ތިން އަހަރު ތެރޭގައި ދީނަށް ފުރައްސާރަކުރި 21 މައްސަލައެއް، ދައުވާކުރަން ފޮނުވީ ތިން މައްސަލައެއް

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފާއިތުވީ ތިން އަހަރު ތެރޭގައި ދީނަށް ފުރައްސާރަކޮށްގެން 21 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން މައްސަލައެއް ދައުވާކުރަން ފޮނުވައިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރުގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީޕީ ހަމީދު ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ފުލުހުން އަބަދުވެސް ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ ގިނަ ރައްޔިތުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

"ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު އައިސް، 2018 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް 48 މީހަކު ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވާއިރު، އަބަދު ހަރުކަށި ފިކުރު ނުވަތަ ޓެރަރިޒަމް އޭ ކިޔައިގެން ފުލުހުން ދުވާ ވާހަކަ، ދީނާ ދެކޮޅު މައްސަލަތަކާއި މިކަންކަމުގައި ފިޔަވަޅު ނާޅާ ވާހަކަ،" ސީޕީ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ފާއިތުވީ ތިން އަހަރުގެ ތެރޭގައި ދީނީ އަގީދާއާ ދެކޮޅަށް އެއްވެސް އެއްޗެއް ގަސްތުގައި ބުނުން ނުވަތަ އަމަލެއް ހިންގައިގެން 21 މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މައްސަލައަކަށް ދައުވާކުރަން ދެ އަހަރު ތެރޭގައި ފޮނުވައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރަރިޒަމަށް ހިތްވަރުދޭން މަސައްކަތްކުރި 33 މައްސަލައެއް ވެސް ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ މިފަދަ މައްސަލަތަކުގައި ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާއެކު މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ކަންބޮޑުވުން ހުރި، ރައްޔިތުންގެ ރައްކާތެރިކަމަށް ހުރަސް އެޅިގެންދާ ފަދަ މިފަދަ ބޮޑެތި މައްސަލަތަކުގައި އަޅުގަނޑުމެން ވަކި ކަމަކަށް ނުބަލާ ހުރިހާ ކަމަކަށް ވެސް އެއް ލެވެލްއެއްގައި ސީރިއަސްކަން ދޭނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ގިނަ މައްސަލަތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވާކަން ހާމަވާ ކަމަށް މީގެ ކުރިން ޕްރެސްތަކުގައި ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައިފައެވެ.

comment ކޮމެންޓް