އެންމެ ފަހުން، ޔުނައިޓެޑްގެ ކޯޗުކަމުން އޮލޭ ވަކިކޮށްފި

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ --- ފޮޓޯ//ލައިވްސްކޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގުނަ ސޮލްޝެޔާ އެ މަގާމުން ވަކިކޮށްފައިވާކަން ކުލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑުން ބޮޑެތި ބަލިތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭ ލީގުގައި ރެލިގޭޝަނާ ގާތުގައި އޮތް ވަޓްފޯޑް އަތުން އެ ޓީމު ބަލިވީ 1-4 އިންނެވެ. އެ ނަތީޖާއާއެކު ކުލަބުގެ ބޯޑުން އޮލޭ ވަކިކުރަން ނިންމީ ރޭގައެވެ.

ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައި އޮތުމުގެ އިތުރުން ޓީމުގެ ދަށް ކުޅުމާއެކު ރޭގެ މެޗަށް ނުކުތް އިރު ވެސް އޮލޭގެ ވަޒީފާއާ މެދު އޮތީ ޝައްކު އުފެދިފައެވެ. އޭގެ ތެރެއިންވެސް އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗާއި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ސޮލްޝެއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

ރޭގެ މެޗުގެ ބައްޔާއެކު ޕްރެޝަރު ބޮޑުވެފައި އޮތް ސޮލްޝެއާގެ މަގާމާއި މެދު ފަސް ގަޑިއިރުގެ ދިގު ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި ބޯޑުން އޭނާ ވަކިކުރަން ފާސްކުރި އިރު، މިއަދު ހެނދުނު ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ ވަނީ ސޯލްޝެއާ ވަކިކުރަން ބޯޑުން ފާސްކުރި ނިންމުމަށް ތާއިދުކޮށްފައެވެ.

ޔުނައިޓެޑުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އޮލޭ އަކީ ކުލަބުގެ ލެޖެންޑެއް ކަމަށެވެ. އެހެން ނަމަވެސް ފަހުގެ ނަތީޖާތަކަށް ބަލައި ޓީމަށް ބަދަލެއް ގެންނަން ޖެހޭކަން ކުލަބުގެ މެނޭޖްމެންޓަށް ފާހަގަކުރެވިފައިވާ ކަމަށާއި، އޭނާގެ ނަން ކުލަބުގެ ތާރީހުގައި ލިޔެވިގެން ގޮސްފައިވަނީ މޮޅު ކުޅުންތެރިއެއްގެ ގޮތުންނާއި، އުންމީދީ ޓީމެއް ބިނާކުރި ކޯޗެއްގެ ގޮތުގައެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހު ސޮލްޝެއާ ކޮށްދިން މަސައްކަތަށް ޔުނައިޓެޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުރިން ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭރު އެ ޓީމުން ވަކިކުރި ހޯސޭ މޮރީނިއޯ ނެތްތަން ފޫބައްދަން އޮލޭ ފުރަތަމަ ހަވާލު ކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ޔުނައިޓެޑް ސަޕޯޓަރުންގެ އެދުމާއެކު އޭނާގެ ވަޒީފާ ވަނީ ދާއިމީ ކޮށްފައެވެ.

comment ކޮމެންޓް