ސަންގެ ކިޔުންތެރިންނަށް މި ފަހަރު ޔަޝްފާގެ "ކަލާގެ ލޯބިން.." އަންނަނީ

ޔަޝްފާގެ "ކަލާގެ ލޯބިން"ގެ ނަމުގައި ގެނެސްދޭ ވާހަކައިގެ ޕޯސްޓަރު --

ވާހަކައަކީ ސިކުނޑީގެ ތެރޭގައިވާ ހިޔާލުތައް ލަފްޒުތަކަކާއި މާނަފުން ޖުމްލަތަކެއްގެ ގޮތުގައި ގެނެސްދޭ މެދުވެރިޔާއެވެ.

ސަންގެ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ލިޔުންތަކުގެ ތެރޭގައި "ސަން ވާހަކަ"ތައް ހިމެނެއެވެ. އަދި އެއް ވާހަކައިގެ އަދަދެއް ނިމުމާއެކު ދެން އަންނަ އެޕިސޯޑަކަށް ކެތްމަދުވެފައިވާކަން ކޮމެންޓުތަކުންނާއި ސަން ހޮޓްލައިންއަށް އަންނަ ފޯނު ކޯލްތަކުން ވެސް ހާމަވެއެވެ. ހަމަ އެ ގޮތަށް، އެއް ވާހަކަ ނިމުމުން އެ ލިޔުންތެރިއެއްގެ ފަރާތުން ދެން ފެންނާނެ މަސައްކަތަކަށް ޝައުގުވެރިކަން ފާޅު ކުރާ މީހުންގެ އަދަދު ވެސް ގިނައެވެ.

އެއާއެކު "ސަން"ގެ ކިޔުންތެރިންނަށް މިފަހަރު ވެސް މި ގެނެސްދެނީ ވަރަށް ހިތްގައިމު ވާހަކައެކެވެ. މިފަހަރު މި ގެނެސްދެނީ ޔަޝްފާގެ "ކަލާގެ ލޯބިން"ގެ ނަމުގައި ގެނެސްދޭ ލޯބީގެ އަސަރުގަދަ ވާހަކައެެކެވެ.

މިއީ، ލޯބީގެ އަސަރުގަދަ ވާހަކައެކެވެ. މި ވާހަކައިން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ މަޖުބޫރީ ހާލަތްތަކާއި ތަފާތު އިހުސާސްތަކަކުން ބަނދެވިފައިވާ ދެ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާވެފައިވަ ވާހަކަތަކެކެވެ. އަދި އެ ދެމީހުންގެ ހަޔާތުގެ ދަތުރުގައި އެ މީހުން ގެންދާ މަންޒިލްގެ ވާހަކައެވެ.

މި ވާހަކައިގައި އުޅެނީ އެކަނިވެރި ދިރިއުޅުމެއް އުޅެމުން އަންނަ އިރަމް ކިޔާ އަންހެން ކުއްޖެކެވެ. މާޒީގައި އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުން ދިރިއުޅުން ބަދަލުވެގެންދިޔަ މިސްރާބުން އަރައިގަތުމަށް އޭނާއަށް ފަސޭހަކަމަކަށް ނުވެއެވެ.

އެތައް ހިތްވަރަކާއެކު ކުރިއަށް ނެގި ފިޔަވަޅު ފަހަތަށް އަޅައިލަން މަޖުބޫރު ކުރުވަނީ އޭނާގެ މާޒީއެވެ. ދިމާވާ އެންމެ ސޫރައެއްގެ ސަބަބުން، މާޒީ ހަނދާން ނައްތާލުމަށް އިރަމް ކުރަމުން އަންނަ މަސައްކަތް ނާކާމިޔާބުވެއެވެ. އަދި ދުވަހަކު ބައްދަލުވާން ނޭދޭ ސޫރައަކާ ކުރިމަތިލުމަށް އިރަމްއަށް ހާލަތު މަޖުބޫރުކުރުވައެވެ.

އެއާއެކު ދެން އަންނަނީ އައިޒަކް ނަމަކަށް ކިޔާ މީހެެކެވެ. ދިރިއުޅުމަށް އައި ބޮޑު އިންގިލާބެއްގެ ސަބަބުން، މާޒީ ހަނދާން ނައްތައިލާފައި، ކުރިއަށްދާން އައިޒަކްއަށް މަޖުބޫރު ކުރުވައެވެ. ނަފުރަތާއި ހިތްދަތިކަމުން ފުރިފައިވި ހިތަށް ލުއިކަމެއް ހޯދުމަށް އޭނާ ފަށާ ދަތުރުގައި، ވާސިލުވާން ބޭނުންވި ހަރުފަތާ ހަމައަށް ގެންދަނީ ހީވެސްނުކުރާފަދަ ގޮތަކަށެވެ.

މިއީ ވާހަކައިގައި ވާނެ ގޮތުގެ ކުރު ހުލާސާއެކެވެ. ހުލާސާއިން ވެސް ވާހަކަ އަށް ޝައުގުވެރިކަން އުފެއްދިފައިވާނޭކަން ކަށަވަރެވެ. މި ވާހަކައަކީ ކިޔުންތެރީންނަށް ކަމުދާނެ އަދި ކިޔާ ހިތުން ކިޔާނެ ވާހަކަ އަކަށް ވާނެ ކަމުގެ ޔަގީންކަން ޔަޝްފާ ދެއެވެ.

"ސަން"ގެ ވާހަކަތައް "ސަން"ގެ ވެބްސައިޓާއި "ސަން"ގެ އުފެއްދުމެއް ކަމަށްވާ "ސަފުހާ" ވެބްސައިޓުން ކިޔާލެވޭނެއެވެ.

comment ކޮމެންޓް