ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ ޑީއީޑީން: އިމްރާން

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)އިން ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހޯމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ކާމިޔާބު ޑިޕާޓްމަންޓަކީ ޑީއީޑީ ކަމުގައި ވިޔަސް، ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓަކުން ކުރާ މަސައްކަތްތައް ވަރަށް އުފަލާ އެކު ބަލައިގަނެ ގަބޫލު ކުރާ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ދަންނަވަން ކެރިދާނެ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ ހަގީގަތުގައިވެސް ޑީއީޑީންނޭ. މިހެން ބުނުމަކީ އެހެން ޑިޕާޓްމެންޓްތަކަށް އުނި ބަހަކަށް ނުވާނެކަން ޔަގީން،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެކަމުގެ ނަތީޖާއަކީ 973 ކިލޯގެ ޑްރަގް އަތުލައިގަނެވުން ކަމެވެ. އަދި އެ ޑިޕާޓްމަންޓްގެ ފުލުހުން މަސައްކަތް ކޮށްފައިވަނީ ޑްރަގްގެ ނުރައްކާތެރި ވަބާ ރާއްޖެއިން ނައްތާލަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޑްރަގްގެ ވަބާއިން ރާއްޖެ އަރައިގަތުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުވައްސަސާތައް ގުޅިގެން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަންކަން ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއާ އެކުގަވެސް މަޝްވަރާ ކުރުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރު ވަމުން،" އިމްރާން ވިދާޅުވިއެވެ.

އަދި ޑްރަގްގެ ގިނަ މައްސަލަތަކެއް ފެންމަތި ވަނީ ޖިނާއީ އަދުލުގެ މުޅި ނިޒާމުގެ ވަށައިގެން ތިބި އެންމެން މަސައްކަތް ކުރުމުގަ ހުރި ތަފާތު ތަކެއްގެ ސަބަބުން ކަމަށާއި އެކަމަށް ހައްލެއް ގެނެވޭނީ މިފަދަ ކަންކަން ނައްތާލެވިގެން ކަމަށް އިމްރާން ވަނީ ވިދާޅުވިއެވެ.

comment ކޮމެންޓް