރިގެންވިގޮތަކަށް ބެލި އެހައިބަވަންތަކަން ހުރި ގަނޑުވަރު މިއަދު އޭނައަށް އެއްވެސް ކަހަލަ ބިރުވެރިކަމެއް ގެނެސް ނުދިނެވެ. އެ ހައިބަވަންތަކަންވެސް އޭނަގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވިއެވެ. ކައިލްއާއި އެއް ހަމައިގާ މިކާލް ހުރިއިރު އެހެން ތިން ފިރިހެނުންވެސް އޭނައާއެކު ދިޔައެވެ. އެކަކު ހުރީ ވެހެމުން ދިޔަ ސްނޯއިން ކައިލް އަށް ހިމާޔަތްދޭން ކުޑައެއް ނަގައިގެންނެވެ.

"މިކަމާ ކުރިމަތިލެވޭނެކަމުގެ ޔަގީންކަން އެބައޮތްތަ؟ އެތާ ތެރޭގައި ހަމަ އޯކޭވާނެތަ؟" މިކާލް ކައިލްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެލޮލުން އެއްވެސް ޝުއޫރެއް ތަރުޖަމާކުރާކަށް ނޭގުނެވެ. ނަމަވެސް އެމޫނުމަތިން ފެންނަނީ ހަމަޖެހުމެވެ.

"ލެޓްސް ގޯ..."ހުޅުވާފައިވާ ރަންކުލައިގެ ބޮޑު ދޮރާށިން އޭނަ އެތެރެއަށް ވަނީ ސްނޯއިން ފުރިފައިވާ ބިންމަތީގައި ބޫޓުގެ ނިޝާންތައް ދޫކުރަމުންނެވެ.

***

ވިންޓަރފެލްގެ ތަނަވަސް ބޮޑުކޮޓަރިތެރޭގައި ފަނޑު އައްޔެއް ހުރުމާއެކު އަރާމު އަދި ހޫނު މާހައުލަކަށްވިއެވެ. އަދި އެތަން ޒީނަތްތެރިކުރެވިފައިވަނީ މެހުމާނުންނަށް ތިބެވޭނެފަދައިންނެވެ. އަގުބޮޑު ސޫޓުތަކުގައި ފިރިހެނުން ތިބިއިރު އަންހެންވެރިން ހެދުން އަޅާފައިވަނީ ފަޔާއި ހަމަޔަށް ޖަވާހިރުތަކުން ޒީނަތްތެރިވެ އިސްތަށިގަނޑު ގައި ދަތިތަކާއި އެއްޗެހި ހަރުކޮށްލައިގެންނެވެ. ފިރިހެނުން ވަކި ދިމާލެއްގައި މުހިއްމު ވާހަކަތަކެއްގައި ތިބިއިރު އަންހެންވެރިން މަސްނޫއީ ހިނިތުންވުންތަކުގައި އެކަކު އަނެކަކަށް މަރުހަބާކީއިރު ކަންފަތް ދިއްކޮށްލެވިފައިވަނީ ހަދައިގެން ދައްކާ ހޮޅި ވާހަކަތަކަށެވެ. އަދި ދޭތެރެއަކުން ޖަހައިލާ ތޫލި ހިނިގަނޑުވެސް ދުރަށް އިވެއެވެ.

"އޯ ލިއާނާ. ލިއާނާއަށް މި އަންލިމިޓެޑް އެޑިޝަންގެ ހާރު ލިބުނީ ދޯ.......ހައިތަމްފަދަ ފިރިޔަކު ލިބުނުކަމީ ނަސީބެއް." އަންހެނަކު ހަސަދައިން ފުރިގެންވާ ނަޒަރަކުން ލިއާނާގެ ކަދުރާގައި އޮތް ޔާގޫތު ޖަހާފައިވާ ވިދާހާރަށް ބަަލައިލަމުން ބުނެލިއެވެ. މޭމަތީގެ ބޮޑުބައި ފެންނަހެން އެ ހާރު އިޝްތިހާރުކޮށްލައިގެން ލިއާނާ ހުރީވެސް އެ ދެއްކުމަށެވެ. އެހެން އަންހެނަކު ޔާސްމީނުގެ ޅީދަރިފުޅު ސާރާގެ ރީތިކަމަށް ތައުރީފުކުރިއެވެ. އަދި ދެވަނަ ޅީ ދަރިއަކަށް ޑޮކްޓަރަކު ވާން އުޅޭތީ ނަސީބު ރަގަޅުކަމުގައި ބުނަމުން ދިޔައެވެ.

"ޔާސްމީންއަށް ހާދަ ރަހުމަތެކޭ ތި ލައްވަނީ. ސާރާ ކިހާ ސްވީޓް.." އެހާވަރަށް ވާހަކަދެއްކި އަންހެންމީހާއަކީ ފަހުން އޭނަގެ އެކުވެރިން ގާތު އެކަމާއިބެހޭގޮތުން ޔާސްމީންއަށް މަލާމާތްކޮށް ވާހަކަދެއްކި ދެފުށްކެހެރި އަންހެނެކެވެ. ޔާސްމީންގެ ފިރިހެންދަރިފުޅުގެ އަނބިމީހާއަކީ ނުކުޅެދޭ މީހެއްކަމަށާއި ވާހަކަ ނުދެއްކޭ ކަމުގައެވެ. އެކަން ނޭގި ސާރާ އެ އަންހެންމީހާ ގާތުގައި ހުރީ އެމީހުންގެ ފޮނި ޚުޝާމަދު ކުރުންތަކާއި އޭގައި ދެވަނަ މާނައެއް ހުރިކަން ނޭގި އޮޅިފައެވެ. އެ އަންހެނުންނާއި ހަމައެކަނި ހީލުމުން މަރުހަބާ ކިޔާ އެކުއްޖާ ގެނައި ތަބައް ތަކުގައި ހުރި ބުއިންތައް އެމީހުންނަށް ދެމުންނެވެ. ޚާދިމާއެއްގެ މަސައްކަތެވެ. އަދި އެމީހުންގެ ތެރެއިން އޭނަ ފާހަގަވަނީ ހެދުން އަޅާފައި ހުރިލެއް ސާދާކަމާއި ނިވާކަން ބޮޑުކަމުންނެވެ. އެކުޑަ މޫނު ފިޔަވާ ހަށިގަނޑުވަނީ ފޮރުވިފައެވެ.

އާވާ ހުރީ ކޮޓަރިން ބޭރަށް ނުކުމެ މީހުންނާއި ބައްދަލުކުރަން ޖެހިލުންވެފައެވެ. މަންމައާއި ހެދި ނޫންނަމަ މިފަދަ ޕާޓީތަކަށް އެއްވެސް ސަމާލުކަމެއް ނުދިނީހެވެ. ރޮގުތައް ދެމި ސްވެޓަރަކާއި ޑެނިމް ޑަންގޭރީއެއްގައި ހުރިއިރު ޕާޓީ އަކަށް ތައްޔާރުވެގެން ހުރި ކުއްޖަކާއި ވައްތަރެއް ނޫނެވެ. އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ ތިރިއަށް ދާނީ ވީހާވެސް އާދައިގެ ހެދުމެއްގައެވެ. ބައްޕަ ލަދުގަންވާނީ އޭރުންނެވެ. ވަރުގަދަ އަޒުމަކާއިއެކު އޭނަ އެ ސިޑި ބަރި ގިރާކުރަން ހިނގައިގަތްއިރު ރެއިލިން ދޭތެރެއިން ބަލައިލިއެވެ. ފުޅާ ދޮރުތަކުން ބޮޑުކޮޓަރި ކޮންމެވެސް ވަރަކަށް ފެނުނެވެ. އައިނު އަޅައިގެން އިނަސް ދަންނަ މޫނެއް ފެނުމާއެކު އާވާއަށް ހިންދިރުވައިލެވުނެވެ. ވީއިރު އޭނަވެސް މިރޭ އައީތާއެވެ. އޭނަ އަންނަކަމެއް އާވާއަށް އެނގިފައެއް ނެތެވެ. ބޭއިޚުތިޔާރުގައި އާވާއަށް އޭނަގެ ޕިކްސީ ކުރު އިސްތަށިގަނޑުގައި އަތް ޖައްސައިލެވުމާއެކު އެކަމާ ހިތާމަކުރިއެވެ. ޒައްރެއްގެ މިންވަރަށެވެ.އާވާއަށް އޭނަގެ ބައްޕައާއި ބޮޑުބޭބެ ޔަޒީދު ބޮޑުކޮޓަރިއަށް ވަންތަން ފެނިފައި ނިންމީ އިރުކޮޅަކަށް މަޑުކޮށްލުމަށެވެ.

އާވާއަށް ސިއެނާ ވަދެގެން އަންނަ މަންޒަރުވެސް ފެނުނެވެ. ދުވަހަކުވެސް ސިއެނާ އެހާ ރީތިކޮށް ހެދުން އަޅައިގެން އެހާ ރީތިވެލައިގެން ހުއްޓާ އާވާވެސް ދެކެފައެއްނުވެއެވެ. ނޫކުލައިގެ މަޚުމާ ހެދުމެއްގައި ކުރު ފުއްޕި އަތުކުރިއާއިއެކު އިސްތަށިގަނޑުވެސް އެހެން ދުވަހަށްވުރެ ރަތްކަން ގަދައެވެ. އަދި މަޑުމަޑު ބާނިތަކެއްހެން އިސްތަށިގަނޑު ދޫކޮށްލާފައި އޮތްއިރު ކަންފަތުގައި ލައްވާފައިހުރީ ނޫ ޖަވާހިރު މުންޖެވެ. ކަރުގައި އޮތް އަގުބޮޑު ހާރު އޭނަގެ ރީތިކަން އިތުރުކުރުވާފައެވެ. ތުންފަތް ވިދާ ރަތްކުލައަކުން ޕެއިންޓްކޮށްފައެވެ.

ސިޑިބަރިމަތިން އާވާ ފެނުމުން ސިއެނާ ފަރިގޮތަކަށް ހުއްޓިލިއެވެ. އާވާ އަށް ހުނުން ހިފަހައްޓައެއްނުލެވުނެވެ. ސިއެނާ ފެންނަލެއް އޭނައަށް ޖޯކަކަށްވިއެވެ. މިކުއްޖާ މިރޭ މިއުޅެނީ ކޮންކަމެއް ކުރަން ހެއްޔެވެ؟ ފަހަރެއްގައި އެހެން ފިރިހެނެއްގެ ހިތް ހަލާކުކޮށްލަން ކަމަށް ވެދާނެއެވެ. ސިއެނާއަށް އެންމެ ރަގަޅަށް ކުރަން އެނގޭ ކަމަކީ އެއީއެވެ. އަދި އެމީހުން އޭނަގެ ފައިބުޑަށް ވެއްޓުމުން ސިއެނާގެ ޝައުގު ގެއްލިދެއެވެ. މިރޭ ހުސްހަށިބައި އަދި ކައިވެނިކޮށްގެން ތިބި ކިތައް ފިރިހެނުން އޭނައަށް މޮޔަވާނެއޭ އާވާގެ ހިތަށް އެރިއެވެ. ސިއެނާ އެދިމާލަށް މިސްރާބުޖެހިޔަސް އޭނައާއި ވާހަކަދެއްކުމުގެ ޝައުގެއްވެސް އޭނަ ނެތެވެ. އޭނަ ހުރީ އެކަހަލަ މޫޑެއްގައެއް ނޫނެވެ.

"ތި ހެއްވާ ހެދުން ލައިގެން ކީއްކުރަނީ؟ ސީރިޔަސްކޮށް ތި ހެދުމުގައިތަ ހުންނާނީ؟" ސިއެނާ އަނގަޔަށް ނުބައި ވައްތަރެއް ޖެއްސިއެވެ. އަދި އޭނަ އާވާގެ އިސްތަށިގަނޑާއިމެދުވެސް އިންސާފުކުރިއެވެ.

"ގޯޝް. ތިއީ ހަގީގަތުގައިވެސް އައިޒަކްގެ އަންހެން ވައްތަރު. ދެމީހުންނަށްވެސް އަހަންނަށް އުދަގޫނުކޮށް ނުތިބެވޭ..."

ސިއެނާ ތަލި ތަޅައިލިއެވެ." ހެދުމެއް ބޭނުންތަ؟"

"އަހަރެން ހުރިގޮތަށް ހުރިޔަދީ ސިއެނާ.."

"ތިކަހަލަ ސިނގުރުޅިގަނޑެއް ހުރެގެން ފިރިހެނަކު ހޯދާނީ ކިހިނެއްތަ؟" ސިއެނާ އޭނަގެ އިސްތަށިގަނޑު ކޮނޑުމަތިން ވައްޓައިލުމުން އާވާ ގެ ރުޅިގަނޑު އިތުރަށް ގަދަވެގަތެވެ.

***

"އޯ ހެލޯ އައިޒަކް...ބައްދަލުވީމަ ވަރަށް އުފާވެއްޖެ.ދަރިޔާ. ކިހިނެއްތަ؟" ފިރިހެނެއްގެ ގަދަ އަޑު އެތަނުގައި ގުގުމައިލުމާއެކު އޭނަ އައިޒަކް ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

"ގުޑް އިވްނިން މިސްޓަރ ޔޫ.......އައި މީން ފާދަރ....." އައިޒަކް އަވަހަށް ކުށް ރަގަޅުކޮށްލީ ހިނިތުންވުމާއެކުގައެވެ. ޔޫސުފް އައިޒަކްއާއި ހިނިތުންވުން ބަދަލުކޮށްލުމަށްފަހު އޭނަގެ އެކުވެރިންނަށް ދަނބިދަރިފުޅުގެ ގޮތުގައި ފަޚުރުވެރިކަމާއެކު ތައާރަފުކޮށްދިނެވެ. ޔޫސުފްގެ ބޮޑުބޭބެ ކޮއްކޮ ޔޫނުސްވެސް އެތަނުގައި ހުއްޓެވެ. އަދި އޭނައާއި ދިމާލަށް ޔޫނުސް ބަލަން ހުރި ނަޒަރުގައި އެހެންކަހަލަ ގޮތެއް ހުރިކަން އައިޒަކް ދެނެގަތެވެ. އޭނައާއި ސާރާގެ އޮތް މަޖުބޫރު ކައިވެނީގެ ހަގީގަތް އޭނައަށް އެނގެނީ ބާވައެވެ.

އައިޒަކް ސާރާ ހުރިތަނެއް ހޯދިއިރު އެކުއްޖާވީ މަންމަ ގާތުގައެވެ. އޭނައާއި ބެހޭގޮތުން ސާރާގެ މަންމަގެ ގާތު ޝަކުވާނުކުރާނެ ކަމުގައި އޭނަ އުއްމީދުކުރިއެވެ. އެހެން ހަދައިފިނަމަ ޔޫސުފް ވިޔަފާރީގެ ގުޅުންތައް ވިންޓަރފެލްއާއި ކަނޑައިލާނެއެވެ. އެވާނީ ވިޔަފާރިއަށް ކުރިމަތިވާނެ ބޮޑު ގެއްލުމަކަށެވެ. އޭނަގެ މާމަ ޒައިނަބު ދުވަހެއްގެ ކޮޅުންވެސް އޭނައަށް މާފެއް ނުދޭނެއެވެ.

"އައިޒަކް އާއިލާގެ ވިޔަފާރި ބަލަހައްޓަމުންދާގޮތް ކިތަންމެހާވެސް ރަގަޅު. ހައިތަމްއާއި ޔަޒީދު މި އުމުރުގައި ދެން އެކަމާއިމެދު ވިސްނާނެކަމެއް ނެތް. ވިޔަފާރި އެވަނީ ރަގަޅު އަތެއްގެ މަތީގައި..." އަމީރު އައިޒަކްގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލަމުން ތައުރީފުކުރިއެވެ.

"ތިއުޅެނީ އަހަރެމެންގެ ފަރާތުން މާ އަވަހަށް ސަލާމަތްވާންތަ އަމީރު؟"ހައިތަމްގެ ސަމާސާއިން އެމީހުން ހުނުމުގެ އަޑު އިވުމުން އަމީރު ހާސްވެފައި ކެއްސައިގަތެވެ.

"އައިޒަކް އަމިއްލަ ވިޔަފާރި އޮރޭލިއާވެސް ރަގަޅަށް ހިނގާ"އެހެން މީހަކު ބުނެލިއެވެ. ޔަޒީދުއާއި ބަފައިބެ ފަޚުރުވެރިވިއެވެ.

"އެކަމަކު ޕެޓްރިކޯ މާ ކުރީގައެއްނޫންތަ އުޅެނީ؟" އެހެން މީހަކު ބުނެލުމުން އޭނައާއި އެއްބަސްވުމުގެ ގޮތުން އެއްބަޔަކު ބޯ ޖަހައިލިއެވެ.

"ޕެޓްރިކޯގެ ވެރިޔަކީ ޒުވާނެއް. ފުދޭވަރަކަށް ހުނަރު ހުރޭ. އޭނަގެ ޓެކްނީކްސް ފުދޭވަރަކަށް އާވެފައި ސޭލްސްތައް ޑޮމިނޭޓްކޮށްގެން މިދުވަސްކޮޅު އެ އުޅެނީ...."

"އެތާގެ ވެރިޔަކީ ކާކުކަން އެނގޭތަ؟"

"އާނ އެނގޭ. އެތައް ފަހަރެއްގެ މަތިން ދިމާވެފައިވެސްވޭ.." އައިޒަކް ބޯ ޖަހައިލިއިރު އެ ވާހަކައަށް ދެވުނު ޝައުގު ގެއްލިއްޖެއެވެ. އެމީހުން ލަވަ ބަދަލުކޮށްލާލެއް ހާދަ އަވަހެވެ.

"އޯ އެހެރީ އޭނަ.."އައިޒަކްގެ ޖުމްލައާއެކު އެންމެންގެ މޫނުތައް ދޮރާއި ދިމާލަށް ހުއްޓުނެވެ. އެނބުރުނީ ހަމައެކަނި ފިރިހެނުންގެ މޫނުތަކެއް ނޫނެވެ. ބައެއް އަންހެނުންގެ ނަޒަރުވެސް އެދިމާލުގައި ހަރުލީއިރު ވަކިން ޚާއްސަކޮށް ނޫކުލައިގެ ގައުނެއްގައި ހުރި އަންހެން ކުއްޖާގެއެވެ. އެ ޒުވާނާގެ އިސްކޮޅުން ދިގުވެފައި ރީތި ހަށިގަނޑެކެވެ. ކަޅުކުލައިގެ އިސްތަށިގަނޑު މައްޗަށް އޮމާންކޮށްފައިވާއިރު މޫނުދޮނެވެ. އަގުބޮޑު ސޫޓެއްގައެވެ. އެއީ ޔަގީނުންވެސް އެތާތިބި ގިނަބަޔަކަށް އާ މޫނެއްކަމުގައި ވިއެވެ. އައިޒަކް ކައިލްއާއި ދިމާލަށް ހިނގައިގަތެވެ. އަދި އޭނަ އެ ހަފްލާއަށް އައިކަން ބަލައިގަތުމުގެ ގޮތުން ބޯ ޖަހާލާފައި އެހެން މީހުންގެ ގާތަށް ގެންގޮސް ތައާރަފުކޮށްދިނެވެ. އެންމެން ކައިލްގެ އަތުގައި ހިފާ ސަލާމްކުރިއިރު ކައިލްގެ އަތަށް އަރުވާފައި ހުރި ކަޅުކުލައިގެ އަންގިއަށް ސަމާލުކަމެއް ނުހުއްޓުނެވެ. ފިނިމޫސުމްގައި އެންމެންހެން ބޭނުންކުރާ އެއްޗަކަށްވާތީއެވެ.

ކައިލް އޭނަގެ ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭނަގެ ހިތުގެ ވިންދުވެސް އަވަސްވިއެވެ. މާ ގިނަ މީހުންނެވެ. މާ ގިނަ މޫނުތަކެވެ. ހާމަޔަށްވާ އަތްތަކެވެ. އަންގިއެއްނެތި އޭނައާއި ދިމާލަށް އަތްތައް ދިއްކޮށްލަނީއެވެ. އެހުރިހާކަމެއްގެ ސަބަބުން އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ.

"އެއީ އަހަރެންގެ ފިރިމީހާ މަގޭގާތުގައި ބުނި ޒުވާނާ. އޭނައަށް ކެހި ދީފިއްޔާ އެއްވެސް ރަހުމެއްނެތި މަރައިލާ ކަމަށް އަޑު ފެތުރިފައިވޭ. އޭނަގެ ވަކި ޚާއްސަ ބަޔަކަށް ނޫނީ އިތުބާރުވެސް ނުކުރާކަމަށް ވަނީ.." އަންހެނަކު އޭނަގެ އެކުވެރިންނަށް ވައި އަޑަކުން ކިޔާދިނެވެ.

"ގޯޝް އެއީ ހަމަ އޭނަތަ؟ޕެޓްރިކޯގެ ވެރިޔާތަ؟އަހަރެން އަޑުއެހިގޮތުން އޭނަ މިހާރު އައިސްފަ އެހުރި ހިސާބަށް އައީ އެގޮތަށް ކަޅު ބާޒާރުގައި މަސައްކަތްކޮށްގެން. އެނގޭތަ؟ މީހުން އެސެސިނޭޓްކުރުމާއި އެކަހަލަ...." އެހެން އަންހެނަކު ބުނެލިއެވެ.

ކައިލް އެގޮތަށް މީހުން ފަތުރާ ދޮގު ވާހަކަތައް އަހައްމިއްޔަތުކަމެއް ނުދެއެވެ. އޭނައަށް ވަރިހަމައެވެ. އޭނަގެ ކުޑައިރުގެ އެ ހިތްދަތިކަން އޭނަވަނީ ބިރުކުޑަ އިއްޒަތާއި އަބުރަށް ހަދާފައެވެ. އަދި އޭނަގެ ދެކޮޅުވެރިންނާއި އޭނައާއި ދެކޮޅަށް ރޭވުންތައް ރާވާ މީހުން ބިރުގަންނަވަން އޭނަވަނީ އޭނަގެ އިންސާނިއްޔަތުކަމެއް ނެތް ކަމާއި ރަހުމެއްނެތް ވާހަކަތަކޭ ކިޔައިގެން ދައްކާ ދޮގުވެރި ވާހަކަތައް ފަތުރަން ހިތްވަރުދީފައެވެ.

"ތިއީ ކައިލް އިސްހާގުކަން ޔަގީން..."ހައިތަމް ސަލާމްކޮށްލަން އަތްދިއްކޮށްލީ ހިނިތުންވުމާއެކުގައެވެ." އުފާވެއްޖެ ބައްދަލުވީމަ މިސްޓަރ ކައިލް. ކައިލްއާއި ބެހޭގޮތުން އަހާފައިވަނީ މުޅިންވެސް ރަގަޅު ޚަބަރުތައް.."

"އަޅުގަނޑުވެސް ހަމަ ތިފަދައިން...." ކައިލްވެސް ސަލާމްކޮށްލިއެވެ. އައިޒަކް ހައިތަމް ބޮޑުބޭބެ ގޮތުގައި އަދި ޔަޒީދު އޭނަގެ ބައްޕަގެ ގޮތުގައި ކައިލްއަށް ތައާރަފުކޮށްދިނެވެ.

"ކައިލްއާއި ބެހޭގޮތުން ތައުރީފުގެ ވާހަކައެއް ނޫނީ އަހަރެންގެ ދަރިފުޅުވެސް ބުނެފައެއްނުވޭ...." ޔަޒީދުވެސް ކައިލްއާއި އަތާއި އަތް ޖޯޑުކޮށްލިއެވެ." ތިދެކުދިން ސްކޫލުގައި އެކީގައި ކިޔެވިކަމަށް އެނގިފައިވަނީ..."

ވީއިރު މިއީ ވިންޓަރފެލްގެ ފިރިހެނުންތާއެވެ. ކައިލް ވިސްނައިލިއެވެ. ޝާހީހެދުމެއް ލައިގެން ހުރި މުސްކުޅި އަންހެނަކު ވަދެފައި ހައިތަމްގެ ކަންފަތްކައިރީ އެއްޗެކޭ ބުނެލުމުން އެއީ އެދެބެންގެ މަންމަކަން ކައިލް ދެނެގަތެވެ. އެ އަންހެންމީހާ ފިރިހެނުންނަށް ބަލާލާފައި ހިނިތުންވެލުމާއެކު އެމީހުން ގުދުވެލީ އަދަބާއި އިހުތިރާމްގެ ރަމްޒެއްގެ ގޮތުންނެވެ. އެ މުސްކުޅި އަންހެންމީހާއަކީ ވިންޓަރފެލްގެ ވިޔަފާރީގެ ވެރިމީހާކަމީ ޔަގީންކަމެކެވެ.

***

ރޭގަނޑު ކެއުމުގެ ކުރިން ޒައިނަބްއާއި އޭނަގެ ދެބެން ވިޔަފާރިވެރިންކުރެ ބަޔަކާއި ކައިލް އަދި މިކާލްއާއިއެކު އެގޭ ބައްދަލުވުންތައް ބާއްވާ ކޮޓަރިއަށް ގެންދިޔައެވެ. އެއާއިލާ ވިޔަފާރި އެހެން މަޝްހޫރު ކުންފުންޏަކާއި ގުޅުވައިލަނީއެވެ."ޕެޓްރިކޯ"އަކީ ސެންޓު އުފެއްދުމުގައި އެންމެ އަރާހުރި އެއްފަރާތަށްވާއިރު ވިންޓަރފެލްއަކީ ސެންޓުގެ މާއްދާތައް އުފައްދާ ބަޔެކެވެ. އެހެންވެ ޗެއާމަންގެ ހައިސިއްޔަތުން ޒައިނަބު މަޝްވަރާކޮށްލަން ބޭނުންވީއެވެ. ފެންނަފެނުމުގައި ޕެޓްރިކޯއިން އަލަށް މާކެޓަށްވަދެ ސޭލްސްގައި ކުރި އަތުލިއެވެ. އަދި ވިންޓަރފެލް ވިޔަފާރިއާއި އެންމެ ވާދަކުރާ ބަޔަކީވެސް އެއީއެވެ.

"އަޅުގަނޑާއި ދައްކަން އޮތީ ކޮންވާހަކައެއްތޯ؟" ޒައިނަބާއެކު އެހެން މެހުމާނުން އެކޮޓަރިން ނުކުތުމުން ކައިލް ސުވާލުކުރިއެވެ. އޭނަ ހިނދުކޮޅަކަށް މަޑުކޮށްލީ ހައިތަމްގެ އެދުމަށެވެ.

"ޒާތީ ސުވާލެއްކޮށްލެވޭތީ މާފަށް އެދެން. އެކަމަކު ކައިވެންޏެއްކޮށްގެންތޯ އަހައިލެވިދާނެތަ؟" ހައިތަމް ސީދާ މައުޟޫއަށް ގެންދިޔައީ ކައިލްއަށް ނަޒަރު ހުއްޓައިލަމުންނެވެ. ހައިތަމް ފެންތަށިން އެތިފޮދެއް ބޯލުމަށްފަހު މޭޒުމަތީ ބެހެއްޓިއެވެ. އަދި ގޮނޑީގެ ލެނގޭބަޔަށް ލެނގިލަމުން ހަމަޖެހިލިއެވެ. މިކާލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އޭނަ އެކަން ފޮރުވަން ކަރުތެރެ ސާފުކޮށްލާކަމަށް ހެދުނެވެ. ކައިލް ބުމަ އަރުވައިލިއެވެ."އަޅުގަނޑު؟ އަދި ކައިވެންޏެއް ނުކުރަން..."

ކައިލްގެ ޖުމްލަ މެދުކަނޑައިލަން ޖެހުނީ ޒައިނަބު އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމުންނެވެ. މަޖާ ތޮތްޕެއް އެކުއްޖާގެ ބޮލުގައި އަޅާފައި އޮތެވެ.

"މިއީ އަހަރެންގެ ދަރިފުޅު އާވާ.." ހައިތަމް އަތުން އިޝާރާތްކޮށްލިއެވެ. ދަތްތައް ކާރުވައިގެންފައި ފާޑަކަށް ހިނގާފައިގޮސް އޭނަ ބައްޕަގެ ގާތުގައި ހުއްޓުނެވެ. ޒައިނަބު ހައިތަމްގެ ގާތުގައި އިށީދެފައި ކައިލްއަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ. އާވާއަށް އެ ދެ ޒުވާނުން ފެނުމާއެކު ބުމަ އުފުލައިލެވުނެވެ. އޭނައަށް އެދެމީހުންވެސް ދެނެގަނެވިއްޖެއެވެ. އޭނަ މިމީހުން ދެކުނީ ކޮންތަނަކުންހެއްޔެވެ؟ އިސްތަށިގަނޑު ބުޅިކޮށް އޮތް ޒުވާނާއާއި އަތަށް އަންގި އެރުވި ޒުވާނާ އެކީ ތިބިތަން ފެނުމާއެކު އެ އަރަތް ހައްލުވެއްޖެއެވެ. މިއީ އަށް އަހަރުކުރިން ޕެޓްރިކޯގައި މަސައްކަތްކުރި ދެ ޒުވާނުންނެވެ.

"މިކުއްޖާއަށް ބަލާފައި ހީވެދާނެ ކުޑަކުއްޖެއްހެން އެކަމަކު އަހަރެމެންގެ ސްވީޓް އާވާއަށް ލިބިފައިވަނީ ރަގަޅުހިތެއް. ފުރަތަމަ ބައްދަލުވުމުން ނުރައްޓެހިކަން ހުއްޓަސް ވަރަށް ސްމާޓްކުއްޖެއް އަދި އެހާ އެކުވެރިވާން ދަންނަ ކުއްޖަކަށްވާނެ އެކީގައި އުޅެ ދަސްވީމަ..." ޒައިނަބު ބުނެލިއެވެ. އެއީ މާމަގެ ދުލުން މިވީހާތަނަށް އެންމެ އުދަގުލުން ނުކުތް ލަފުޒުތައްކަން އޭނައަށް އެނގެއެވެ. "ސްވީޓް އާވާ"އޭ ބުނެލިއިރު އޭނައަކީ މުޅިއާއިލާއާއި ތަފާތުވި އެމީހުން ބާކީކޮށްފައިވާ ކުއްޖާއެވެ.

"މިސްޓަރ ހައިތަމް... އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން. އަޅުގަނޑު އަދި އެކަހަލަ ޕްލޭނެއް......."ކައިލް ވާހަކަދައްކަން ފަށާފައި އާވާއާއި ނަޒަރު ބައްދަލުވީހިނދު އާވާ އޭނަގެ ބޮލުގައި އޮތް ތޮފި ނަގާފައި އެދިން ރުޅިވެރި އަލިފާނުގެ ނަޒަރާއި މޫނުމައްޗަށް އެ ޖައްސައިލި ނުލަފާ ވައްތަރު މީހަކު ބިރުގަންނަވާނެއެވެ. އެކުއްޖާ އިސްތަށިގަނޑު ކޮށާލާފައި އޮތްގޮތުން ކައިލްއާއި މިކާލްގެ ބުމަތައް މައްޗަށް އެރިއެވެ. ކައިލްއާއި މިކާލްގެވެސް މެއެވެ. ކައިލްއަށް އެކަން މަޖާވީއިރު މިކާލް ހީލައިގެން އިނީ ސްޓެޗޫއެއްހެންނެވެ.

"އެކްޗުއަލީ އެކަމާއި ވިސްނާނަން. ތިއީ ވަރަށް ބޮޑު އިހުސާންތެރިކަމެއް. ތިޔަބޭފުޅާގެ އަގުހުރި އަންހެންދަރިފުޅާއި އަޅުގަނޑު އެކަށީގެންވާކަމެއްވެސް ނޭގޭ.." ކައިލް ވާހަކަދެއްކިއިރު ލާނެތްކަމެއް ހުއްޓެވެ. އެކަމަކު އެ ލާނެތް ރާގު އޭނަގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވާލައިފިއެވެ. އާވާ ލޯ ތަންމިނަށް ބޮޑުކޮށްލައިފިއެވެ. އެ ޚިޔާލާއި ދެކޮޅު ހަދަން އުޅެފައި ކައިލްގެ ލަފުޒުތައް ބަދަލުކޮށްލީ ކީކޭ ހިތަށް އަރައިގެންހެއްޔެވެ؟ ކައިލް ގަސްތުގައި އޭނަގެ ވާހަކަ ބަދަލުކޮށްލީ އޭނައަށް ޖެއްސުމަށެވެ. އާވާއަށް މިކާލްގެ މޫނުގައިވި މަޖާ ހިނިތުންވުން ހިފުނެވެ. އެދެމީހުން އޭނަގެ މަތިން ހަދާން ހުރިހެއްޔޭ ހިތަށް އެރިއެވެ. އޭރު އޭނަގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. އޭނަ އެ ބޭކަރީއަށް ވަނުމުން ކައިލް އޭނަ ބޭރުކޮށްލީއެވެ.

"ބައްޕާ. އަޅުގަނޑު ފިރިޔަކު ހޯދާކަށް ބޭނުމެއްނޫން..." އާވާ ދަތްތައް ވިކައިގަތެވެ.

"އާވާ އަދި ފިރިޔަކު ނުހޯދިކަމުގައި ވިޔަސް ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ކުރަން ޖެހޭކަމެއްކަމުގައި ދެކެން. އާވާ ދެން ދިޔަސް އެންމެ ރަގަޅު." ހައިތަމް އާވާއަށް ނަޒަރު ހުއްޓައިލުމެއްނެތި ވާހަކަދެއްކިއެވެ. އާވާވެސް އިތުރަށް ޖަދަލުކުރުމެއްނެތި ނުކުތުމުން ޒައިނަބު ކަންބޮޑުވެފައިވާގޮތަކަށް ހުނެވެ.

ޝީޒް ހޭވިން އެ ބެޑް ޑޭ...ހޯޕް ޔޫ ޑޯން މައިންޑް މިސްޓަރ ކައިލް.." ޒައިނަބު ބުނެލިއެވެ. އަތް ކިރިޔާ ހަރަކާތްކޮށްލިޔަސް އޭނަގެ އަތުގެ އިނގިލީގައިވާ ޖަވާހިރުތައް ދަޅަ އަރައެވެ. ކައިލް އެންމެ އަޖައިބު ކުރުވިކަމަކީ އޭނަގެ މާމައާއި އެއް އުމުރެއްގެ މީހަކު އެހާ ރީތިކޮށް ހުރުމާއި ހެލިފެލިވެ އުޅޭ ހަރަކާތްތެރިގޮތާއި އަދި ވިންޓަފެލް ވިޔަފާރީގެ އެންމެ އިސް މަގާމުގައި ހުރުމެވެ. ތައުރީފުކުރުން ހައްގު ވަރަށްވެސް ކުޅަދާނައެވެ.

"ބައި އޯލް މީންސް ކޯލް މީ ކައިލް..." ކައިލް އަދަބުވެރިވާންވެގެން ބުނެލިއެވެ. ޒައިނަބާއި ހައިތަމް އެކަކު އަނެކަކަށް ބަލައިލީ މި ޒުވާނާއަށް ދެމީހުންގެ ހިތްވެސް ޖައްސުވާފައެވެ.

"ރޭގަނޑު ކެއުން ތައްޔާރަށް ހުރީ. މިހުރިހާ ވާހަކަތަކެއް ދެކެވުނީމަ ވަރުބަލިވެސް ވާނެ.." ޒައިނަބު އިއްވިއެވެ. ހައިތަމްއާއި ޔަޒީދު ފިރިހެންވެރިން ގޮވައިގެން ކާ ބަޔަށް ގެންދިޔައެވެ. ޔާސްމީނާއި ލިއާނާ އަންހެންވެރިންނަށް މަގުދެއްކިއެވެ. އެދިގު ފުޅާ މޭޒުގައި ތިރީހަކަށް މީހުންނަށް އެއްފަހަރާ އިށީދެވޭނެއެވެ. މޭޒުމަތީގައިވަނީ އެންމެ އަގުހުރި ކާނާތަކެވެ. މޭޒުމަތީގައި ހުރި އުއްބައްތި ޖަހާ ދިގު ހަރުތައް އަތުރާފައި ހުރިގޮތުން މޭޒުމަތީގެ ހައިބަވަންތަކަން އިތުރުވެފައިވިއެވެ. އެންމެން ގޮނޑިތަކުން ޖާގަ ހޯދަމުން ދިޔައިރު ސިއެނާ ކައިލްގެ ކުރިމަތީގައި އިށީންނަން މަސައްކަތްކުރިއެވެ. އެކަމަކު ފިރިހެނުންތައް ކުރި އަތުލިއެވެ. ނަސީބު ދިމާކުރިގޮތުން އޭނައަށް އިށީންނަން ލިބުނީ ކައިލްއާއި މާ ދުރުންނެވެ. ކައިލްގެ މޫނު ފެނުމުގެ ނަސީބެއްވެސް ނުލިބުނެވެ. އެ އައިޒަކްގެ ޖާގަ އޭނައަށް ދޭން ޖެހޭނެއެވެ. އެކިވަރަށް ކޮށާފައިވާ ފިރިހެން ކުއްޖެއްހެން އޮތް ކުރު އިސްތަށިގަނޑު ފޮރުވަން ތޮތްޕެއް އަޅާލައިގެން ހުރި އާވާވެސް އެތަނަށް ވަނެވެ. ލިއާނާ އިނީ އޭނަގެ ގާތުން އާވާއަށް ގޮނޑިއެއް ހުސްކޮށްލައިގެންނެވެ. ގަސްތުގައި އޭނަ އިށީންއިރު ގޮނޑި ދަމައިގަތީ އެންމެންގެ ސަމާލުކަން އެ އަޑަށް ލިބޭނެކަން އެނގިފައެވެ. މޭޒުގެ އެންމެ ކޮޅުގައި އިން ހައިތަމްއާއި އާވާގެ ނަޒަރު ސިކުންތުކޮޅަކަށް ބައްދަލުވުމާއެކު އާވާ ދުރަށް ބަލަންފެށިއެވެ. އާވާ ބަލައިލިއިރު އައިޒަކްގާތުގައި ތިބީ ބޭކަރީއިން ދިމާވި ދެ ޒުވާނުންނެވެ. އައިޒަކް ރުހެވުނު އަންހެންކުއްޖާ އެންމެ ކުރިން މަސައްކަތްކުރީވެސް އެތަނުގައެވެ. އެކުއްޖާ ވީ އެމީހުންގެ ޓެކްސީ ޑްރައިވަރުގެ ދަރިފުޅަށެވެ. މިހާރު ނޯރާ ދިރިއުޅެނީ އެމީހުންނާއެކު ވިންޓަރފެލްގައެވެ. އަދި މިހާރު މި ދެ ޒުވާނުންވެސް މިތިބީ ވިންޓަރފެލްގައެވެ. ކަންތައް ބަދަލުވަމުން ދާގޮތްވަނީ ސިއްރުވެރިކަމެއްގެ ތެރޭގައެވެ. ހަގީގަތުގައި ކުރީކޮޅު އާވާ ނޯރާއާއި ރުހޭގޮތެއްނުވިއެވެ. ސަބަބަކީ އާވާ އޭރު ބޭނުންވީ އައިޒަކް ސާރާއާއި ކައިވެނިކުރުމެވެ. އޭރުން ޔޫސުފްގެ ފިރިހެންދަރިފުޅާއި ކައިވެނިކުރުމުން އޭނަ ސަލާމަތްވާނެއެވެ. އެކަމަކު އެފަހުން އެތައް އަހަރެއް މާޒީއާއެކު ވޭތުވެގެން ދިޔުމަށްފަހު އޭނަވެސް ނޯރާއާއި ރުހޭގޮތްވިއެވެ. ނޯރާއަށް މިރޭ މި ހަފްލާގައި ބައިވެރި ނުވެވުނީތީ އޭނަ ހިތާމަކުރިއެވެ. މިހާ ފޫހި ތަނެއްގައި ނޯރާ ހުރިނަމަ ތަންކޮޅެއް ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. އެކަމަކު ނޯރާ ވަޒީފާއަށް ދާން ޖެހުނީއެވެ. އާވާގެ ލޯ ދަތުރުކުރަމުންގޮސް ހުއްޓުނީ ނޯރާގެ ބޭބެ ޑޮކްޓަރ ނާޔަލްގެ މޫނުގައެވެ. ރީތިކޮށް ފުނާ އަޅާފައިވާ އިސްތަށިގަނޑާއި އަޅައިގެން ހުރި އައިނާއެކު އޭނައަކީ އާވާ ހަޔާތުގައިދުށް އެންމެ ހިތްހެޔޮ މޫނެވެ. އިސްތަށިގަނޑާއި ލޮލުގެ ކުލަވެސް މުށިކުލަ ހުރުމާއެކު ކޯތާފަތަށް އެޅޭ އަޑިކޮޅުން އެއް މާބަނޑު ދެބެންފަދައެވެ. ކޮއްކޮއާއި ބޭބެ ތަފާތެއްނެތެވެ.

އާވާ ހިންދިރުވައިލުމަށްފަހު ތޮފިގަނޑު ތަންކޮޅެއް ތިރިކޮށްލައިފިއެވެ. އެމީހެއްގެ ކުރިމަތީގައި އެހެންގޮތަކަށް ދެކެން ބޭނުންނުވާ ހަމައެކަނި އިންސާނަކީ ނާޔަލްއެވެ. އެހާ ހަޑިކޮށް އިސްތަށިގަނޑު ކޮށައިލެވުމުން ހިތާމަކުރާ ހަމައެކަނި ސަބަބަކީވެސް އެއީއެވެ.

***

ސުފުރާއަށް އާދެވުމުން ކައިލް އަށް އުދަގޫވިއެވެ.ހުރިހާ އެންމެންގެ މޫނު ޒޫމްކޮށް ކައިރިން ފެނުނުފަދައެވެ. އެމީހުންގެ ނޭވާގެ އަޑުވެސް ސާފުކޮށް އިވެއެވެ. އަދި އެމީހުން ކާއެއްޗެހީގައި ދަތް އަޅާ އަޑުވެސް މެއެވެ. އެއިން އެއްވެސް ކަމަކަށް އޭނައަށް ކެތެއްނުކުރެވުނެވެ. ކާތަކެތިއަޅާ ދެމުން ޚިދުމަތްދެމުން ދިޔައިރު ޚާދިމާއަކު މާ ކައިިރިވެލުމުން އޭނައަށް ނޭވާލުމަށް ދަތިވެއްޖެއެވެ. ކައިލް އަވަހަށް ޓައީއަށް ދޫކޮށްލައިފިއެވެ.

"އާ ޔޫ އޯކޭ ކައިލް؟" ހައިތަމް ކުޑަކޮށް ކުރިއަށް ޖެހިލަމުން ސުވާލުކުރިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ކައިލްގެ ހުދުވަމުން އައި މޫނަށެވެ. ދެން ހުރިހާ ކަމެއް އެއްފަހަރާ ހިނގައިގަތްފަދައެވެ. އެއްވެސް މީހަކަށް އެއިން ކަމެއް ނަގައިގަތުމުގެ ފުރުސަތެއް ނުލިބި ގޮނޑިތަކުގައި ތިބެވުނީއެވެ. ބިރުވެރިކަމާއި ހާސްކަމާއެކު އަނގަ ހުޅުވިފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު