ނޮވެމްބަރު ތިނެއް ބީ ކެޓަގެރީ ދުވަހަކަށް ހެދުމުން ދެކޮޅު ހެދި، މިދުހަތު ޕީއެސްއެމް ބޯޑުން ވަކިކުރަން ނިންމައިފި

އަލީ މިދުހަތު (މިދޭ): ޕީއެސްއެމްގެ ބޯޑު މެމްބަރަކަށް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރު -- ސަން ފައިލް ފޮޓޯ

ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމާ ދެކޮޅު ހެދި، އަލީ މިދުހަތު (މިދޭ) ޕީއެސްއެމްގެ ބޯޑުން ވަކި ކުރަން ނިންމައިފިއެވެ.

ނަސްރުގެ ދުވަހަކީ ކެޓަގަރީ ދޭއްގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، އެ ދުވަހަށް ހާއްސަކޮށް ވަކި ޕްރޮގްރާމެއް ޓީވީއެމުން ތައްޔާރު ކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ރައްޔިތުން ވަނީ ޕީއެސްއެމާއި ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިދުހަތުގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރަން ނިންމައިފައިވަނީ ޓީވީއެމްގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް (މޮންދު)އެވެ. މޮންދުއަކީ ޓީވީއެމްގެ އިތުރުން ވީޓީވީގައި ވެސް ސީއީއޯގެ މަގާމު އަދާކޮށްފައިވެއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި ބަދަލު ގެންނަން ނިންމައިފައިވަނީ ޕީއެސްއެމް އިތުރަށް ހަރުދަނާކޮށް ހިންގުމުގެ ގޮތުންނެވެ.

މިދުހަތު ޕީއެސްއެމް ބޯޑަށް އައްޔަން ކުރައްވައިފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ ވަނީ "ސަން" ޓީވީގެ ސްޓޭޝަން އިންޗާޖުކަން އަދާކުރައްވައިފައެވެ.

ޕީއެސްއެމް ގާނޫނުގައިވާ ގޮތުގައި އެ ކުންފުނީގެ ބޯޑަށް މީހުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެއެވެ.

comment ކޮމެންޓް