ސާފުގައި ތަފާތު ދެއްކި ހައިޝަމް މާޒިޔާއަށް ސޮއިކޮށްފި

މާޒިޔާއިން ހައިޝަމްއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//މާޒިޔާ

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު މެޗުތަކުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރި ހައިޝަމް ހަސަން (ބިޑި) މާޒިޔާއަށް މިއަދު ސޮއިކޮށްފިއެވެ.

ގައުމީ ޓީމުގެ އެންމެ ޒުވާން ޑިފެންޑަރު، ހައިޝަމްގެ ސޮއި ހޯދިކަން މާޒިޔާއިން މިއަދު އިއުލާން ކުރި އިރު، އެކުލަބުން ބުނީ ހައިޝަމް މާޒިޔާއަށް ގުޅުނީ ތިން ސީޒަނުގެ ނިޔަލަށް ކަމަށެވެ. މިދިޔަ ސީޒަނުގައި އީގަލްސްއަށް ކުޅުނު ހައިޝަމް މާޒިޔާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ގައި މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ހައިޝަމް ވަނީ އެ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން ހައިޝަމް ކުލަބު އީގަލްސްގެ ޒުވާން ޓީމާ ގުޅުނީ އެ އަހަރުގެ ޔޫތު މުބާރާތް ކުޅުމަށެވެ. އެ ފަހަރު ހައިޝަމް ވަނީ އީގަލްސްއާއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެއާއެކު 2018 ވަނަ އަހަރު އީގަލްސްގެ ސީނިއާ ޓީމުން ހައިޝަމަށް ފުރުސަތު ލިބިގެންދިޔައެވެ. ހައިޝަމް އީގަލްސްގެ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން އީގަލްސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން އީގަލްސްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދަމުން އައި ހައިޝަމް ވަނީ 2019 ވަނަ އަހަރުވެސް އީގަލްސްއާއެކު ޔޫތު މުބާރާތް ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުން ހައިޝަމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ފަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެކުލަވާލި ސްކޮޑުގައި ހައިޝަމް ހިމެނުނުއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަޔޮޓް އަތުން ރާއްޖެ ބަލިވި މެޗުގައި ހައިޝަމް ވަނީ ކުޅެފައެވެ.

ހައިޝަމްގެ އިތުރުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ނޭޕާލްގެ ކީޕަރު ކިރަން ވަނީ މާޒިޔާއާ ގުޅިފައެވެ. މީގެ އިތުރުން އަންނަ ސީޒަނުގައި އެ ޓީމުން ވަނީ ކޯޗުކަން ކުރުމަށް މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު އެއްބަސްވެ، ފަރިތަކުރުންތައް ފަށައިފައެވެ.

comment ކޮމެންޓް