އަމީންގެ ހާޑް ޑިސްކެއް ތަހްލީލް ކުރުމަށް އެފްބީއައިއަށް!

ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަމީން ވާހަކަ ދައްކަނީ -----

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ހާޑް ޑިސްކެއް ތަހްލީލް ކުރުމަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ފޮނުވި ކަމަށް ދައުލަތުން ބުނެފިއެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ އިތުރުން ޓެރަރިސްޓް އަމަލެއް ކުރަން ރޭވުމުގެ ދައުވާ އުފުލާފައިވާ އަމީންގެ މައްސަލަ ހައި ކޯޓުން ބާތިލް ކުރުމުން, ސުޕްރީމް ކޯޓުން ވަނީ އަލުން އެ މައްސަލަ ބެލުމަށް ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ފަށައިގެން ކުރިއަށްދާއިރު, މިއަދު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނެގުމެވެ.

އެއީ އަމީންއާ ގުޅުންހުރި ބައެއް ހާޑް ޑިސްކްތައް ތަހްލީލްކުރި ދެ މީހުންނެވެ.

އޭގެ ތެރެއިން ކޮމްޕިިއުޓާ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ޒުހައިރު ވިދާޅުވީ, ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓްރީއަށް ގެންދިޔަ ލެޕްޓޮޕެއްގެ ހާޑް ޑިސްކުގައި ފޮރުވާފައިވާ ފައިލްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އައިއެސްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ވީޑިއޯތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އަށް ވީޑިއޯ އެއްގެ ބައެއް ބައިތައް މިއަދުގެ އަޑުއެހުމުގައި ވަނީ ދައްކާފައެވެ.

އެ ވިޑިއޯތަަކުގެ ކަނެއްގައި އައިއެސްގެ ލޯގޯ ޖަހައިފައިވާއިރު ބައެއް ވީޑިއޯތަކުގައި އައިސްގެ ހަބަރުތައް ފަތުރާ އަލްހާޔަތު މީޑިއާގެ ލޯގޯ ވެސް ޖަހައިފައިވެއެވެ. އަދި އޭގެ ބައެއް ވީޑިއޯތަކަށް ވަނީ ދިވެހި ބަހުން ވެސް އަޑުއަޅާފައެވެ.

އަމީންއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގައި އޮޅުންތަކެއް ހުރުމުން ދިފާއުން ވަނީ އެކަން ފާހަގަކޮށްފައެވެ.

އެކަމަށް ރައްދު ދެއްވައި ޒުހައިރު ވިދާޅުވީ, ފުލުހުންގެ ޑިޖިޓަލް ލެބޯޓްރީއަށް ހާޑް ޑިސްކު ލިބުނު އިރު އޭގައި ހުރި ބައެއް ފައިލްތައް ހޯދުމުގެ ގާބިލުކަން ނެތް ކަމަށެވެ. އެހެންކަމުން އެ ހާޑް ޑިސްކް އެހެންތަނަކަށް ފޮނުވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފޮނުވީ ކޮންތަނަކަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް އެ ހާޑް ޑިސްކް ފޮނުވީ އެމެރިކާގެ އެފްބީއައިއަށް ކަން ފަހުން ދައުލަތުގެ ވަކީލްގެ ވާހަކައިން ހާމަވިއެވެ.

އަމީންގެ މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ބެލިއިރު, ހުށަނާޅާ ބައެއް ހެކިތައް މިފަހަރު ހުށަހެޅިކަމަށް ދިފާއުން ފާހަގަކުރުމުން, ދައުލަތުގެ ވަކީލް ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި މި ހާޑް ޑިސްކްގް ރިޕޯޓަކީ މީގެ ކުރިން ވެސް ހުށަހެޅި ރިޕޯޓެއްކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, އިތުރަށް ތަހްލީލް ކުރުމަށް އެފްބީއައިއަށް ވެސް ފޮނުވި ކަމަށެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އަމީން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް