މި އަހަރު ނިމުމުގެ ކުރިން ކުޑަކުދީންގެ ޖަލުގެ މަސައްކަތް ނިމޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދީންގެ ޖަލުގެ މަސައްކަތް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުށަށް ހުށަހެޅިފައިވާ ކުޑަކުދިން އެ ވެށިން ދުރުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ރާވާ ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ތަމްރީނުކުރެވިފައިވާ މުވައްޒަފުން މުޅި ރާއްޖޭގައި ވެސް ނެތުން، އަޅުގަނޑުމެން އ.ދގެ ތަފާތު އޯގަނައިޒޭޝަންތަކާއެކު މަސައްކަތް ކުރެވި މިހާރު ވަނީ އެކަމަށް ޓަކައި ރަނގަޅު މަގުތަކެއް ފެނިފަ،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތުން ކުޑަކުދިންގެ މައްސަލަތަކުގައި މުވާސަލާތު ކުރަން ޖެހޭ ހުރިހާ މުއައްސަސާތައް އެކުގައި ގުޅިގެން ޓްރެއިން ކުރެވޭނެ ވަކި ގޮތްތަކެއް ހަމަޖެއްސުމަށް ޓަކައި، ޖުވެނައިލް ޖަސްޓިސްގެ ޓްރެއިނިންތަކަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.

ހަމައެހެންމެ ކަރެކްޝަންސް އިން ކުޑަކުދިން މަރުކަޒު ކޮށްގެން ގެންގުޅޭ ޖަލުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަސް ނިމުމުގެ ކުރިން ނިމި، ކުދިން ބޭއްތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން ކުޑަކުދިން ގެންގުޅުމަށް ހަމަޖެހިފައިވާ މަރުކަޒު ދ. ކުޑަހުވަދޫގައި ފެށިގެން ކުރިއަށްދާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ފެށޭއިރު އެތަނުގެ ހިދުމަތް ފުރިހަމަ ގޮތުގައި ފެށިގެންދާނެ ކަމަށް،" އިމްރާން ވިދާޅުވިއެވެ.

މިފަހުން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ވަނީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެފައެވެ.

އެޗްއާރުސީއެމްއިން ބުނެފައިވަނީ، އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ނުލިބޭ ތަނެއްކަން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ތަނުގައި ތިިބި ކުދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރަން އަންގައިފައިވާއިރު، ގިނަ ކުދިން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް