ލަންކާގެ އާ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އަލަަށް އޮޕަރޭޓް ކުރުމަށް ތައްޔާރުވަމުން އަންނަ ފްލައި ލަންކަން --

ސްރީލަންކާގައި އަލަަށް އޮޕަރޭޓްކުރުމަށް ތައްޔާރުވަމުން އަންނަ އެެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފައިވާކަން ހާމަކޮށްފިއެވެ.

ލަންކާގައި އަލަަށް އޮޕަރޭޓް ކުރުމަށް ތައްޔާރުވަމުން އަންނަނީ ފްލައި ލަންކަން ކިޔާ އެއާލައިނެކެވެ. މިއީ ބަޖެޓު އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ އެއާލައިނެކެވެ.

މި އެއާއެލައިންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭއެވެ.

އެ އެއާލައިނުގެ ސީއީއޯ ޑރ. އަރޯޝާ ފާނޭންޑޯއާ ހަވާލާދީ، ލަންކާގެ އޭވިއޭޝަން ހަބަރުތައް ރިޕޯޓު ކުރާ ނޫހެއްގައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތައް ފަށާއިރު ހަ މަންޒިލަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމައިފައިއެވެ.

އެގޮތުން ދަތުރުތައް ބާއްވާ ތަންތަނުގެ ތެރޭގައި، ރާއްޖެއާއި އިންޑިއާ އާއި، އިންޑޮނޭޝިއާގެ އިތުރުން މިޔަންމާއާއި، މެލޭޝިއާ އަދި ދުބާއީ ހިމެނެއެވެ.

މި އެއާލައިންގެ ދަތުރުތައް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައި އޮންނާނީ ކާގޯ ދަތުރުތަކަށެވެ. އަންނަ އަހަރު ދަތުރުތައް ފަށާއިރު ފުރަތަަމަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 160އާއި 190 މީހުންގެ ޖާގައިގެ ބޮއިން737 މަރުކާގެ މަތިންދާ ބޯޓެކެވެ.

މި އެއާލައިނުން ދަތުރުތައް ފަށައިގަންނަނީ ދެ ފިޔަވައްސަކަށް ބަހައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ޖެނުއަރީގައި ދަތުރުތައް ފަށާއިރު ދެވަނަ ފިޔަވީގެ ދަށުން އިތުރު މަންޒިލްތަކަށް އަންނަ އަހަރުގެ މާޗްމަހުގެ ތެރޭ ދަތުރުތައް ފަށާނެއެވެ.

comment ކޮމެންޓް