ސައްތައިން ސައްތަ އޮގަނިކް ގަައުމަކަށް ވުމަށް ސްރީލަންކާ ކުރި މަސައްކަތްތައް ފެނަށް

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ކޮލަންބޯ (22 ނޮވެމްބަރު) : ކެމިކަލް ފާޓިލައިޒަރ ބޭނުންކުރުން މުޅިން ހުއްޓާލައި ސައްތައިން ސައްތަ އޮގަނިކް ދަނޑުވެރިކަންކުރާ ފުރަތަމަ ގައުމަށް ވުމަށް ސްރީލަންކާއިން ކުރި އުންމީދުތައް ވިއްސިވިހާލިވެ އެލަނޑުދަނޑި ހާސިލްކުރުން ހުއްޓާލުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން ސްރީލަންކާގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ ދަނޑުވެރިކަމަށް ކެމިކަލް ފާޓިލައިޒާ އެތެރެކުރުމާއި އޭގެބޭނުންކުރުމުގެ ހުއްދަ ދަނޑުވެރިންނަށް މިހާރު ދީފައިވާނެ ކަމަށާ ކުރިން މަނާކުރި ކެމިކަލްތައްކަމަށްވާ ހާބިސައިޑާއި ޕެސްޓިސައިޑް އެތެރެކޮށް އޭގެބޭނުންކުރުމުގެ ހުއްދަވެސް ވަރަށް އަވަހަށް ދޭނެކަމުގައެވެ.

ކެމިކަލް ފާޓިލައިޒަރ ބޭނުންކުރުން ކުއްލި ގޮތަކަށް މުޅިން ހުއްޓާލުމުން ސްރީލަންކާ ދަނޑުވެރިކަމަށްވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް އިނދަޖެހޭ ހިސާބަށް ގޮސްފައެވެ. އޭގެތެރޭގައި ދަނޑުތަކުން ބޭނުންވާވަރާ ގާތަށްވެސް ނަތީޖާ ނުރެވުމާއި ދަނޑުވެރިކަމުގެ ބާވާތްތަށް ބާޒާރުގައި މަދުވެ އެތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެގެން ދިޔުން ހިމެނެއެވެ. މިއާއެކު ސްރީލަންކާގެ ދަނޑުވެރިން މިހާރުވަނީ ބޮޑު މުޒާހަރާތަކަކާއި އިހްތިޖާޖްތަކަކަށް ނުކުތުމަށް ތައްޔާރުވެފައެވެ.

ކެމިކަލް ފާޓިލައިޒާ އެތެރެކުރުމާއި އޭގެ ބޭނުންކުރުމުގެ ހުއްދަދިނުމަށާއި އަދި ހާބިސައިޑާއި ޕެސްޓިސައިޑް އެތެރެކޮށް އޭގެބޭނުންކުރުމުގެ ހުއްދަ ދޭގޮތަށް ސްރީލަންކާގެ ދަނޑުވެރިކަމުގެ ސިޔާސަތު ބަދަލުކުރީ ދަނޑުވެރިންގެ އިހްތިޖާޖްތައް މާބޮޑަށް ހޫނުވެގެން ހިނގައިދާނެތީކަމަށްވަނީ ބެލެވިފައެވެ.

ސްރީލަންކާގެ ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ

މީގެއިތުރުން ދަނޑުވެރިކަމުގެ ބާވަތްތައް ބާޒާރުން މަދުވެ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ މައްސަލަ ހައްލުކުރެވެންވެސް އަންނަނީ މިދެންނެވިގޮތަށް ދަނޑުވެރިކަމުގެ ސިޔާސަތު ބަދަލުކޮށްގެންކަން ސްރީލަންކާގެ ސަރުކާރަށް މިހާރުވަނީ ކަށަވަރު ކުރެވިފައެވެ.

ކެމިކަލް ފާޓިލައިޒަރ ބޭނުންކުރުން ކުއްލިގޮތަކަށް ސްރީލަންކާގައި މަނާކުރުމުގެ ސަބަބުން ދަނޑުވެރިކަމުގެ މުޅި ސެކްޓަރު އިނދަޖެހޭގޮތްވީ ކޮވިޑް-19 ގެ ސަބަބުން ސްރީލަންކާގެ ފަތުރުވެރިކަންވެސް ހުއްޓި އިގްތިސާދު އަޑިއަޅާލި ދުވަސްވަރުގައެވެ. ނަތީޖާއަކަށްވީ ސްރީލަންކާގެ އިގްތިސާދު މުޅިން އިނދަޖެހޭ ހިސާބަށް ދިޔުމެވެ.

ދަނޑުވެރިކަމާގުޅޭ އެއްވެސްކަމެއްގައި ކެމިކަލްގެ ބާވަތްތައް ބޭނުންކުރުން މަނާކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމީ މިދިޔަ މޭމަހުގެ ތެރޭގައެވެ. ކެމިކަލް ތަކެއްޗަށް ބަރޯސާވެފައިއޮތް ސްރީލަންކާގެ ދަނޑުވެރިކަން ކުއްލިގޮތަކަށް އޮގަނިކް ތަކެއްޗަށް ބަދަލުކޮށްލުމުން ސްރީލަންކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެބައިކުޅައެއްބައަށްވުރެވެސް ދަށަށްގޮސް ބައެއް ބާވަތުގެ ދަނޑުވެރިކަން މުޅިން ހުއްޓަންޖެހި ދަނޑުވެރިން ހާލުގައި ޖެހުނެވެ.

މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އުފެއްދުންތައް ވަރަށްބޮޑަށް ދަށްވެ ބާޒާރުގައި "ރަނުގެ އަގަށް" އެތަކެތީގެ އަގު އުފުލިގެން ދިޔައެވެ. މިގެއިތުރުން ހަނޑޫ ފަދަ ކާޑުގެ ބާވަތްތައްވެސް އާދަޔާ ޚިލާފަށް މަދުވެ އެތަކެތީގެ އަގުވެސް ބާޒާރުގައި އުފުލިގެން ދިޔައެވެ. މިއާއެކު ހަނޑޫ ލިބުން މަދުވުމުން ފިހާރަތަކުންވަނީ ހަނޑޫ ވިއްކުން ކޮންޓުރޯލް ކޮށްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާ ނުދެކޭފަދަ ކާބޯތަކެތީގެ ދަތިކަމެއްކަމަށް އެގައުމުގެ އާންމުންވަނީ ސިފަކޮށްފައެވެ. ސްރީލަންކާގެ ސަރުކާރު ބުނާގޮތުން އެގައުމުގެ ދަނޑުވެރިކަމުގައި ކެމިކަލް ފާޓިލައިޒަރ އާއި ހާބިސައިޑާއި ޕެސްޓިސައިޑް ބޭނުންކުރުން މަނާކުރަންޖެހުނު އެއްސަބަބަކީ ސައްތައިން ސައްތަ އޮގަނިކް ދަނޑުވެރިކަންކުރާ ފުރަތަމަ ގައުމަކަށް ސްރީލަންކާ ހެދުމެވެ.

އަނެއް ސަބަބަކީ ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ސްރީލަންކާގެ ޓޫރިޒަމް ހުއްޓުމަކަށް އައުމާއެކު ބޭރު ފައިސާ ލިބުން އިންތިހާއަށް ދަތިވެގެން ދިޔުމުން ދަނޑުވެރިކަމަށް ބޭނުންވާ ކެމިކަލް އިންޕޯޓްކުރަން ދަތިވުމެވެ. ނަމަވެސް މިދެކަމުގެ ނަތީޖާ ދެއްކީ ހީކުރެވިފައިވާ ވަރަށްވުރެ ހިތި ގޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން ސްރީލަންކާ ސަރުކާރުން މިހާރުވަނީ ސައްތައިން ސައްތަ އޮގަނިކް ގައުމަކަށް ވުމަށް އެގައުމުން ކަނޑައެޅި ލަނޑުދަނޑި ދޫކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު